ޚަބަރު

ވޯލްޑް ކަޕްގައި ސަޕޯޓްކުރާ ޓީމަކީ އާޖެންޓީނާ، ނެދަލެންޑް ވެސް ތަށި ނަގާފާނެ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

މިރޭ ރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މުބާރާތުގައި ތާއީދުކުރައް ވާނީ އާޖެންޓީނާއަށްކަން ހާމަކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އިބްރާހީމް ރާފިޢު އާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ކުޑައިރުއްސުރެ، ޚާއްސަކޮށް ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ ޒަމާނުން ފެށިގެން އާޖެންޓީނާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އާޖެންޓީނާ މުބާރާތުން ކަޓައިފިނަމަ ނުވަތަ ކާމިޔާބު ނުލިބިއްޖެ ހާލަތެއްގައި ދެން އެންމެ ބޮޑަށް ސަޕޯޓްކުރައް ވާނީ އިނގިރޭސިވިލާތަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިންގްލެންޑް ޓީމަށް ލޯބިޖެހުނީ އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު ކަމަށެވެ. މީގެ އިތުރުން ކުލަބު ލެވެލްގައި އެމަނިކުފާނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޭނެއްކަން ވެސް ވަނީ ހާމަކުރައްވާފައެވެ.

މުބާރާތުގެ ނަތީޖާތަކާ ގުޅޭގޮތުން އަމިއްލަފުޅު ޚިޔާލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިފަހަރުގެ މުބާރާތުން އާދަޔާޚިލާފު ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. އެގޮތުން ފްރާންސަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކުރައްވައި، ނެދަލެންޑްސް (ހޮލެންޑް)އިން ތަށި އުފުލާލުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވިއެވެ. ވަގުތުގެ ގޮތުން ކޮންމެ މެޗެއް ނުބެއްލެވުނު ނަމަވެސް، މުބާރާތުގެ އެންމެ މުހިންމު މެޗުތައް ބެއްލެވުމަށް ވަގުތު ހުސްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގައި ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދަކަން ފާހަގަކުރައްވައި ރައީސް ވަނީ، ވީހާވެސް ގިނަ ރައްޔިތުންނަށާއި ޚާއްސަކޮށް ޒުވާނުންނަށް ފަސޭހަކަމާ އެކު މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް މިނިސްޓަރު ރާފިޢުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޔޫތު މިނިސްޓްރީން ދަނީ މުބާރާތާ ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެޗުތައް ބެލޭނެ އިންތިޒާމުތައް ފުޅާ ދާއިރާއެއްގައި ހަމަޖައްސަމުންނެވެ. އަދި މި މުނާސަބަތާ ގުޅުވައިގެން ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ފުޓްބޯޅަތަކެއްގައި ރައީސް މުޢިއްޒު ވަނީ ސޮއިކުރައްވާފައެވެ.

Ads by Allied Insurance