ދީން

ދުޢާ ކުރަންވީ މަދު މީހުންގެ ތެރޭގައި ހިމެނޭތޯ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މުޖުތަމައުތައް އެކުލެވިފައި ވަނީ އެކި ފަންތިއާއި އެކި ގިންތީގެ މީސްތަކުން ހިމެނޭ ގޮތަށެވެ. އެކި ކަންކަމުގެ ނަސީބު ލިބިފައިވާ މީހުންނާއި އެ ނަސީބުތަކުން ހިތް އުފާ ނުކުރެވޭ މީހުންނެވެ.

Ads by Sosun Fihaara

ﷲ ތަޢާލާގެ ނިޢުމަތްތައް އަހަރެމެންގެ މައްޗަށް އޮހެމުންދާއިރު ވެސް ، އެކަންކަމާ މެދު ވިސްނާލެވެނީ ކިތައް ކިތައް މީހުންނަށްތޯއެވެ. އަހަރެމެންނަށް އެއީ ނިޢުމަތެއް ކަމަށް ވިސްނައި ނުލެވޭ ފަދަ ކަމަކީ ވެސް ބޮޑު ނިޢުމަތެއްކަން އިހްސާސް ވާކަން ކަށަވަރީ އެ ނިޢުމަތަކުން މަޙްރޫމް ވެފައިވާ މީހުންނަށެވެ.

ވިސްނައިލައްވާށެވެ. މުހުތާދެއް ފުއްދަން ޖެހިފައި ހުރި މީހަކަށް ، މީހަކު އެހީވެއްޖެ ނަމަ އެ މީހާގެ ހިތުގައި އުފެދޭނީ ކޮންކަހަލަ ޝުޢޫރެއްތޯއެވެ. ދެލޯ ފަދަ ދަރިފުޅު ބަލިވެ، ހާލު ބޮޑުވެ ބޭސްފަރުވާ ކުރަން ޖެހި ، އެކަމުގެ ތަނަވަސްކަން ނެތް މީހަކަށް ، މީހަކު އެ ހުރިހާ ކަމެއް ހަމަޖައްސައިދީފި ނަމަ ، އެހީތެރިވި މީހާގެ މައްޗަށް ކިހާ ބޮޑު ލޯތްބަކާއި ކުލުނެއް އޮންނާނެތޯއެވެ. ޝުކުރިއްޔާއޭ ބުނެ ހެޔޮ ދުޢާ ވެސް އޮންނާނެ ނޫންތޯއެވެ.

ކަންމިހެން ހުރިއިރު އަހަރެމެންނަށް ފެނުމާއި އިވުމާއި އިހްސާސްވުމާއި ހިނގާ ބިނގާވެ އުޅުމާއި ވާހަކަ ދެއްކުމާއި މި ނޫން ވެސް ގުނާ ޢަދަދު ނުކުރެވޭ އެތައް ނިޢުމަތްތަކެއް އަހަރެމެންނަށް ދެއްވި މަތިވެރި އިލާހު ، ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވެ ހަމްދު ކުރަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ޔަގީނުން ވެސް އެއީ މަދު މީހުންނެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ، އެއް ދުވަހެއްގައި ބާޒާރުމަތިން ހިންގަވައިފައި ވަޑައިގަންނަވަނިކޮށް މީހަކު ކުރެއްވި ދުޢާއެއް އަޑު އެއްސެވިއެވެ. "ޔާ ﷲ އެވެ! މަދު މީހުންގެ ތެރޭގައި މިއަޅާ ލައްވާށިއެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. ތިޔަ ކުރައްވަނީ ކޮންފަދަ ދުޢާއެއްތޯއެވެ. އެހިނދު އޭނާ ޖަވާބުގައި ދެންނެވިއެވެ. " އޭ ޢުމަރުގެފާނެވެ. ﷲއަށް ޝުކުރުވެރި ވަނީ މަދު މީހުން ކަމަށް އެ އިލާހު ވަހީ ކުރައްވައިފައިވޭ ނޫންތޯއެވެ؟' އެހިނދު ޢުމަރުގެފާނުގެ ލޯފުޅުން ކަރުނަފުޅު އޮހޮރިގެން ދިޔައެވެ. އަދި އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. "އެހެންމީހުންގެ ޢިލްމު ތިބާއަށް ވުރެ މާ މައްޗެވެ." އެހެން ވިދާޅުވެ ދުޢާ ކުރެއްވިއެވެ. "ޔާ ﷲ އެވެ! މަދު މީހުންގެ ތެރޭގައި އަހަރެމެން ލައްވާށިއެވެ."

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ

އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށް މަދެވެ.

ޔާ ﷲ! އިމެއް، މިނެއް ނެތް އިބަﷲގެ ނިޢުމަތް މެދު ވިސްނައި އެކަމާ މެދު ފިކުރު ކުރާ ބައެއް ކަމުގައި އަހަރެމެން ލައްވާށިއެވެ. އަދި މަދު މީހުންގެ ތެރޭގައި އަޅަމެން ލައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!