ދުނިޔެ

ތަމްރީނުތަކަށް އެތައް މިލިއަނެއް ޚަރަދުކޮށްގެންވެސް ބަންގްލަދޭޝްގެ ވަޒީފާނެތްކަމަށް ހައްލެއް ނައި ސަބަބު

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ސްކޫލްތަކުން ކިޔަވާ ނިމިގެން ނުކުންނަ ޒުވާނުން ވަޒީފާގެ މާހައުލަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުކުރެވޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް އިވޭ އަޑެކެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިގްރީ ހާސިލްކޮށްފައިވާ މީހުންގެ ތެރެއިން ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 13.5 އިންސައްތައަށް އަރާފައެވެ. މިއީ އާންމުކޮށް ވަޒީފާނެތް މީހުންގެ ނިސްބަތަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 10 އިންސައްތަ ޒުވާނުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. އެއީ އާންމު ނިސްބަތަށްވުރެ ދެ ގުނަ މަތީ އަދަދެކެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ތައުލީމެއް، ވަޒީފާއެއް އަދި ތަމްރީނެއް ނެތް (ނީޓް) ގިންތީގައި 30 އިންސައްތަ ޒުވާނުން ހިމެނުމެވެ. މިކަމުގެ ސަބަބުން ކުށްކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ނުރައްކަލަށް ޒުވާނުންގެ ތިންބައިކުޅަ އެއްބައި ހުށަހެޅިގެންދެއެވެ.

ވަޒީފާ ނުއުފެދި އިގްތިސާދު ކުރިއަރަމުން ދިއުމަކީ ތައުލީމާއި ތަމްރީނަށްވުރެ ބޮޑަށް އިގްތިސާދީ ސިޔާސަތާ ގުޅިފައިވާ މައްސަލައެކެވެ. ފާއިތުވި ވިހި އަހަރުގެ ތެރޭގައި ހުނަރު ތަރައްގީކުރުމާއި ވަޒީފާ އުފެއްދުމަށް ބަންގްލަދޭޝްގައި ބޮޑެތި އެތައް މަޝްރޫއުތަކެއް ހިންގާފައިވެއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި، ޕައްލީ ކަރްމާ ޝަހާޔަކް ފައުންޑޭޝަން (ޕީކޭއެސްއެފް) މެދުވެރިކޮށް ހިންގި 'ސްކިލްސް ފޯ އެމްޕްލޯއިމަންޓް އިންވެސްޓްމަންޓް ޕްރޮގްރާމް' (އެސްއީއައިޕީ - 2014 އިން 2023 އަށް) އަކީ ޑިމާންޑް ބޮޑު ހުނަރުތަކަށް ޒުވާނުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމެކެވެ. މީގެ ދަށުން އަހަރަކު 60،000 ޒުވާނުން ތަމްރީނުކުރިއިރު، އޭގެ ތެރެއިން 60 އިންސައްތަ މީހުންނަށް ވަޒީފާ ލިބުނުކަމަށް ރިޕޯޓުކޮށްފައިވެއެވެ. ވޯލްޑް ބޭންކުގެ އެހީގައި ހިންގާ 'އެސެޓް' މަޝްރޫއު (2021-26) އަމާޒުކޮށްފައިވަނީ ހަތަރުވަނަ ސިނާއީ އިންގިލާބަށް ޒުވާނުން ތައްޔާރުކުރުމަށެވެ. މީގެ ކުރިން ވޯލްޑް ބޭންކުގެ އެހީގައި ހިންގި 'ސްޓެޕް' މަޝްރޫއުގެ (2010-19) ދަށުން ޕޮލިޓެކްނިކްތައް ޒަމާނީކޮށް، އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެހީތެރިވެދީފައިވެއެވެ. އަދި އައިއެލްއޯ އާއި އީޔޫ ގުޅިގެން ހިންގި ޓިވެޓް ރިފޯމް މަޝްރޫއުގެ (2008-15) ދަށުން ކޮލިޓީ ކަށަވަރުކުރުމަށް 'އެންޓީވީކިޔުއެފް' ފްރޭމްވޯކް އެކުލަވާލިއެވެ. ނުރަސްމީ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ވޯލްޑް ބޭންކުގެ އެހީގައި ޕީކޭއެސްއެފް އިން މިހާރު ދަނީ 'ރެއިޒް' ޕްރޮގްރާމްގެ ނަމުގައި ކުދި ވިޔަފާރިވެރިންނަށް ތަމްރީނާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގަމުންނެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ތަމްރީނުވުމުގެ ފުރުސަތުތައް ފުޅާވެގެން ދިޔަނަމަވެސް، ޑިގްރީ ހާސިލްކުރާ މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ. ބަންގްލަދޭޝް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 22 ލައްކަ ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެއެވެ. ނަމަވެސް އަލަށް އުފެދެނީ އެންމެ 14 ލައްކަ ވަޒީފާއެވެ. އެހެންކަމުން ވަޒީފާ ހޯދަން ނުކުންނަ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ވަޒީފާއެއް ނުލިބެއެވެ. މައްސަލަ ދިމާވީ ކޮން ހިސާބަކުން ތޯއެވެ؟

