ދުނިޔެ

ޕާކިސްތާނުގައި އަލްބިނިޒަމް ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އދ. ގެ ތަޖުރިބާކާރަކު ގޮވާލައްވައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޕާކިސްތާނުގައި އަލްބިނިޒަމް ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތާލައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރުމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ތަޖުރިބާކާރަކު ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ. މި މީހުންނަކީ މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ބައެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިރުގެ އަވިން އެމީހުންނަށް ލިބޭ ޞިއްޙީ ގެއްލުންތައް މިހާރު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

އަލްބިނިޒަމް ހުންނަ މީހުންގެ އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ އިންޑިޕެންޑެންޓް އެކްސްޕަރޓް، މުލޫކާ-އޭން މިޓީ-ޑްރަމަންޑް ވަނީ އެމީހުންގެ ޙާލަތުގެ ނާޒުކުކަން ފާހަގަކުރައްވައި ވިދާޅުވެފައެވެ:

"އަލްބިނިޒަމް ހުންނަ މީހުންނަށް ހިލޭ ތަޢުލީމާއި ޞިއްޙީ ފަރުވާ އަދި ވައިގެ މަގުންނާއި ރޭލުން ދަތުރުކުރުމުގައި ލުއިތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، ފެޑެރަލް އަދި ޕްރޮވިންޝަލް ޚިދުމަތްތަކުގެ މެދުގައި ގުޅުންކުޑަވުމުގެ ސަބަބުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައި... އެހީތެރިކަމަށް ބޭނުންވާ ގިނަ މީހުންނަށް މިހާރު ހުރި ސިޔާސަތުތައް ސާފެއް ނޫން."

އަލްބިނިޒަމްއަކީ އިންސާނާގެ ހަންގަނޑާއި، އިސްތަށިގަނޑާއި، ލޮލަށް ކުލަ ގެނެސްދޭ މާއްދާ ކަމަށްވާ 'މެލަނިން' އުފެއްދުމަށް ހުރަސްއަޅާ ޖެނެޓިކް މައްސަލައެކެވެ. މީގެ ސަބަބުން މީހާގެ ހަންގަނޑު ދޮންވެ، އިސްތަށިގަނޑު ހުދުވެއެވެ. ޕާކިސްތާނުގެ މުޖުތަމަޢުގައި މިފަދަ މީހުންނާ މެދު ދެކެނީ އެއީ ލަޢުނަތެއް ލިބިފައިވާ ނުވަތަ ބަދުނަސީބު ބައެއްގެ ގޮތުގައެވެ. މިގޮތަށް މުޖުތަމަޢުން ބާކީކުރުމުގެ ސަބަބުން، އެމީހުންނަށް ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. އަދި ވަޒީފާގެ ފުރުޞަތުތަކާއި ތަޢުލީމީ މައިދާނުގައި ވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިވެއެވެ.

މިކަމަށް ޙައްލެއް ހޯދުމަށް ޕާކިސްތާނު ސަރުކާރުން "އިސްލާމްއާބާދު ކެޕިޓަލް ޓެރިޓަރީ ރައިޓްސް އޮފް ޕާސަންސް ވިތް ޑިސެބިލިޓީ އެކްޓް" ފަދަ ޤާނޫނުތައް ތަޢާރަފުކޮށްފައިވާކަން މިޓީ-ޑްރަމަންޑް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެކަމަނާ ވަނީ މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި މި މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި، މަރުކަޒީ އަދި ޕްރޮވިންސްތަކުގެ ޤާނޫނުތައް އެއްގޮތްކޮށް، ސިޔާސަތުތައް އެކުލަވާލުމުގައި ގުޅިގެން މަސައްކަތްކުރުމަށް ލަފާދެއްވިއެވެ.

މިސާލެއްގެ ގޮތުން، ޕާކިސްތާނުގެ ރަށްފުށުގެ ސަރަޙައްދެއްގައި ދިރިއުޅޭ ބާޓީ ދަރިކޮޅުގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، އެ އަވަށުގެ އާބާދީގެ ހަތަރު އިންސައްތަ މީހުންނަށް އޮކިއުލޯކިއުޓޭނިއަސް އަލްބިނިޒަމް ކިޔާ ޚާއްޞަ ބާވަތެއްގެ އަލްބިނިޒަމްއެއް ވަނީ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ދަށްވެ، ވަޒީފާ އަދާކުރުމަށް ދަތިވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އިޤުތިޞާދީ ޙާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ތަފާތު ދާއިރާތަކުގައި އަލްބިނިޒަމް ހުންނަ މީހުންނާ ގުޅޭ މަޢުލޫމާތު މަދުވުމުގެ ސަބަބުން، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއެކު އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އަލްބިނިޒަމްގެ ސަބަބުން މީހުންނާމެދު ތަފާތުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ އދ. ގެ މުޢާހަދާގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.