ޚަބަރު

ފުރާނަ ސަލާމަތްކުރުމަށް ލޭ ދިނުމަކީ އިންސާނިއްޔަތުކަމުގެ އެންމެ ފުރިހަމަ މިސާލު: ފަސްޓުލޭޑީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު / ފޮޓޯ: ރައީސް އޮފީސް

ފުރާނަ ސަލާމަތްކުރުމަށް ލޭ ދިނުމަކީ އިންސާނިއްޔަތުކަމުގެ އެންމެ ފުރިހަމަ މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އެއްވެސް އަމިއްލަ އެދުމެއް ނެތި ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ ވަރަށް ދީލަތި އަދި އެހާމެ އޯގާތެރި މަސައްކަތެކެވެ. މީގެ ސަބަބުން، ނުރައްކާތެރި ބަލިތަކާ ހަނގުރާމަކުރަމުންދާ ފަރާތްތަކަށާއި އެ މީހުންގެ އާއިލާތަކަށް ކުރިމަތިވާ މާޔޫސްކަމާއި ބިރުވެރިކަމުގެ ވަގުތުތަކުގައި އާދަޔާޚިލާފު އުންމީދެއް ލިބިގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީހެއްގެ ފުރާނަ ސަލާމަތްކުރުމަކީ ބޮޑު ތަކުލީފެއް އުފުލައިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭކަން ރައީސްގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ތިމާގެ ހަށިގަނޑުން ބައެއް ހަދިޔާކުރުން ފަދަ އާދައިގެ ކަމަކުން އެހެން ފަރުދެއްގެ މުޅި މުސްތަގުބަލު އުޖާލާކޮށްދެވޭނެތީ، ހިލޭސާބަހަށް ލޭ ދިނުމުގެ އާދަ އަށަގެންނެވުމަށާއި މިކަމަށް މުޅި މުޖުތަމައު ހޭލުންތެރިކުރުވުމަށް އެންމެހާ ފަރާތްތަކުން އަތުގުޅާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ރައްކާތެރި ލޭ ހޯދުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ފާހަގަކުރަމުން އަންނަ ޚާއްސަ ދުވަހެކެވެ.