މީގެ ފަސްދޮޅަސް އަހަރު ކުރިން ސޯޝިއޮލޮޖިސްޓް ފިލިޕް ފޮސްޓަރ ލިޔުއްވާފައިވާ ގޮތުގައި، ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކަށް ވޮކޭޝަނަލް ނުވަތަ ފަންނީ ތަމްރީނުތައް ތައާރަފުކުރުމަކީ އޮޅުމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އާންމު ތައުލީމުގެ މައިގަނޑު މަގުސަދަކަށް ވާންވާނީ ލިޔަންކިޔަން ދަސްކޮށްދިނުމާއި ހިސާބު އިލްމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ ވިސްނުމާއި އަޚްލާގީ އަގުތައް އަށަގަންނުވައިދިނުމެވެ. ޚާއްސަކޮށް ފަގީރު ގައުމުތަކުގެ ސްކޫލްތަކުން މި އަސާސީ ކަންކަން ފުރިހަމަކުރުމަށް އޮންނަ ބުރަ ބޮޑުއިރު، އޭގެ ތެރެއަށް ފަންނީ ތަމްރީނުތައް ވައްދައިގެން ނުވާނެއެވެ. މިކަމުގެ ތަޖުރިބާތަކަށް ބަލައި 1980 ގެ އަހަރުތަކުން ފެށިގެން ވޯލްޑް ބޭންކުންވެސް ވަނީ އާންމު ސްކޫލްތަކުގެ ބަދަލުގައި ޚާއްސަ ވޮކޭޝަނަލް އިންސްޓިޓިއުޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ފޮސްޓަރގެ މި ނިންމެވުން މިއަދުގެ ހާލަތާ މާ ބޮޑަށްވެސް ގުޅެއެވެ. ސަބަބަކީ ވަޒީފާތަކުގެ ބާވަތްތައް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާތީ، މަސައްކަތްތެރިން އަބަދުވެސް އައު ހުނަރުތައް ދަސްކުރަން ތައްޔާރަށް ތިބެންޖެހޭތީއެވެ.

ހާވަރޑް ކެނެޑީ ސްކޫލްގެ ޑެނީ ރޮޑްރިކް އަދި ރޯހަން ސަންދު ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ވަޒީފާގެ މުސްތަގުބަލު އޮތީ ޚިދުމަތްދޭ ދާއިރާތަކުގައެވެ. އުފެއްދުންތެރިކަމުގެ (މެނުފެކްޗަރިންގ) ދާއިރާއަކީ ތާރީޚީ ގޮތުން ކުރިއެރުން ގެނެސްދިން ދާއިރާއެއް ނަމަވެސް، މިއަދުގެ އިގްތިސާދުގައި އެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި މަތީ ފެންވަރުގެ ހުނަރު ބޭނުންވުމުގެ ސަބަބުން، އާމްދަނީ މަދު ގައުމުތަކަށް ވަޒީފާ އުފެއްދުމާއި ހުނަރު ތަރައްގީކުރުން ވަނީ ގޮންޖެހުމަކަށް ވެފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގައި (ޖީޑީޕީ) ޚިދުމަތްދޭ ދާއިރާގެ ހިއްސާ ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ގިނަ ބަޔަކަށް ވަޒީފާ ދެވޭނެ ފަދަ ޚިދުމަތްދޭ ދާއިރާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭންޖެހެއެވެ.

ރޮޑްރިކް އާއި ސަންދު ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ހަތަރު ސްޓްރެޓެޖީއެއް ހުށަހަޅުއްވާފައެވެ. ފުރަތަމަ ކަމަކީ މިހާރުވެސް ހުރި ބޮޑެތި އަދި އުފެއްދުންތެރި ކުންފުނިތަކުން ސީދާކޮށް ނުވަތަ ސަޕްލައި ޗެއިން މެދުވެރިކޮށް އިތުރު ވަޒީފާތައް އުފެއްދުމަށް ބާރުއެޅުމެވެ. ދެވަނަ ކަމަކީ މެނޭޖްމަންޓް ތަމްރީނާއި، ލޯނާއި، ހިލޭ އެހީ އަދި ޓެކްނޮލޮޖީގެ އެހީގައި ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. ތިންވަނަ ކަމަކީ މަދު ހުނަރުތަކެއް ހުންނަ މަސައްކަތްތެރިންނަށް އެހީތެރިވެދޭނެ ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން މަތީ ތައުލީމު ލިބިފައިވާ މީހުން ކުރާ ބައެއް މަސައްކަތްތައް މަދު ތައުލީމެއް ލިބިފައިވާ މީހުންނަށްވެސް ކުރެވޭނެއެވެ. ހަތަރުވަނަ ކަމަކީ މަދު ތައުލީމެއް ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ވޮކޭޝަނަލް ތަމްރީނާއެކު ވަޒީފާ ދެމެހެއްޓުމަށާއި ކުރިއެރުމަށް ބޭނުންވާ އިތުރު އެހީތެރިކަން (ރެޕް-އަރައުންޑް ސާވިސަސް) ފޯރުކޮށްދިނުމެވެ. މިކަމުގައި ވަޒީފާ ދޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައެވެ.

