ޚަބަރު

2030އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ 30 ޕަސެންޓް ހިމާޔަތްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދެހާސް ތިރީސް ވަނަ އަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ 30ޕަސެންޓް ހިމާޔަތްކުރަން ސަރުކާރުން އަމާޒު ހިފައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން 93ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ފަރުތަކުގެ 14އިންސައްތަ ހިމެނޭއިރު، މިއީ ކަނޑުގެ ދިރުންތައް އާލާކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި އެ މަސައްކަތުގެ ދަށުން ބ. އަތޮޅު ހަނިފަރާއި، ދެކުނު އަރިއަތޮޅުގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)ފަދަ ތަންތަނުގެ ހިމާޔަތް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން އިސްކަންދެމުންދާކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި ރާއްޖޭގެ އަމާޒަކީ 2030ވަނަ އަހަރާ ހަމައަށް ދާއިރު ކަނޑުގެ ސަރަހައްދުތަކުގެ 30އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ރާވައިފައެވެ. އެ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުފަޅުތަކުގެ މުހިންމުކަމާ މެދު މުޖުތަމައު ހޭލުންތެރިކޮށް، ތިމާވެށި ރައްކާތެރިކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުންކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!