ބައިނަލްއަޤްވާމީ ފެންވަރުގައި ބަސްބުނުމުގެ ބާރު އދ. ގެ އިކޯސޮކް އިންތިޚާބާ އެކު ރާއްޖެއަށް ލިބިއްޖެ
އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލިސް (އިކޯސޮކް) ގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ދުނިޔޭގެ ފެންވަރުގައި މުހިންމު ނިންމުންތައް ނިންމުމުގައި ދިވެހިންގެ އަޑު އުފުލުމަށް ފުޅާ ދާއިރާއެއްގައި މަގުފަހިވެގެން ގޮސްފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، 2027 އިން 2029 އަށް ހިނގާ ދައުރަށް ރާއްޖެ ހޮވުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިދިޔަ ޖޫން މަހުގެ 4ވަނަ ދުވަހު ނެގި ވޯޓުން ކާމިޔާބުކުރި މި ގޮނޑިއަކީ، އދ. ގެ އެންމެ އިސް ހަ ގުނަވަނުގެ ތެރޭގައި ހިމެނޭ މުހިންމު މަޖިލީހަކަށް ވުމުން، މިއީ ތިމާވެއްޓާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކުގައި ރާއްޖޭގެ ސިޔާސަތުތައް ބޭރު ދުނިޔެއަށް ހާމަކޮށްދޭން ލިބުނު މުހިންމު ޕްލެޓްފޯމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
ތިމާވެށި ޙިމާޔަތްކުރުމުގެ ރޮނގުން ދިވެހިރާއްޖެއަކީ ކުރިއްސުރެ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިޙުތިރާމް ހޯދާފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ބޭރުގެ އެކި ޖަމާޢަތްތަކާ ގުޅިގެން އިސް ސަފުގައި ހަރަކާތްތެރިވުން ކަމަށެވެ. އެގޮތުން، ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ޙައްޤުގައި ވަކާލާތުކުރުމުގައި އިކޯސޮކްގެ ތެރެއިން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށް ތަރުޖަމާނު އަލިއަޅުއްވާލެއްވިއެވެ. މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މި ރޮނގުން މަތީ ތަޢުލީމާއި ތަމްރީނު ހޯދާފައިވާ ފަންނީ ޒުވާނުން ބިނާކުރުންކަމަށާއި، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދީ މައިދާނަށް ނެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ހާމަކުރެއްވިއެވެ.
ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މިހާރު ވެސް ދައުލަތުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ދިރުންތައް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ގްރީން ފަންޑުގެ ތެރެއިން ހަތް މިލިއަން ރުފިޔާ ޚާއްޞަކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ.