ބާލީހުން ލިބޭ އަރާމުގެ އިތުރުން، ބާލީހުގެ ސަބަބުން ބަލިވޭތަ؟
ބާލީހޭ ބުނުމުން ކޮންމެ މީހެއްގެ ވެސް ހަނދާނަށް އަންނާނީ އަރާމު ނިންޖެކެވެ. ބާލީހުން ލިބޭ އަރާމުގެ ސަބަބުން ގިނަ މީހުން ނިދާއިރު ބޮލުދަށަށާއި، ބައްދާލުމަށާއި އަދި ފައިދަށަށް ލުމަށް އެތައް ބާލީހެއް ބޭނުންކުރެއެވެ. ނަމަވެސް ބާލީހަކީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ނޭނގި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ.
ހޫނު މޫސުމުގައި ރަނގަޅަށް ސާފުނުކޮށް ބޭނުންކުރާނަމަ، ބާލީހަކީ ބެކްޓީރިއާ އާއި އެހެނިހެން ޖަރާސީމުތައް އާލާވެ، ސިއްހީ އެތައް މައްސަލަތަކަކަށް މަގުފަހިކުރުވާ އެއްޗެކެވެ.
ރަކް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑާމަޓޮލޮޖިސްޓް، ޑރ. ދިލްރޫބާ ބޭގަމް ފާހަގަކުރެއްވި ގޮތުގައި ޔޫއޭއީ ފަދަ ގައުމުތަކުގެ ހޫނު މޫސުމުގައި ފިނިހޫނުމިން މައްޗަށް ގޮސް، ވައިގައި ތެތްކަން ހުންނަ މިންވަރު (ހިއުމިޑިޓީ) އިތުރުވުމުން، ހާއްސަކޮށް ރޭގަނޑު ދާހިއްލާ މިންވަރު އިތުރުވެއެވެ.
"ދަލާއި، ހަމުގެ ގުދުރަތީ ތެލާއި، މަރުވެފައިވާ ހަމުގެ ސެލްތައް ބާލީހާއި ބާލީސްއުރައިގައި ޖަމާވުމުން، އެތަން ހޫނު އަދި ތެތް މާހައުލަކަށް ބަދަލުވޭ. މިއީ ބެކްޓީރިއާ، ފަންގަސް އަދި ޑަސްޓް މައިޓްސް އާލާވުމަށް އެންމެ ފުރިހަމަ މާހައުލު،" ޑރ. ދިލްރޫބާ ބޭގަމް ވިދާޅުވިއެވެ.
މިގޮތަށް ޖަމާވާ ތަކެތީގެ ސަބަބުން ދުވަސްކޮޅެއްގެ ތެރޭގައި، ހާއްސަކޮށް ސެންސިޓިވް ހަންގަނޑެއް ހުންނަ މީހުންނާއި އެލާޖީ ހުންނަ މީހުންނަށް ހަމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެއެވެ.
ޑރ. ބޭގަމް އިތުރަށް ވިދާޅުވި ގޮތުގައި، ދަލުން ފޯވެފައިވާ ބާލީހެއްގެ ސަބަބުން، ހާއްސަކޮށް ތެޔޮ ހަންގަނޑެއް ހުންނަ މީހުންގެ މޫނުގައި އޮށާޅަ ނެގުމަށް މަގުފަހިވެއެވެ. މޫނުގައި އުނގުޅާފައި ހުންނަ ތަކެއްޗާއި ދާ، ބާލީހުގައި ހޭކި މުޅި ރޭގަނޑު އެތަކެތި ހަމުގައި ޖެހުމުން މި މައްސަލަ އިތުރަށް ގޯސްވެއެވެ. މީގެ ސަބަބުން ހަމުގެ ވަޅުތައް ބެދި، ބެކްޓީރިއާ އާލާވުމަށް ފުރުސަތު ލިބި، ކޯތާފަތާއި ދަތްދޮޅި އަދި ނިތްކުރީގައި އޮށާޅަ ނަގައެވެ. ހޫނު މޫސުމުގައި ފޮލިކިއުލައިޓިސް، ފަންގަލް އެކްނީ (މަލަސީޒިއާ ފޮލިކިއުލައިޓިސް) އަދި ހޫނު ބިހި ފަދަ މައްސަލަތައް ވެސް އިތުރުވެއެވެ.
