އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އިންޑިއާއިން ކުޅޭ 'ބެލެންސިންގ ގޭމް' އަދި ސްޓްރެޓީޖިކް ނިއުޓްރަލިޓީ
މެއި 26 ވަނަ ދުވަހު ބޭއްވުނު ކުއަޑް ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ފެނިގެންދިޔައީ، ހަކަތައާއި މުހިންމު މިނަރަލްތަކުގެ ސަލާމަތާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަޝްވަރާތަކުގެ ތެރެއިން ގައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމުގެ މުހިންމު ނިޝާނެކެވެ. އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ މި އިއްތިހާދު 2017 ވަނަ އަހަރު އަލުން ހަރަކާތްތެރިވާން ފެށީ ސަރަހައްދީ ގޮތުން ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާ އެކުގައެވެ. ޓެކްނޮލޮޖީއާއި، އުމްރާނީ ތަރައްގީއާއި، ސިއްހީ އަދި ތިމާވެށީގެ ދާއިރާއިން އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ކަނޑުވާލުމަށް 2017 ގެ ފަހުން ކުއަޑުން މަސައްކަތްކުރި ނަމަވެސް، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާއިން ޗައިނާއާއެކު އެހެނިހެން ރޮނގުތަކުން ގުޅުން ބޭއްވުމަކަށް އެކަމުގެ ސަބަބުން ހުރަހެއް ނާޅައެވެ. ޚާއްސަކޮށް އިންޑިއާއިން ޗައިނާއާއެކު ބާއްވާ އިގުތިސާދީ ގުޅުމުގެ ސަބަބުން، އެމެރިކާއާއި ޗައިނާގެ ބާރުގެ ކޯޅުމުގެ ތެރޭގައި ވަކި ފަރާތަކަށް ނުޖެހި 'ސްޓްރެޓީޖިކް ނިއުޓްރަލިޓީ' އެއް ހިފެހެއްޓުމަށް އިންޑިއާއިން އިސްކަންދޭކަން ހާމަވެއެވެ. މިއީ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ދެ ބާރުގެ ދެމެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އުފެދިފައިވާ ސިޔާސީ އައު ވިސްނުމެކެވެ.
2014 ވަނަ އަހަރުގެ ފަހުން އިންޑިއާއިން ގެންގުޅޭ މިނިވަން ޚާރިޖީ ސިޔާސަތު ނުވަތަ 'ސްޓްރެޓީޖިކް އޮޓޮނޮމީ' ގެ މައިގަނޑު އަމާޒަކީ، ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ޑިމޮކްރެސީއާއި ލިބަރަލިޒަމްގެ އަސާސްތަކުގެ މައްޗަށް އެކަނި ބިނާކޮށް އެކުވެރިކަން ބޭއްވުމުގެ ބަދަލުގައި، އަމިއްލަ ގައުމަށް އެންމެ ފައިދާހުރި ބައިނަލްއަގުވާމީ ސިޔާސީ މަގުތައް ޚިޔާރުކުރުމެވެ. މޯގެންތޯ ފަދަ ހަރުކަށި ރިއަލިސްޓުން ބަޔާންކުރާ ފަދައިން، އަމިއްލަ ގައުމުގެ މަސްލަހަތު އިސްކުރާ މި ރިއަލިސްޓް ވިސްނުމުގެ ދަށުން އިންޑިއާއިން މަސައްކަތްކުރަނީ ގައުމުގެ އެތެރޭގެ ތަރައްގީއާއި ސަރަހައްދީ ބާރުވެރިކަން ހަމަހަމަކުރުމަށެވެ. ނަމަވެސް، އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތަކުގެ ވާދަވެރިކަމާއި އިންޑިއާއާ އޮންނަ ގުޅުންތައް ފުށުއަރާ ގޮތަށް އޮތުމުގެ ސަބަބުން، އަމަލީ ގޮތުން މި ސިޔާސަތު ބަދަލުވެފައިވަނީ ވަކި ފަރާތަކަށް ނުޖެހޭ 'ސްޓްރެޓީޖިކް ނިއުޓްރަލިޓީ' އަށެވެ. ސަބަބަކީ، ވަކި އެއް ގައުމަކާ މުޅިން ގުޅިއްޖެނަމަ އޭގެ ގެއްލުން އިންޑިއާއަށް ވަރަށް ބޮޑުވާނެތީއެވެ.
