ޚަބަރު

ރައީސްއަށް ނިސްބަތްކޮށް ޝަމްޢާން ފެތުރީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް: ތަރުޖަމާނު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގެ ކުރިން މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމްޢާންގެ މައްޗަށް ކުށް ސާބިތުވެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގަތުމުގެ ކުރިން، ސަރުކާރާ އިދިކޮޅު ނޫސްތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވަނީ، ބިދޭސީންގެ ކޯޓާ ވިއްކުމާއި ފައިސާ ފޭރުމުގެ އަމަލުތައް ހިންގެވީ ދާޚިލީ ވަޒީރު ޢަލީ އިޙްސާން ކަމަށާއި، އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާއިރު ވެސް ވަޒީރު ދިފާޢުކުރައްވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް ތަރުޖަމާނު ވަނީ މި ހުރިހާ ތުހުމަތުތަކެއް ސީދާ ދޮގުކުރައްވާ، އެއީ އޮޅުވާލުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއްކަން ހާމަކުރައްވާފައެވެ.

މީޑިއާތަކުގެ ކުރިމަތީގައި ޝަމްޢާން އެހެން ފަރާތްތަކުގެ ބޮލުގައި އިލްޒާމް އެޅުއްވި ނަމަވެސް، ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފައިސާ ފޭރުމުގައި ބައިވެރިވުމުގެ އިތުރުން މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.

Ads by Allied Insurance