މިފަދަ ޖަރާސީމުތަކުގެ އަސަރު ހަމައެކަނި ކުރަނީ މޫނަކަށް ނޫނެވެ. ބޮލުގެ އިސްތަށިގަނޑާއި ހަމަށް ވެސް މިކަމުގެ އަސަރުކޮށް، ހަންފޮޅުމާއި ބޮލުގައި ބިހި ނެގުން ފަދަ ކަންކަން މެދުވެރިވެއެވެ. ޑރ. ބޭގަމް ވިދާޅުވީ ގަދަ ހޫނުގައި، ބާލީސްއުރަ ބަދަލުނުކޮށް ބޭނުންކުރާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މައްސަލަތައް ފެންމަތިވެދާނެ ކަމަށެވެ.
ބާލީހުގައި ޖަމާވާ ތަކެތީގެ އަސަރު ހަމައެކަނި ކުރަނީ ހަމަކަށް ނޫނެވެ. ރަކް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޮޓޯރައިނޯލެރިންގޮލޮޖިސްޓް، ޑރ. ރަޝްމީ ފެނާންޑޭޒް ވިދާޅުވީ ހޫނު މޫސުމުގެ ހިއުމިޑިޓީގެ ސަބަބުން ތަންމަތީގައި އެލާޖަންސް އާލާވާ ކަމަށެވެ. "ބާލީހަކީ ދަލާއި ވައިގައި ހުންނަ ތެތްކަމާއި މަރުވެފައިވާ ހަމުގެ ސެލްތައް ދަމައިގަންނަ ސްޕަންޖެއް ފަދަ އެއްޗެއް. މީގެ ސަބަބުން ނޭވާލުމަށާއި ސައިނަސްގެ މައްސަލަތައް އިތުރަށް ގޯސްވޭ،" އޭނާ ވިދާޅުވިއެވެ.
އެންމެ ބޮޑު މައްސަލައަކީ ޑަސްޓް މައިޓްސްއެވެ. މިއީ ލޮލަށް ނުފެންނަ ކުދި ސޫފިތަކެކެވެ. މިއީ އިންސާނާގެ ހަށިގަނޑުން ފައިބާ މަރުވެފައިވާ ސެލްތައް ކައިގެން އުޅޭ އެއްޗެކެވެ. ޑރ. ފެނާންޑޭޒް ފާހަގަކުރެއްވި ގޮތުގައި ހިއުމިޑިޓީ 50 އިންސައްތައަށްވުރެ މަތިވުމުން މި ސޫފިތައް އާލާވުން ހަލުވިވެއެވެ. މީގެ ނަޖިހާއި ހަށިގަނޑުގެ ބައިތައް ނޭވާގެ ޒަރިއްޔާއިން އެތެރެވުމުން އެލާޖިކް ރައިނައިޓިސް، ސައިނަސް ދުޅަވުން އަދި ނޭވާހިއްލުމުގެ މައްސަލަތައް ދިމާވެއެވެ. މީގެ އިތުރުން، ބާލީހުގައި އުފެދޭ ފަންގަސް ނުވަތަ މޯލްޑް ސްޕޯސް އެތެރެވުމުން ނޭފަތް ބެދުމާއި އެލާޖިކްވުން ކުރިމަތިވެއެވެ.
ބާލީހުގެ ސަބަބުން ސިއްހަތަށް ނުރައްކާވާކަން އަންގައިދޭ ބައެއް ނިޝާންތައް ހުރެއެވެ. އޭގެ ތެރޭގައި:
* ހެނދުނު ހޭލާއިރު ނޭފަތް ބެދިފައި ހުރުމާއި، ކިނބިހި އެޅުމާއި ލޯ ހިރުވުން.
* ރީނދޫ ކުލައިގެ ލަކުނު ބާލީހުގައި ހުރުން ނުވަތަ ނުބައި ވަސް ދުވުން.
* ހަމުގެ މައްސަލަތައް އިތުރަށް ގޯސްވުން.
* ބާލީހުގެ ބައްޓަން ގެއްލި، ކަރުގެ ރިހުމާއި ބޮލުގައި ރިހުން ކުރިމަތިވުން.
މިކަންކަމުން ސަލާމަތްވުމަށް ޑރ. ފެނާންޑޭޒް ލަފާދެއްވަނީ އެލާޖީން ސަލާމަތްކޮށްދޭ ކަވަރު ބޭނުންކުރުމަށާއި، ހޫނު ފެނުން ތަންމަތި ދޮވުމަށާއި، ކޮންމެ އެއް އަހަރަކާއި ދެ އަހަރަކާ ދެމެދު ބާލީސް އާކުރުމަށެވެ.