"ކޫލް ސްކޫލް" މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމާލަނީ
ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހިނގާ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ފެނަކަ ކޯޕަރޭޝަނުން އަމާޒުހިފައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިން ހާމަކުރެއްވި ގޮތުގައި، ބައެއް ރަށްރަށުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ލަސްވެގެން ދިޔައީ ބޭނުންވާ ސާމާނާއި ފަންނީ މީހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ. މީގެ އިތުރުން، ކަރަންޓު ވިއުގަތަކުގެ ވޯލްޓޭޖު ދަށްވުމާއި، ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބްސްޓޭޝަންތައް ނެތުމަކީ ވެސް މި މަޝްރޫޢު މަޑުޖެހުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ސްކޫލްތަކުގެ ކަރަންޓު ނިޒާމު ކުރިން ފަރުމާކޮށްފައިވާ ގޮތުން، އޭސީތަކަށް ޚާއްޞަކޮށްގެން އާ މީޓަރުތަކެއް ގުޅަންޖެހުމަކީ ވެސް ދިމާވި އިތުރު ގޮންޖެހުމެއްކަން އެމްޑީ ވަނީ ބަޔާންކުރައްވާފައެވެ.
މި ހުރިހާ ހުރަސްތަކަކާ އެކުގައި ވެސް، ފެނަކައިން މިހާރު އަންނަނީ މި މަޝްރޫޢަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްތައް ހަލުވިކުރަމުންނެވެ. އެގޮތުން، ކުންފުނީގެ މުވައްޒަފުންނަށް ނުކުރެވޭ ފަދަ ޓެކްނިކަލް މަސައްކަތްތައް ކުރުމަށްޓަކައި ބޭރުން ފަންނީ އެހީތެރިން ހޯދައިގެން ވެސް، ޖޫން މަސް ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ދަރިވަރުންނާއި އުނގަންނައިދޭ ފަރާތްތަކަށް ކްލާސްރޫމްތަކުގައި ދިމާވާ ހޫނުގެ އުނދަގޫތަކަށް ދާއިމީ ނިމުމެއް ގެނެސްދޭނެ މުހިންމު މަސައްކަތެކެވެ.