ދެން ފުރަމަލަ

ބަޔަކު ގަދަކަމުން ލަވަކިޔުއްވަން ފެށި ލަވަކިޔުންތެރިޔާ، މިއަދު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއްތަރި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަކީ ކަމެއް ކުރަން ފަށާއިރުގައި އެކަމެެއް ކުރާހިތުން ކުރަން ފެށުމުގެ ސަބަބުން ކުރިއަރައިގެން ދާ މީހުނެވެ. ނަމަވެސް އަނެއްބައި މީހުނަކީ އެމީހުންގެ ކިބައިގައިވާ އެ ހުނަރުގެ ބޭނުން ކުރަން އެމީހާ ބޭނުންނުވެ، ބަޔަކު އެމީހެއްގެ ހުނަރު ގަދަކަމުން ދައްކުވައިގެން ކުރިއަރާފައިވާ މީހުންނެވެ. ނަމަވެސް އެކަމެއް ކުރެވުމުން މިއަދު އެކަމާއި މެދު ފަޚުރުވެރިވާ މީހުންވެސް އުޅެއެވެ. އެކަމާއި މެދު ޝުކުރުވެރިވާ މީހުން އުޅެއެވެ.

Ads by MWSC

ދައްކަން މިއުޅެނީ އަަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ރަން އަކުރުން ނަން ފެވިފައިވާ މިފަދަ ތަރިއެއްގެ ވާހަކައެވެ. އެންމެންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މޮޅު ލަވަކިޔުންތެރިއެއްގެ ވާހަކައެވެ. ފަޚުރުވެރި ތިނަދޫގެ ޒުވާން ފަންނާނެއްގެ ވާހަކައެވެ. ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު އިބުރާހިމް ޒައިދު އަލީ (ކުޑައިއްބެ) ގެ ވާހަކައެވެ. ކިޔައިދޭން މިއުޅެނީ މި މޮޅު ފަންނާނު ލަވަކިޔުމުގެ ދުނިޔެއަށް ނުކުތް ގޮތުގެ ވާހަކައެވެ.

އިއްބެ އެންމެ ފުރަތަމަ ލަވަކިޔަން ފެށީ ކޮންއިރަކު؟

އިއްބެ އެންމެ ފުރަތަމަ ލަވަކިޔުމުގެ ދާއިރާއަށް ނިކުތީ ކިހިނަކުންތޯ ކުރި ސުވާލަށް އިއްބެ ދިން ޖަވާބަކީ ހަގީގަތުގައިވެސް އަޅުގަނޑުމެން ހައިރާން ކޮށްލި ޖަވާބެކެވެ. އާންމުންގެ ތެރޭގައި އިއްބެ ލަވަކިޔުމުގެ ދާއިރާއިން މަޝްހޫރުވީ ކަމުގައިވީ ނަމަވެސް އިއްބެ ބުނެފައިވާ ގޮތުގައި އިއްބެ މި ދާއިރާއަށް ނުކުތީ ބަޔަކު ގަދަކަމުން އިއްބެ ލައްވާ މިކަން ކުރުއްވީމަ ކަމަށެވެ. އެހެންނަމަވެސް މިއަދު އެކަމާއި މެދު އިއްބެ އުފާވާކަމަށާއި ފަޚުރުވެރި ވާކަމަށްވެސް އިއްބެ "ދެން" އާއި ވާހަކަ ދައަކަމުން ފާޙަގަ ކުރިއެވެ.

އިއްބެއަކީ ލަވަ ކިޔާހިތުން ލަވަކިޔަން ފެއްޓި މީހެއް ނޫން. ލަވަ ކިޔަން ބަޔަކު މަޖުބޫރު ކޮށްގެން ލަވަކީމީހެއް ފުރަތަމަ. އެއީ ހަނދާންވާ ގޮތުން ވެއްޖެޔާމު އުމުރުން ގާތްގަނޑަކަށް 9 ނޫނި 10 އަހަރުގަ.

މާޒީގެ ހަނދާންތައް އާކުރަމުން އިއްބެ "ދެން" އާއި އެވާހަކަތައް ހިއްސާކުރިއެވެ. ސުކޫލު ދައުރުގައިވެސް އެކި ކަހަލަ ކޮންސެޓުތައް އޮތް ނަމަވެސް އިއްބެ މީގެން އެއްވެސް ހަރަކާތެއްގައި ބައިވެރި ވެފައެއް ނުވެއެވެ. އެހެންނަމަވެސް އެއް ހަފުލާގައި ލަވަކިޔަން ފުރުސަތު ލިބުމުން ލަވަކީ ކަމަށާއި، އެހިސާބުން ސުކޫލުގެ ކުދި ހަފްލާތަކުގައި ލަވަކިޔަމުން ދިޔަކަމަށް އިއްބެ ބުނެފައިވެއެވެ.

އިއްބެ ބޭނުންވަނީ ލަވަކިޔަންތަ ނޫނީ މިއުޒިކު ހަދަންތަ؟

އިއްބެއަކީ ގުދުރަތީ ގޮތުން ރީތި އަޑެއް ލިބިފައިވާ ހުނަރުވެރި ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކު ހަދާ އަދި ކޮމްޕޯޒް ކުރާ މީހެއްވެސްމެއެވެ. އިއްބެ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް މިއުޒިކުގެ މަސައްކަތް ވަރަށް ކުރާ ހިތްވާ މީހެކެވެ. ވަރަށް ކުޑަކުޑަ އިރުން ފެށިގެންވެސް ގިޓާއެއް ގެންގުޅޭ ކަމަށް ފާހަަގަ ކުރަމުން އިއްބެ ބުނީ އޭރުވެސް އިތުރު އިންސްޓްރޫމަންޓްތައް ކުޅެން ދަސްކުރުމަށް ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތްކަމަށާއި، ހަމައެހެންމެ އޭރުގެ އެންމެ މަޝްހޫރު ބޭންޑުތައްވެސް "ފޮލޯ" ކުރަމުން ދިޔަ ކަމަށެވެ.

އޭރު ސުކޫލުގައިވެސް އެހެން ބައެއް ހަފުލާތަކުގަވެސް ލަވަކިޔާ އުޅުނިން. އޭރުންސުރެ ފެށިގެންވެސް އަސްލު ބޮޑަށް މިއުޒިކު ގެ މަސައްކަތް ކުރާހިތް ވަނީ. ދެން އިންސްޓްރުމެންޓުތައް ދަސްކުރުން

 

އިއްބެ އެހެން ލަވަކިޔުންތެރިންނާއި އެކު

މިއުޒިކުގެ އިތުރުން އިއްބެގެ އެހެން ހުނަރެއް

ފޮތެއްގެ ބަނޑޭރި ގަނޑެއް ބަލާލުމުން އެފޮތުގައި ވަނީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެކަން ގައިމެވެ. އެފޮތުގައި ވާ ހަގީގަތާއި އެފޮތުގެ ސިއްރުތައް ހޯދުމަށް އެފޮތް ރަނގަޅަށް ކިޔާ ދިރާސާ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެފަދައިން އިއްބެގެ ކިބައިގައިވެސް ލަވައާއި މިއުޒިކުގެ އިތުރުން އެހެން ހުނަރެއްވެސް ވާކަން އަޅުގަނޑުމެނަށް އެނގުނީ އިއްބެއާއި ކުރެވުނު އިންޓަވިއުގެ ތެރެއިންނެވެ. އިއްބެއަކީ ލަވަކިޔުމާއި ލަވަހެދުމުގެ އިތުރުން ކުރެހުމަށް ވެސް ހަމައެހާމެ ކުޅަދާނަ ފަންނާނެކެވެ.

 ކުރީގަ އުޅުނީ ހަމަ ބޮޑަށް ކުރެހުމުގަ. ޕެއިންޓިންގް ގެ ހުރިހާ މަސައްކަތެއް ދެން މިސާލަކަށް ތަށީ ކުރެހުމާ، ރާއްޖެއާ ބެހޭއެކި މަންޒަރިތަކާ ގިޑިގެ ހަދަންވެސް އުޅުނިން.

މިކަން "ދެން" އާއި ހިއްސާކުރަމުން އިއްބެ ބުނީ މާލޭގެ ސޯސަން މަގުގައި ހަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ފޮޓޯއަކީ ވެސް އިއްބެމެންގެ މަސައްކަތެއް ކަމަށެވެ.

ޕްރޮފެޝަނަލީ މިއުޒިކުގެ ދާއިރާއަށް ނިކުތީ ކިހިނެއް؟

މި ދާއިރާއަށް ޕްރޮފެޝަނަލްކޮށް ނުކުތް ގޮތް ކިޔާދެމުން އިއްބެ ބުނީ އެންމެ ކުރިން ފެށިގެންވެސް ގިޓާ ކުޅެން ދަސްވިނަމަވެސް ގިޓާގެ އިތުރުން ކީބޯޑުވެސް ދަސްކުރީ ކަމަށެވެ. އަދި ކީބޯޑު ދަސްވުމުން ދެން އިއްބެގެ އެންމެ ބޮޑު އަމާޒަކަށްވީ އިއްބެގެ ޝައުޤުވެރިކަން އެކަމަކަށް ހުސްވެފައިވާ އަމިއްލަ މިއުޒިކެއް ތައްޔާރު ކުރުމެވެ. އެގޮތުން އެކަން ފާހަގަ ކުރަމުން އިއްބެ ބުނީ އިއްބެގެ އެންމެ ފުރަތަމަ މިއުޒިކަކީ އަލީ ރަމީޒު ކިޔާފައިވާ ލަވައެއް ކަމަަށްްވާ "ހާލުގައި ޖައްސައިފިޔޭ ރޮއްވައިފިޔޭ"ގެ މިއުޒިކެވެ. ވަރަށްވެސް ހިތްގައިމު ލަވައެކެވެ. މި ރީތި ލަވައިގެ މިއުޒިކަކީ، މިއުޒިކު އިންޑަސްޓްރީގައި އިއްބެގެ އެންމެ ފުރަތަމަ ފިޔަވަޅުކަމުގައި އިއްބެ ފާހަގަ ކުރިއެވެ. މިއީ އިއްބެގެ އެންމެ ފުރަތަމަ މިއުޒިކެވެ. އަދި މި ދާއިރާގެ ފެށުމެވެ.

އިއްބެގެ ލަވަކިޔުމުގެ ދާއިރާގައި އެންމެ ފުރަތަމަ އަމިއްލަ މަސައްކަތަކީ ކޮބާތޯ އަޅުގަނޑު ކޮށްލި ސުވާލަށް ޖަވާބު ދެމުން އިއްބެ ބުނީ އާންމުންގެ ތެރޭގައި އިއްބެގެ އެންމެ ފުރަތަމަ އަމިއްލަ ރާގެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ "އެދެމޭ ކަލާޔާ ގާތުގާ ވުމަށް" މިލަވަ ކަމަށެެވެ. ވަރަށް ޗާލު ލަވައެކެވެ. ގިނަ ބަޔަކު މިހާރުވެސް މިލަވަ އަޑުއަހާކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. ގިނަ ބައެއްގެ ހިތާ ކުޅެލާފައިވާ މިލަވަ އަޑުއަހާލަން އަރާމެވެ.

އިއްބެ އިންޑިއާގައި ޝޯއެއް ދެނީ

އާންމުންނަށް އިއްބެ އެނގެން ފެށުނީ ކިހާ ހިސާބަކުންބާ؟

އިއްބެ އެންމެ ފުރަތަމަ މާލެ އައުމަށްފަހު އޭރުގައި އެންމެ ގިނައިން ކޮށް އުޅުނު ކަމަކީ ކުރިންވެސް ފާހަގަކުރި ފަދައިން ކުރެހުމެވެ. އެގޮތުން ކުރެހުމުގައިވެސް އެންމެ ގާތްކޮށް އުޅުނު މީހުން ގޮތުގައި އިއްބެ ފާހަގަ ކުރި "ތަރަބެ" މެން ގޯޅީގައި މި މަސައްކަތް ކުރާ މީހުނެވެ. އެއީ މާލޭގެ މަޝްހޫރު "ތަރަބެ" ގޯޅިއެވެ. އެތަނުގައި މަސައްކަތް ކުރަމުން ދާއިރުގައި މަދުމަދުން ނަމަވެސް އިއްބެ ގިޓާ ޖަހާލައެވެ. އަދި މި މަންޒަރު ތަރަބެ އަށް ފެނި އެމީހުންނާއި އެއްކޮށް ހިތާނީ ޝޯވތަކަށް ދާން ފެށިކަމަށް އިއްބެ ފާހަގަ ކުރިއެވެ.

އިއްބެމެން އޭރު ކުރަހަން އުޅުނު ގޯޅިތެރޭގަ އުޅޭނެ ތަރަބަމެން. ތަރަބަމެން ގޯޅިގަނޑު ތެރޭ އުޅުނީ އިއްބެމެން އޭރު ކުރަހަން. ތަރަބެ އާއި އަންނާރެ އާ އުޅޭނީ. ދެން އެމީހުންވެސް ހަމަ ލައިވް މިއުޒިކު ކުޅޭނީ. ދެން އެމީހުނަށް އެހެން އިއްބެ ގިޓާ ކުޅެން އިންނަތަން ފެންނާތީވެ، އެމީހުންނާ އެކީ ހިތާނަ ކޮށްގެން އުޅޭ ޝޯތަކަށް ދިޔައީ.

އެހެންނަމަވެސް މިއީ އިއްބެ އާންމުންގެ ތެރެއަށް އެނގެން ފެށި ގޮތެއް ނޫނެވެ. މިއަށް ފަހު އަނެއްކާވެސް އިއްބެ ދިޔައީ މިދާއިރާއިން ކުރިއަށް ދިއުމަށް އިތުރު މަސައްކަތް ކުރަމުންނެވެ. މިދާއިރާގައި ކުރިއަށް ދާނެ އިތުރު މަގުތައް ހޯދަމުންނެެވެ. ލިބުނު އިތުރު ފުރުސަތު ތަކެއްގެ ބޭނުން ހިފަމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެދުވަސްވަރު މާފަންނުކޮޅުގައި ބޭއްވި "ހަފްތާ ނިމުން" ގެ ޝޯވ ތަކުގައި އިއްބެގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ. އެ ޝޯވތައް ނިމިގެން ދިޔައިރުގައި، ލަވަކިޔުންތެރިއަކާއި، ގިޓަރިސްޓެއްގެ އިތުރުން ޑްރަމަރެއްގެ ގޮތުގައިވެސް އިއްބެގެ ނަން ގިނަ ބަޔަކަށް އެނގެން ފެށިއެވެ. މިއީ އާންމުންނަށް އިއްބެ އެނގެން ފެށި ހިސާބުކަމަށްވެސް އިއްބެ ކިޔައިދިނެވެ.

ހަފްތާ ބަންދު ޝޯގައި ހަމަ މާލޭގެ މަޝްހޫރު ބޭންޑުތައް އަރާ ޕާފޯމް ކުރާނެ އޭރު. ފްރީޒްވެސް އަރާން މެޒޯ ވެސް އަރާނެ. އެތަނުން ދެން މީހުންނަށް އަނެއްހެން އެނގިފަވެސް ހުންނާނީ. އޭރު ދެން މިއުޒިޝަނުންނަށް ފެންނާނެ ހަފްތާ ޝޯ ނިމުނު އިރުގަ ގިޓާ ކުޅޭ މީހަކާ، ބެރުޖަހާ މީހަކާ ލަވަކިޔާ މީހެއް

އިއްބެގެ މިއުޒިކު ކެރިއަރ ފެށުން

މިއުޒިކު ކެރިއަރ ގެ ފެށުން ކަމުގައި އިއްބެ ފާހަގަކުރީ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ލިބުނު ފުރުސަތެކެވެ. އަޑުގެ ފަރާތުން ބޭންޑުގައި އޭރު އިއްބެއާއި އެކު ތޭރަވާގެ އިތުރުން ތިއްތިވެސް މަސައްކަތް ކުރިކަމަށް އިއްބެ ފާހަގަ ކުރިއެވެ. އަޑުގެ ފަރާތުން "ވޭވްސް" ނަމަކަށް ކިޔާ މި ބޭންޑުގައި މަސައްކަތް ކޮށް އިއްބެ ވަނީ އޭނާގެ ފުރަތަމަ އަަލްބަމް ކަމަށްވާ "ހިތުކޫރު" ނެރެފައެވެ.

އަޑުގެ ފަރާތުން ވޭވްސް ގެ ނަމުގައި އޮތް މިއުޒިކު ބޭންޑުގަ އުޅުނީ އިއްބެއާ ތޭރަ އާ ދެން ތިއްތިވެސް. އެހިސާބުން ދެން ތަންކޮޅެއް ރަނގަޅަށް މަސައްކަތް ކުރަން ފެށުނީ. ވަދެގެން ދެން ފެއްޓީ ވޭވްސް ބޭންޑުގެ ފުރަތަމަ އަލްބަމް ހިތުކޫރު. އެދެމޭކަލާ ވެސް ވާނެ އޭގަ.

އިއްބެ އެންމެ ކިޔާހިތުން ކިޔަނީ ކޮންކަހަލަ ލަވަތަކެއް؟

އާންމުކޮށް ލަވަކިޔާ އިރުގައި، ވަކި ވައްތަރެއްގެ ލަވަ ކިޔާހިތްވާ ލަވަކިޔުންތެރިންވެސް އުޅެއެވެ. އެގޮތުން އަމިއްލަ ރާގުގެ ލަވަތައް، މަޑުމައިތިރި ނުވަތަ ލޯބީގެ ލަވަތައް ކިޔާ ހިތްވާ ފަންނާނުން އުޅެއެވެ. އެހެންނަމަވެސް އިއްބެއާއި މިސުވާލު ކޮށްލުމުން އިއްބެ ވަރަށް ޖޯޝާއިއެކު ބުނީ ހުރިހާ ވައްތަރެއްގެ ލަވަވެސް ވަރަށް ކިޔާހިތުން ކިޔާނެ ކަމަށެވެ. އެހެންނަމަވެސް ކޮޕީ ލަވަތައް އެއްވެސް ގޮތަކަށް ކިޔާހިތް ނުވާ ކަމަށް އިއްބެ ފާހަފަ ކުރިއެވެ. އަދި ކޮޕީ ލަވައެއް ކިޔާފައިވީ ނަމަވެސް އެ ލަވައެއް ކިޔާފައި ވާނީ ކޮންމެވެސް މީހެއް ބުނެގެން އެމީހެއްގެ ބުނުމަކަށް ކަމަށްވެސް އިއްބެ ފާހަގަކުރިއެވެ.

ލަވަކިޔާގެން މަޝްހޫރުވީފަހުންވެސް ހަމަ ފިލްމުތަކުން ލަވަކިޔަން އޮފާލިބުނަސް އަސްލު ރިޖެކްޓު ކުރަން ކޮޕީ ލަވައެއް ނުކިޔަން. ދެން ނަހުލާއަށް ދެފަހަރެއްގަ ކިޔާދިނިން ފިލްމަކަށް. އޭގެ ފަހުން ނުކިޔަން ކޮޕީރާގެއް. އޭރު ހުއްޓާލި ގޮތަށް ނުކިޔަން ހަމަ އެއްގޮތަކަށްވެސް.

އިއްބެ ބުނީ އިއްބެ ގަބޫލުކުރާ ގޮތުގައި ބައެއްގެ ލަވަ ބޭނުން ކޮށްގެން އެ ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ލަވަތަކަށް އެއީ އަމިއްލަ ލަވަ ތަކެކޭވެސް ނުކިޔޭނެ ކަމަށް އިއްބެ ފާހަގަ ކުރިއެވެ. އެހެންނަމަވެސް ލަވަތައް ކަވާ ކުރުމަކީ އަދި މުޅިން އެހެން ކަމެއް ކަމަށް އިއްބެ ފާހަގަކުރިއެވެ. އަދި އެއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުރާ ކަމެއްގެ ގޮތުގައި އިއްބެ ފާހަގަ ކުރިއެވެ. އަދި ހަމައެހެންމެ އިއްބެގެ ގިނައީ ހިތާމަވެރި ލަވަތައްކަން ފާހަގަ ކުރަމުން އިއްބެ ބުނީ އެއީ ހުސް މީހުން އިއްބެ ލައްވާ ކިޔުއްވާފައި ވާ ލަވަތައް ކަމަށެވެ.

ދުވަހަކުވެސް މިދާއިރާ ދޫކޮށްލަން ހިތަށް އެރިތަ؟

މިސުވާލު އަޅުގަނޑަށް ރަަނގަޅަށް ނުކުރެވެނީސް އިއްބެ ވަނީ މިސުވާލުގެ ޖަވާބު ދީފައެވެ. ނުހަނު ގަދަ ހިތްވަރަކާއި އަޒުމަކާއެކު ކޮންމެ މަސައްކަތެއްވެސް ކުރާ އިއްބެ ބުނީ ދުވަހަކުވެސް ގިވްއަޕް ކުރަން ވިސްނުމަށް ވެސް ނާންނަކަމަށެވެ. އަދި ކުރިއަށް ދިއުމުގައި ކިތަންމެ ގިނަ ގޮން ޖެހުންތަކަކާއި އަދި ކިތަންމެ ގިނަ އަޑުގުޑަންތަކަކާއި ދިމާވިނަމަވެސް އިއްބެ އެކަންކަމާއި ކުރިމަތިލީ ވަރަށް ހިތްވަރާއިއެކު ކެތްތެރިކަމާއެކުގައެވެ. އިއްބެގެ ޝަޚުސަކަށްވީ ބަސްމަދުކޮށް އަމަލުން ދައްކާ ފަންނާނެއްގެ ގޮތުގައެވެ. ކުރަމުން އަންނަ މަސައްކަތަކީ އެއްވެސް ހާލެއްގައި އިއްބެއަށް ނުވާނޭ ބުނި ކޮންމެ މީހަކަށްވެސް އިއްބެ އައީ އިއްބެގެ ޢަމަލުން އެކަން ކުރެވޭކަން ސާބިތުކޮށް އެކަމަށް ގޮންޖަހާލަމުންނެވެ.

ކުރިމަތިވި އެއްވެސް ކަމެއްގަ ގިވަޕެއް ނުކުރަން. މިކަމެއްނުވާނޭ ކިޔާފަ އެއްވެސް ކަމެއް ދޫނުކުރަން. ވަރަށް ކުރީންސުރެ ވެސް އިއްބެމެން ފެމިލީ އަކީ މިޑްލް ކްލާސް ފެމެލީއެއް. އޭރު ބުލީއަކީ ކޯއްޗެއްކަމެއް އިއްބެމެނަށްވެސް ނޭނގެ. އެމީހުން އޭރު އެކުރީ ބުލީކަމެއް ދޯ. އޭރުވެސް ކޮށްފަ އެހުރީ ބުލީ އަސްލު. ރަށުގަ އޭރު ލަވަކިޔަން އުޅުނު އިރުންފެށިގެން. ވަރަށް ގިނަ މީހުން ކަލެއަށް ލަވަނުކިޔޭ އެހެން ކިޔާފަވެސް ހުންނާނެ. އޭރުވެސް މީހުން މިގޮތަށް ކިތަންމެ އެއްޗެއް ކިޔަސް އަނެއްހެން މީހުންނަކަށް މާބޮޑަށް ރިޕްލައި އެއް ނުދޭނެ. ކަންކުރަނީ އިއްބެ. އެހެންމަ މިހާރުވެސް ކުރާނީ އެކަންތައް.

ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީކަމުގައި ވީނަމަވެސް އެމީހެއްގެ ހުނަރެއް އެމީހަކު ބޭނުން ގޮތަކަށް ބޭނުން ކުރުމަކީ ކޮންމެ މީހަކަށްވެސް އޮންނަ ހައްގެއް ކަމަށް އިއްބެ ގަބޫލު ކުރެއެވެ. އިލްމަކީ ކޮންމެ މީހަކަށްވެސް ހޯދޭނެ އެއްޗެއް ކަމަށާއި، ކޮންމެ މީހަކުވެސް މަސައްކަތް ކުރާނީ އެމީހެއްގެ ފެންވަރުން ކަމަށްވެސް އިއްބެ ވަނީ "ދެން" އާއި ވާހަކަދައްކަމުން ފާހަގަކުރިއެވެ.

އިއްބެއަށް ކުޑައިއްބެ ކިޔުނީ ކީއްވެ؟

ރަހަތަފާތު ކޮށްލުމުގެ ގޮތުން އަޅުގނޑުމެން އިއްބެއާއި ދެން ކޮށްލި ސުވާލަކީ އިއްބެއަށް ކުޑައިއްބެ ކިޔުނީ ކިހިނަކުންތޯއެވެ. ސަކަ އަދި މަޖާ މިޒާޖަކަށް އިއްބެ ޖަވާބު ދެމުން ބުނީ މި ދާއިރާގައި އިއްބެމެން މަޝްހޫރުވެގެން އައި އިރުގައި އިއްބެތައް ފުދޭ ވަރަކަށް ގިނަކަމަށެވެ. އެގޮތުން އެ ހުރިހާ އިއްބެތަކުގެ ތެރެއިންވެސް އެންމެ ކުޑަކޮށް ހުންނަނީ އިއްބެ ކަމުން ކުޑައިއްބެ ގެ ނަން އިއްބެއަށް ކީ ކަމަށެވެ.

ބޮޑަށް މަސައްކަތް ކުރީ ޓީވީއެމް އާއި އެކީވީމަ. އުޅޭނެ މަހުރަބު އިއްބެވެސް. ދެން މި އެންމެންނަކީ ވެސް އަބަދު ދިމާވާ ގުރޫޕެއް. ހަމަ އިއްބެ ކިޔާ މީހުން. ދެން މިމީހުންގެ ތެރެއިން ވެސް އެންމެ ކުޑަކޮށް ހުންނަނީ އިއްބެ. އެހެންވެ ކުޑައިއްބެ ކީ އިއްބެއަށް.

ސިޔާސީ ދާއިރާއަކުން ފެނިދާނެތަ؟

މިސުވާލަށް ޖަވާބު ދެމުން އިއްބެ ބުނީ ދުވަހަކުވެސް ސިޔާސީ ދާއިރާއަކަށް ނުކުންނާކަސް ނުވިސްނާކަމަށެވެ. ސިޔާސީ ދާއިރާއިން އެކްޓިވިސްޓެއް ގޮތުގައި ނޫޅުނު ނަމަވެސް، ސިޔާސީ މަގާމެއްގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އިއްބެ ފާޙަގަ ކުރިއެވެ.

ލަވަކިޔުމަކީ ރާއްޖޭގައި އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއްތަ؟

މިސުވާލަށް ޖަވާބުދެމުން އިއްބެ ބުނީ ދިވެހި ރާއްޖޭގައި އަސްލު މިދާއިރާގައި ވަރަށް މޮޅު ކިތަންމެ ފަންނާނުނެއް އެބަ ތިބިކަމަށެވެ. ރާއްޖޭގައި މިއުޒިކާއި ބެހޭ ސުކޫލެއް ނެތްނަމަވެސް ފާހަގަ ކޮށްލެވޭ ބައެއް ކުދިން މި ރާއްޖޭގައި އެބަ އުޅޭ ކަމަށެވެ. އެހެންނަމަވެސް މި ދާއިރާއަކީ ރާއްޖޭގައި އާމްދަނީ ހޯދުމަށް ކުރަން އެންމެ ރަނގަޅު މަސައްކަތް ނޫން ކަމަށް އިއްބެ ފާހަގަކުރިއެވެ.

މީހަކަށް ލިބޭ ކުރިއެރުމަކީ އޭނަ ކުރާމަސައްކަތަށް އެޕްރެޝިއޭޓު ކުރުން. މިތާނގަ ލެކް ވަނީ އޭތި. މިސާލަަކަށް އެކުރާ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ދަނެ އެ މަސައްކަތަށް އަގު ދިނުން. އެކަން އެހެން ކޮށްދޭނެ ބައެއް ނެތް އަސްލު ރާއްޖޭގަ. އަނެއްކާ ލަވަކިޔުމަކީ ރާއްޖޭގައި ވަރަށް ދަށް ކޮށްލައިގެން އުޅޭ ކަމެއް.

ލަވަ ކިޔުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަންނާނުންނަށް ދޭނެ ނަސޭހަތަކީ ކޮބާ؟

ލަވަ ކިޔުމުގެ ދާއިރާއަށް އަލަށް ނުކުން ފަންނާނުންނަށް އިއްބެގެ ފަރާތުން ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ކުރި ސުވާލަށް އިއްބެ ޖަވާބު ދިނީ މިަފަދައިންނެވެ.

އަސްލު މިދާއިރާއަށް ނުކުންނަ މީހުނަށް އިއްބެ ބުނެލަން ބޭނުންވަނީ ރެސްޕެކްޓަކީ ވަރަށް މުހިންމު އެއްޗެކޭ. މިދާއިރާގައި ތިމާއަށް ވުރެ ބޮޑު މީހުން، ތިމާއަށް ވުރެ މާ ތަޖުރިބާކާރު މީހުން އުޅޭކަން ދަނެކެގެން އުޅޭށޭ. އެމީހުންގެ އެ މަސައްކަތް ތަކުން އަހަރެމެންނަށް ނަމޫނާއެއް ދެއްކި. އަހަރެމެން އިންސްޕަޔާ ވުމުގަ އެމީހުންގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް. އެހެންވީމާ ކޮންމެ ކަމެއްގަ ވެސް ރަނގޅު އަޚްލާގަކާއި އިހުތިރާމް ކުރުމަކީ މުހިންމު އެއްޗެއްކަން ދަންނާށޭ.

ފޭނުންނަށް ބުނެލަން ބޭނުންވަނީ..

އިއްބެ ގަބޫލު ކުރާގޮތުގައި އިއްބެގެ ފޭނުންނަކީ މިއަދު އިއްބެ އެ ހުރި މަންޒިލަށް ވާސިލުވުމުގެ އެންމެ ބޮޑު އެއް އަސްލެވެ. އެމީހުންގެ ލޯތްބާއި އެމީހުންގެ ހެޔޮ ދުޢާއަކީ އިއްބެގެ ކުރިއެރުމަށް ވަރަށްވެސް ބޮޑު އެހީތެރިކަމެއް ލިބިދިން އެއްޗެއްގެ ގޮތުގައި އިއްބެ ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރުވެސް އިއްބެ އަށް ދެމުންދާ އެއްބާރުލުމާއި ލޯބި އިއްބެގެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމަށްވެސް އިއްބެ ވަނީ ބުނެފައެވެ.

ކޮންމެ ދާއިރާއެއްގަވެސް ކޮންމެ ކަމެއްގަވެސް ފޭނުންނަކީ އަސްލު އެމީހާގެ އެސެޓު. އެމީހުންގެ ދުއާއާއި އެމީހުންގެ ލޯތްބާއެކީގަ ނޫނިއްޔާ މިއަދު މިހިސާބަށްވެސް އިއްބެއަށް ނާދެވޭނޭ. ކުރިއެރުން ލިބެނީވެސް ކުރިއަރަނީވެސް އެމީހުންގެ ސަބަބުން. އެހެންވީމަ އަބަދުވެސް އެޕްރެޝިއޭޓު ކުރަން ތިދޭ އެއްބާރުލުމާ ލޯތްބަށް.

ޢަޅުގަނޑުގެ ނަޒަރުގައި އިއްބެ،

އިއްބެއަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެނާވެސް ގުޅޭ ހިތް ހެޔޮ މިޒާޖެއްގެ މާތް މީހެކެވެ. އިންޓަރވިއު ނަގާލުމަށް ޓަކައި ގުޅާލާ ކޮންމެ ފަހަރަކުވެސް އިއްބެ ފޯނު ނަގައެވެ. އަދި ޚާއްސަކޮށް އިއްބެއަކީ ދީނީ ކަންކަމަށް ފުރިހަމައަށް ބޯލަނބާ މީހެކެވެ. އިންޓަރވިއު ކުރަމުން ދިޔަ ވަގުތުގައި އިއްބެއަކީ ރާއްޖޭގެ ނަން މަޝްހޫރު ކުޑައިއްބެ ކަމެއް އަޅުގަނޑަކަށް ފާހަގަ ނުވެއެވެ. ސަބަބަކީ އިއްބެ އަޅުގަނޑުމެނާ ބެހެއްޓެވި ގާތްކަމެއްގެ ސަބަބުންނެވެ. އަޅުގަނޑާއި މުޅި "ދެން" ގެ ފަރާތުން އިއްބެއަށް އެދެނީ ފާގަތި މުސްތަގުބަލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!