ސަރުކާރުގެ ބައެއް އިސްނެގުންތަކުން މި ސްޓްރެޓެޖީތަކުގެ ސިފަތައް ފެންނަން ހުރި ނަމަވެސް، ނަތީޖާ ނެރުމަށްޓަކައި މުހިންމު ކަންތައްތަކަކަށް ސަމާލުކަން ދޭންޖެހެއެވެ. ފުރަތަމަ ކަމަކީ އާންމު ސްކޫލްތަކުގައި ފަންނީ ތަމްރީނު މަޖުބޫރުކުރުމުގެ ބަދަލުގައި އަސާސީ ހުނަރުތަކަށް އިސްކަންދިނުމެވެ. ދެވަނަ ކަމަކީ 2020-22 ގައި ގެނައި މަންހަޖުގެ ބަދަލުތަކުން ފިލާވަޅު ލިބިގަނެ، ކްލާސްރޫމްގައި ކިޔަވައިދޭ ގޮތާއި މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތްތައް މުރާޖާކުރުމެވެ. ތިންވަނަ ކަމަކީ ނޭޝަނަލް ޔުނިވަރސިޓީގެ 4 އަހަރުގެ މޮޑެލްގެ ބަދަލުގައި، އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ކޮމިއުނިޓީ ކޮލެޖުތަކެކޭ އެއްފަދައިން، ކުރު ކޯސްތަކާއި 1-2 އަހަރުގެ ޑިޕްލޮމާތަކަށް ފަސޭހައިން ވަދެ ނުކުމެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ހަތަރުވަނަ ކަމަކީ ސްކޫލްތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ފުރިހަމައަށް ހިފުމަށްޓަކައި ހަމައެކަނި ޓެބްލެޓެއް ދިނުމުގެ ބަދަލުގައި، އިންޓަނެޓް ކަނެކްޓިވިޓީއާއި ސޮފްޓްވެއަރ ފަދަ ވަސީލަތްތައް ކަށަވަރުކުރުމެވެ. ފަސްވަނަ ކަމަކީ ވަޒީފާތަކުގެ 80 އިންސައްތައަށްވުރެ ގިނަ ވަޒީފާއަކީ ނުރަސްމީ ސިނާއަތްތަކަށް ވާއިރު، އެންޖީއޯތަކާއި އަމިއްލަ ތަމްރީނުދޭ ފަރާތްތަކަކީ ވަޒީފާއާ ގުޅުވައިދޭ މުހިންމު ފާލަމެއްކަން ދެނެގަތުމެވެ. އެ ފަރާތްތަކާ މެދު އާދައިގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މުއާމަލާތުކުރުން ހުއްޓާލައި، ބިއުރޯ އޮފް ނޮން-ފޯމަލް އެޑިއުކޭޝަން އަދި ޕީކޭއެސްއެފް ފަދަ އިދާރާތަކުން އެ ފަރާތްތަކާއެކު ހަގީގީ ބައިވެރިވުން ގާއިމުކުރަން ޖެހެއެވެ. ހަވަނަ ކަމަކީ ބޭރުގެ ލޯނުތަކުން ހިންގާ މަޝްރޫއުތަކުގައި ފައިސާ ޚަރަދުކުރުމަށް އެކަނި އިސްކަންދިނުމުގެ ބަދަލުގައި، ވަގުތީ މަޝްރޫއުތަކުން ފުރަގަސްދީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރޭވުމަށްޓަކައި ޓިވެޓްގެ މައި އިދާރާތަކުގެ ދައުރު ފުޅާކޮށް، ފުރިހަމަ އަދި ގުޅިފައިވާ ނިޒާމެއް ގާއިމުކުރުމެވެ.

ބައިނަލްއަގުވާމީ ތަޖުރިބާއަށާއި ބަންގްލަދޭޝްގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންވީ ސިނާއަތްތަކާއި، އަމިއްލަ ފަރާތްތަކާއި، އެންޖީއޯތައް އަދި މުޖުތަމައު ގުޅިގެން އެކުވެރި ބައިވެރިންގެ ގޮތުގައި މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރުމުގެ މައްޗަށެވެ.

Ads by Allied Insurance