އިންޑިއާއަށް އެތެރެވާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހެޅުން ލާޒިމުކޮށްފި
އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް އެ ގައުމަށް އެތެރެވުމުގެ ކުރިން އެ މީހެއްގެ ސިއްހީ ހާލަތު ބަޔާންކޮށްދޭ ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހެޅުމަށް ލާޒިމްކޮށްފިއެވެ.
މި އާ އުސޫލުގެ ދަށުން، ފަސިންޖަރުންގެ ދަތުރުފަތުރުގެ މައުލޫމާތާއި މިހާރުގެ ސިއްހީ ހާލަތު އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފައެވެ. ވައިގެ މަގުންނާއި ކަނޑުމަގުން އިންޑިއާއަށް އެތެރެވާ ކޮންމެ މީހަކު ވެސް މި ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށް އަންގާފައިވާއިރު، އެއާޕޯޓުން ދިމާވެދާނެ ލަސްތަކުން ސަލާމަތްވުމަށް ޓަކައި ދަތުރު ފެށުމުގެ ކުރިން އޮންލައިންކޮށް މިކަން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާ ގުޅިގެން ގައުމުތަކުން އަންނަނީ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ދުނިޔޭގައި އެބޯލާ ފަދަ ބަލިތައް ފެތުރުމުގެ ބިރު އޮތުމާއެކު ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް އަންނަނީ މިފަދަ ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންނެވެ.