ޚަބަރު

މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ސުހާއަށް ރައީސްގެ ތަހުނިޔާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި ސުހާ އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި އެމަނިކުފާނު ޢާންމުކުރެއްވި ޕޯސްޓެއްގައި، ސުހާއަށް ތަހުނިޔާ އަދާކުރެއްވުމުގެ އިތުރުން، މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި، ޕީއެންސީއަށް ތާއީދުކޮށް ވޯޓުދެއްވި މީދޫގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ވަނީ ރައްދުކުރައްވާފައެވެ.

ޖުމްލަ 985 ރައްޔިތުން އެމީހުންގެ ވޯޓުލުމުގެ ޙައްޤު އަދާކުރި މި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ސުހާ ވަނީ 529 ވޯޓު ކަށަވަރުކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ހޯއްދެވުނީ 449 ވޯޓެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މުޅިން އައު ބުރެއް ބާއްވަން ޖެހުނީ، ކުރިން ނެގުނު ވޯޓުގައި ކެންޑިޑޭޓުންނަށް ލިބުނު ނަތީޖާ އެއްވަރުވުމާ ގުޅިގެންނެވެ. މިގޮތަށް ދިމާވީ، ލ. ފޮނަދޫގައި ބެހެއްޓުނު ވޯޓު ފޮށްޓަކުން ފެނުނު ކަރުދާހެއްގެ ސައްޙަކަމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކަށް ފަހު، އެއީ ސައްޙަ ވޯޓެއްކަމަށް ޝަރުޢީ ކޯޓުން ކަނޑައެޅުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!