ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިއުޒީލެންޑަށް ޒިޔާރަތްކުރައްވާނެކަމަށް ބެލެވިއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަންނަ ޖުލައި މަހުގެ ތެރޭގައި ނިއުޒީލެންޑަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަމަށް ލަފާކުރެވެން ފަށައިފިއެވެ. މިއީ އެ މަނިކުފާނު ނިއުޒީލެންޑަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާއިރު، މި އަހަރުގެ ކުރީކޮޅު ދެ ގައުމުގެ ސަރުކާރުންވެސް ވަނީ މި ދަތުރުފުޅަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.

Ads by Allied

މި ދަތުރުފުޅުގެ ކުރިން، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވަނީ ނިއުދިއްލީގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފައެވެ.

ނިއުޒީލެންޑުގެ 'ފަސްޓް އަޕް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޖުލައި މަހު މޯދީގެ ދަތުރުފުޅު އޮންނާނެތޯ އެހުމުން ނިއުޒީލެންޑުގެ ނައިބު ބޮޑުވަޒީރު ޑޭވިޑް ސޭމޯރ ވިދާޅުވީ، އެކަން ވަރަށް އަވަހަށް ޔަގީންކޮށްދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފާއިތުވި މަހު ނިއުޒީލެންޑާއި އިންޑިއާއާ ދެމެދު ވަނީ ތާރީޚީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ނިއުޒީލެންޑުން އެކްސްޕޯޓުކުރާ މުދަލުގެ 95 އިންސައްތައިން ޓެރިފް ކަނޑާލުން ނުވަތަ ކުޑަކުރުން ހިމެނެއެވެ. މިގޮތުން ކަންބަޅި މަހާއި، ކަންބަޅި ކެހެރިއާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ކަނޑުފަޅުގެ ބާވަތްތަކުން ނަގާ ޓެރިފް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ. މީގެ ތެރެއިން ގިނަ ބާވަތްތަކުގެ ޓެރިފް ވަގުތުން ކަނޑާލެވޭނެއެވެ. ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި މަދުމަދުން ކުޑަކުރަމުން ގެންދާނެއެވެ.

މީގެ އިތުރުން، އިންޑިއާއަށް ނިއުޒީލެންޑުން އެކްސްޕޯޓުކުރާ މުދަލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މުދާ ފުރަތަމަ ދުވަހުން ފެށިގެން ޑިއުޓީ-ފްރީ ވާއިރު، ވަގުތު ފާއިތުވަމުންދާ ވަރަކަށް މި އަދަދު 80 އިންސައްތައަށް ވުރެ މައްޗަށް އަރާނެއެވެ. އިންޑިއާގެ ޓެރިފްތައް ތާރީޚީ ގޮތުން ހުރީ ވަރަށް މަތީގައި ކަމަށްވުމުން، އެ މާކެޓަށް ވަނުމުގެ ފުރުސަތު ނިއުޒީލެންޑަށް އޮތީ ގާތްގަނޑަކަށް ބަންދުވެފައެވެ. ނަމަވެސް މިހާރު ޓެރިފްތައް ކުޑަކޮށް ނުވަތަ ކަނޑާލުމުގެ ސަބަބުން، ހަމައެކަނި ނަމެއްގައި އޮތް ފުރުސަތެއްގެ ބަދަލުގައި މިއީ ވިޔަފާރީގެ ގޮތުން ފައިދާހުރި މާކެޓަކަށް ވެގެންދާނެއެވެ.

ނަމަވެސް، އިންޑިއާއާއެކު ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި (އެފްޓީއޭ) ކިރުގެ ބާވަތްތައް ހިމެނުމަށް ނިއުޒީލެންޑުން ކެނޑިނޭޅި ކުރި މަސައްކަތްތަކާ ގުޅިގެން، އިންޑިއާގެ މަޝްވަރާވެރިން ވާހަކަތައް ދޫކޮށްލާނެކަމުގެ އިންޒާރު ދިންކަން ފާއިތުވި ހަފުތާގައި ވަނީ ހާމަވެފައެވެ. ނިއުޒީލެންޑުގެ ޗީފް ޓްރޭޑް އޮފިޝަލް ވެންޖެލިސް ވިޓާލިސް ބުރާސްފަތި ދުވަހު ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް މި މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ކިރުގެ ސިނާއަތަށް މި އެއްބަސްވުމުން މާބޮޑު ފައިދާއެއް ނުލިބުމަކީ ކުރިމަތިވި "ބޮޑު މާޔޫސްކަމެއް" ކަމަށެވެ.

Ads by Allied Insurance