ބާޒާރުން ފިޔާ ހުސްނުވާނެކަމުގެ ޔަޤީންކަމާ އެކު، އައު ޝިޕްމަންޓެއް މި ހަފްތާ ގެންނަނީ
އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ފިޔާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާގެ އައު ޝިޕްމަންޓެއް މި ހަފުތާގެ ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ މައި ވިޔަފާރި ކުންފުނިން ކަށަވަރުކޮށްދޭ ގޮތުގައި، އެ ކުންފުނީގެ ގުދަންތަކުގައި މިވަގުތު ވެސް އެކަށީގެންވާ ވަރަށް ފިޔާ ރައްކާކުރެވިފައި އެބަހުއްޓެވެ. އަދި އާންމުންނަށް ވިއްކަމުންދާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު، މިހާރު ވެސް ކިލޯއެއް ދޫކުރަމުން ދަނީ 13 ރުފިޔާގެ މަގުންކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
ފަހަކަށް އައިސް މީސްމީޑިއާގެ އެކި މަންސަތަކުގައި ބާޒާރުން ފިޔާ ހުސްވަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ތަރުޖަމާނު ވަނީ އެކަން ދޮގުކުރައްވައި، ރައްޔިތުންނަށް އެއްވެސް ކަންބޮޑުވުމަކާ ނުލައި ފިޔާ ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން މުދާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް، ދިވެހިރާއްޖެއަށް ބޭނުންވާ އެންމެހާ އަސާސީ ކާބޯތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ހަރުދަނާ އިންތިޒާމުތައް އެސްޓީއޯއިން އަންނަނީ ހަމަޖައްސަމުންނެވެ.