21 ވަނަ ގަރުނުގައި ކަނޑުމަތީގެ ސަލާމަތަށް ދެވޭ ސަމާލުކަން އިތުރުވަމުންދާއިރު، އެމެރިކާއިން އިންޑިއާއަށް ޝައުގުވެރިވާ މައިގަނޑު ސަބަބަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިންޑިއާ އޮންނަ ޖިއޮސްޓްރެޓީޖިކް މަގާމެވެ. މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަސްކަރީ މަރުކަޒުތައް ފިޔަވައި އެމެރިކާގެ އަމިއްލަ ވަޒަނެއް މި ސަރަހައްދުގައި ނެތުމުން، އެމެރިކާއަށް މަޖުބޫރުވެފައިވަނީ އިންޑިއާ ފަދަ ގައުމުތަކާ ގުޅިގެން ޑިޕްލޮމެޓިކް ފައިދާ ހޯދާށެވެ. ޓެކްނޮލޮޖީއާއި އުމްރާނީ ތަރައްގީގެ ރޮނގުން އެމެރިކާއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރާއިރު، ފަހުގެ ވިޔަފާރީގެ މަޝްވަރާތަކާއި ކްރިޓިކަލް މިނަރަލްސް އެއްބަސްވުންތަކަކީ ދެ ގައުމަށްވެސް ފައިދާހުރި ކަންކަމެވެ. މީގެ ސަބަބުން އެމެރިކާއަށް ޗައިނާއަށް ބަރޯސާވުން ކުޑަކުރެވޭއިރު، އިންޑިއާގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ފުރުސަތު ލިބެއެވެ. އެހެންނަމަވެސް، ޓްރަމްޕްގެ ވެރިކަމުގައި ޓެރިފް ހަތިޔާރަކަށް ހެދުމާއި، އިންޑިއާގެ ވިސާ ހޯލްޑަރުންނަށް އަސަރުކުރި އިމިގްރޭޝަން ސިޔާސަތުތަކުގެ ސަބަބުން، މުޅިން އެމެރިކާއަށް ބަރޯސާވުމަށް އިންޑިއާއިން ފަސްޖެހެއެވެ. އޭގެ ސަބަބުން، އެމެރިކާއާއެކު އޮންނަ ގުޅުން ހަމަހަމަ ގޮތެއްގައި ކުރިއަށްގެންދިއުމަށް އިންޑިއާއަށް މަޖުބޫރުވެއެވެ.
އަނެއްކޮޅުން، އިންޑިއާއާއި ޗައިނާގެ ގުޅުމުގެ އަސްލަކީ މިނިވަންކަމަށްފަހު އުފެދުނު ބޯޑަރުގެ މައްސަލަތަކާއި 1962 ވަނަ އަހަރުގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިތުބާރު ނެތުމުގެ މައްސަލަތަކެވެ. ނަމަވެސް، ދެ ގައުމަކީވެސް ނިއުކްލިއަރ ބާރުތަކަކަށް ވުމާއި، 1993 ވަނަ އަހަރު ވެވުނު ބޯޑަރު ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން އަސްކަރީ ކުރިމަތިލުމަކަށް ދިއުން ވަނީ ހުއްޓުވިފައެވެ. 1984 ގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވުމާއެކު ދެ ގައުމުގެ އިގުތިސާދީ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. 2024-2025 ގެ މާލީ އަހަރުގައި އިންޑިއާއިން ޗައިނާއިން 113.46 ބިލިއަން ޑޮލަރުގެ ރެކޯޑު އަދަދަކަށް މުދާ އެތެރެކޮށްފައިވާއިރު، މިއީ ޗައިނާގެ ޖުމްލަ އެކްސްޕޯޓުގެ %3.5 އެވެ. ޝަންހާއީ ބަނދަރާއި އިންޑިއާގެ ހުޅަނގުގައި އޮންނަ ޕިޕަވަވް ބަނދަރު ގުޅާލާ އާ މާސްކް މެރިޓައިމް ޚިދުމަތަކީ މި ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެކެވެ. ނަމަވެސް މިއީ އަގުބޮޑު ބަރޯސާވުމަކަށް ވެދާނެއެވެ. ޗައިނާގެ ސަޕްލައި ޗެއިން ހިފެހެއްޓުންތަކުގެ ސަބަބުން އިންޑިއާގެ ސެމިކޮންޑަކްޓަރ ޗިޕް އިންޑަސްޓްރީފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ވަނީ ހުރަސްއެޅިފައެވެ.
އެމެރިކާއާއި ޗައިނާއާ އެކުވެސް އިންޑިއާއިން ބާއްވާ ގުޅުމުން ދައްކުވައިދެނީ، ގުޅިލާމެހިފައިވާ ކަމުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ ބަރޯސާވުންތަކުގެ މައްޗަށް ބިނާކޮށް، ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅޭ ސްޓްރެޓީޖިކް ނިއުޓްރަލިޓީއެކެވެ. މިއީ 'ގްލޯބަލް ސައުތު' ގެ ގައުމުތަކުގައި މިހާރު އާންމުވަމުންދާ ސިޔާސީ އޮއިވަރެކެވެ. އިންޑިއާގެ އިތުރުން އިންޑޮނޭޝިއާ، ބްރެޒިލް އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ވެސް ކުޅެމުންދަނީ މި ރިއަލިސްޓް ބެލެންސިންގ ގޭމްއެވެ. ދުނިޔޭގެ ސިޔާސީ މަސްރަހުގައި އެމެރިކާއާއި ޗައިނާއިންވެސް ފައިތިލަ ސާބިތުކޮށްފައިވާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުން އަމިއްލަ ބާރުވެރިކަން ކަށަވަރުކުރުމަށްޓަކައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު އިޚުތިޔާރުކުރަނީ، މިއަދުގެ ހާލަތު އެކަމަށް މަޖުބޫރުކުރާތީއެވެ.