ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ފޮރިން މިނިސްޓަރު ބައްލަވައިފި
ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައްލަވައިފިއެވެ.
ހަތް ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް ވަނީ ޔުނާން ޔުނިވަރސިޓީއަށް ވަޑައިގެން، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރާ ބައްދަލުކުރައްވައިފައެވެ.
އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދިމާވާ ދަތިތައް އޮޅުންފިލުއްވައި މިނިސްޓަރ އިރުތިޝާމް ވަނީ އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނަވައިފައެވެ.
އެ ދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ވެސް ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިޔަށް އޮތް ތަނުގައި ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ދިހަ ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލަވާލައްވައި މިނިސްޓަރު ވަނީ މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.