ބަންގްލަދޭޝްގެ އާމްދަނީ އާއި ޖީޑީޕީގެ ނިސްބަތް ހަނގުރާމައިގެ ޙާލަތުގައިވާ ސޫދާނާއި ޔަމަނާ ގާތްކުރާ މިންވަރަކަށް ވެއްޓިއްޖެ
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބަންގްލަދޭޝްގެ އިޤުތިޞާދުގެ ނިސްބަތުން ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރު ހުރީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ދަށް ގައުމުތަކުގެ ތެރޭގައެވެ. މިގޮތުން، 2024 ވަނަ އަހަރު އެ ޤައުމުގެ އާމްދަނީ އާއި ޖީޑީޕީގެ ނިސްބަތް ހުރީ 8.34 އިންސައްތައިގައެވެ. މިއީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޔަމަނާއި ސޫދާނަށްވުރެ ކުޑަތަންކޮޅެއް މަތީ އަދަދެކެވެ. އަދި މިއީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިންނާއި ބަންގްލަދޭޝްއާ އެއްފަދަ އިޤުތިޞާދުތަކުގެ ތެރެއިން އެންމެ ދަށް ނިސްބަތެވެ.
އާމްދަނީ ދަށްވުމުގެ ސަބަބުން، ޞިއްޙަތާއި ތަޢުލީމާއި އުމްރާނީ ތަރައްޤީ ފަދަ އާންމު ޚިދުމަތްތަކަށް އިންވެސްޓުކުރުމަށް ސަރުކާރަށް ހުރަސްއެޅި، އިޤުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ލަންޑަނުގައި ހުންނަ އިންޓަނޭޝަނަލް ގްރޯތު ސެންޓަރު (އައިޖީސީ) އިން ބުނާ ގޮތުގައި، ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވުމުން ދައުލަތުގެ ޚަރަދުތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، ޓެކްސް ދެއްކުމަށް މީހުން ފަސްޖެހެއެވެ. އިޤުތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އާމްދަނީގެ ނިސްބަތް ދަށްވުމުގެ އަނެއް ސަބަބަކީ، ޓެކްސް ނެގޭ ދާއިރާތައް މަދުވުމާއި، ނުރަސްމީ އިޤުތިޞާދު ފުޅާވުމާއި، ޓެކްސްގެ ބޮޑެތި މާފުތައް ދިނުމުގެ އިތުރުން ސީދާ ޓެކްސްގެ ބަދަލުގައި ނުސީދާ ޓެކްސްއަށް ބޮޑަށް ބަރޯސާވުމެވެ.
ރިސާޗް އެންޑް ޕޮލިސީ އިންޓަގްރޭޝަން ފޯ ޑިވެލޮޕްމަންޓް (ރެޕިޑް) ގެ ޗެއާމަން މުޙައްމަދު އަބްދުއްރައްޒާޤު ވިދާޅުވީ، އާމްދަނީގެ ނިސްބަތް ދަށްވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދައުލަތުގެ މާލީ ޖާގަ ހަނިވެ، ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ޚާއްޞަކޮށް ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ކުރާ ހޭދަ ދުނިޔޭގެ ނިސްބަތުންވެސް ދަށްވުމުގެ ސަބަބުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެދެވޭ ކުރިއެރުމެއް ލިބިފައިނުވާކަމާއި، މުހިންމު އުމްރާނީ މަޝްރޫޢުތައް ކުރިއަށް ގެންދެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޓެކްސް ކުޑަވުމުގެ ސަބަބުން ރައްޔިތުންގެ އަތުގައި ފައިސާ ހުރުމުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ވަކި ހިސާބަކަށް މަގުފަހިވެގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކާ އަޅާކިޔާއިރު، އިންޑިއާގެ އާމްދަނީ އާއި ޖީޑީޕީގެ ނިސްބަތް ހުރީ 20.48 އިންސައްތައިގައެވެ. ޕާކިސްތާނުގައި މި ނިސްބަތް 12.67 އިންސައްތައިގައި ހުރިއިރު، ސްރީލަންކާގައި ހުރީ 13.68 އިންސައްތައިގައެވެ. އަދި ބޫޓާނުގައި މިއަދަދު 26.97 އިންސައްތައަށް އަރައެވެ. ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކަށް ބަލާއިރު، ކެމްބޯޑިއާގައި 14.58 އިންސައްތަ އަދި ސެނެގޯލްގައި 20.13 އިންސައްތައިގައި ހުރިއިރު، ސޮލޮމޮން އައިލެންޑްސްގައި މި ނިސްބަތް އުޅެނީ 32.7 އިންސައްތައިގައެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައިވެސް ބަންގްލަދޭޝް އުޅެނީ އެންމެ ފުލުގައެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބަލާއިރު، ޓެކްސް އާއި ޖީޑީޕީގެ ނިސްބަތް މަދުވެގެން 15 އިންސައްތައިގައި ހުރުމަކީ މުހިންމު ކަމެކެވެ. މިއަށްވުރެ ދަށްވެއްޖެނަމަ ސަރުކާރު ހިންގުމާއި މާލީ ކުރިއެރުމަށް ހުރަސްއެޅެއެވެ. އައިއެމްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫދާނުގެ ޓެކްސް ނިސްބަތް 2.93 އިންސައްތައިގައި ހުރިއިރު، ޔަމަނުގައި ހުރީ 6.44 އިންސައްތައިގައެވެ. އަދި ސިޔާސީ ހަމަނުޖެހުންތައް ބޮޑު އިތިއޯޕިއާގައި މިއަދަދު ހުރީ 7.55 އިންސައްތައިގައެވެ. އަނެއްކޮޅުން، އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ޑޮމިނިކާ، ފިންލެންޑް، ފްރާންސް، ކިރިބާޓީ، ކުވައިތު، ލެސޯތޯ، ނޯވޭ އަދި ޔޫކްރެއިން ފަދަ ޤައުމުތަކުގައި މި ނިސްބަތް 50 އިންސައްތައަށްވުރެ މައްޗެވެ.
