ޚަބަރު

ޕާލަމެންޓުގެ މެންބަރުންގެ ކުރިމަތީ އަސްމާ ކިބައިން ރައީސް މާފަށް އެދިވަޑައިގެންނެވި: ސަލީމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު މެންބަރުންގެ ކުރިމަތީ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގެންނެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ރޭގައިި ޕީއެންސީ އިން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަލީމް ވިދާޅުވީ ރައީސް ޕާލިމެންޓްރީ ގްރޫޕުގެ ވަކިވަކި މެންބަރުންނާ ވަކިން ބައްދަލުކުރައްވައި ކުރިއަށް ދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އިރުޝާދު ދެއްވި ކަމަށެވެ. އަދި ވަކި ވަކިން ކޮންމެ މެންބަރަކާ ބައްދަލުކުރެއްވުމަށް ފަހު، ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ކުރިމަތީ އަސްމާގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

"އަސްމާއްތައާ މެދު އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހިތްހަމަޖެހުންތަކެއް ހިނގި. އެކަމަކު ނިކަން ވިސްނާބައްލަވާ، އެ ދުވަހު ޕާލިމެންޓްރީ ގްރޫޕުގެ އެންމެންގެ ކުރިމަތީގައި އެ މަނިކުފާނު އަސްމާއްތާގެ ކިބައިން މާފަށް އެދިވަޑައިގަތީއޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސްގެ އެ އަމަލަކީ ހުލްގު ހެޔޮ އަމަލެއް ކަމަށާއި ރައީސް އަށް އިހުލާސްތެރިކަމާއެކު  ޕާޓީން މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އަސްމާ ސަރުކާރަށް ފާޑުކިޔާ ވީޑިޔޯ އެެއް ލީކުވިއެވެ. އެއާ އެކު އަސްމާގެ އާއިލާގެ ދެ މެންބަރަކު މަގާމުން ވަކިކޮށް، އަލުން އައްޔަންކޮށްފައިވެއެވެ. އެ ގޮތުން އދ.އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އަސްމާގެ ކޮއްކޮ ޑރ. ސަލްމާ ރަޝީދުގެ ވަޒީފާ އަލުން އިއާދަކޮށްފައިވާއިރު ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައި ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް އެ މަގާމުން ވަކިކޮށް ފަހުން ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އޭނާ އައްޔަންކޮށްފައިވެއެވެ.

Ads by Allied Insurance