ހިމަބިހި ކޮންޓްރޯލްކުރަން އިންޑިއާއިން ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފި
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން އިންޑިއާއިން ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފިއެވެ.
މި ފަހުން ހިމަބިހި ފެތުރެން ފެށި ފަހުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 11އަށް ވަނީ އަރައިފައެވެ. އެހެންވެ ބަލި ކޮންޓްރޯލް ކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދޭން ފަށަން އެޗްޕީއޭއީން މިހާރު ވަނީ ނިންމައިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން މިއަދު ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، އެ މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އެމްއާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ ސާމާނު ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމްއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން އެތަކެއްޗާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.