ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ, ކަނޑުތައް ގަދަވާނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Ads by Allied

އެ އިދާރާއިން ނެރުއްވާފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، އުތުރުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް މޫސުން އާންމުގޮތެއްގައި ސާފުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވައިޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ ހުޅަނގާއި ހުޅަނގުދެކުނުންނެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ހާމަކުރައްވައެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އަނެއް ދެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެކަމަށާއި، ދެކުނުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައިކަމަށް ވަނީ ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ކާފު އަތޮޅު ގާފަރަށެވެ. އެ ރަށަށް 27.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by Allied Insurance