ވާރލްޑް ބޭންކުން ބަންގްލަދޭޝް އަދި ބޫޓާނަށް ކަނޑައަޅާފައި ހުންނަވާ ޑިވިޝަން ޑިރެކްޓަރ ޖީން ޕެސްމޭ ވިދާޅުވީ، ބަންގްލަދޭޝްގެ ޓެކްސް ނިސްބަތް ދަށްވި ނަމަވެސް، ބައެއް ޓެކްސް ރޭޓުތައް އެހެން ޤައުމުތަކަށްވުރެ ބޮޑު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަސްލު މައްސަލައަކީ އޮޅުންބޮޅުން ބޮޑު ޓެކްސް ނިޒާމެކެވެ. އަދި ވީއޭޓީ އާއި އިންކަމް ޓެކްސް އިން ދެމުންދާ ބޮޑެތި މާފުތަކުގެ ސަބަބުން، އަސްލު ލިބޭ ޓެކްސްގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ގެއްލިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ޓެކްސްތަކަށާއި ޑިއުޓީތަކަށް ބަރޯސާވުމަކީ އެކްސްޕޯޓަށް ހުރަސްއެޅޭ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޅި ނިޒާމު އިސްލާޙުކުރުމަށްޓަކައި، ޓެކްސް މާފުކުރުންތައް މުރާޖަޢާކޮށް، ވީއޭޓީ ނިޒާމު ހަރުދަނާކޮށް، އަދި ޓެކްސް ނެގުން ޑިޖިޓަލައިޒް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޕެސްމޭ ވިދާޅުވިއެވެ. ރެޕިޑްގެ ޗެއާމަން ރައްޒާޤު އިތުރަށް ވިދާޅުވީ، މައިގަނޑު އަމާޒަކަށް ވާންވާނީ ޓެކްސް ނެގޭ ދާއިރާ ފުޅާކުރުން ކަމަށެވެ. އެގޮތުން ރަށްފުށުގެ ބާޒާރުތަކާއި ސިނާޢީ ސަރަޙައްދުތައް ޓެކްސް ނިޒާމުގެ ތެރެއަށް ވެއްދުމަކީ މުހިންމު ކަމެކެވެ.
ރައްޒާޤު ފާހަގަކުރެއްވި ގޮތުގައި ބަންގްލަދޭޝްގައި އާމްދަނީގެ ފަރަޤު ވަރަށް ބޮޑެވެ. ރެޕިޑްގެ ދިރާސާއަކާ ހަވާލާދީ އޭނާ ވިދާޅުވީ، ޤައުމުގެ މުއްސަނދިކަމުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ އާބާދީގެ އެންމެ 1 އިންސައްތަ މީހުންނެވެ. އެހެންކަމުން، މުއްސަނދިކަމުގެ ޓެކްސްއަކަށްވުރެ ބޮޑަށް، އެއް ޖީލުން އަނެއް ޖީލަށް މުދާ ވާރުތަވާއިރު ނެގޭ ޓެކްސްއަކަށް ވިސްނުން ބަހައްޓަންޖެހޭކަމަށް އޭނާ ލަފާދެއްވިއެވެ. އަދި ބިންބިމުގެ އަގު ކުޑަކޮށް ދައްކައިގެން ޓެކްސްއިން ރެކޭ މައްސަލަ ހައްލުކުރުމަށާއި، ނުސީދާ ޓެކްސްގެ ބަދަލުގައި ސީދާ ޓެކްސް ނެގުމަށް އިސްކަންދީ، އޮޅުވާލުންތައް ކުޑަކުރުމަށްޓަކައި ޓެކްސް ނެގުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.