ދުނިޔެއިން ވަރަށް މަދުން ފެންނަ މެންގްރޫވް ގަހުގެ ބާވަތެއް ރާއްޖެއިން ވެސް ފެނިއްޖެ

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ މެންގްރޫވް ގެ ބާވަތެއް ކަމުގައިވާ "ބްރޫގުއީރާ ހެނެސީ"، ރާއްޖެއިން ވެސް ފެނިއްޖެއެވެ. މިބާވަތުގެ ގަހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ގަހެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ މިބާވަތުގެ މެންގްރޫވް ގަސް ފެނިފައިވަނީ ހއ. ކެލާގެ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ. މިސާރވޭ ކުރިއަށް ދިޔައީ މިއަހަރުގެ މާރޗު މަހުގައެވެ.
މިސާރވޭ ކުރިއަށް ގެންދިޔައީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެންނެވެ.
މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދިޔަ ސާރވޭއެކެވެ.