ޚަބަރު

މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ ޚާއްޞަ ސްކޮލަރޝިޕްތަކަކަށް ފުރުޞަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް މަތީ ތަޢުލީމު ހާސިލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ޚާއްޞަ ސްކޮލަރޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރާ ދަރިވަރުން، ތަޢުލީމު ހާސިލުކޮށް ނިމުމަށް ފަހު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ. ޖޫން 30ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން މިކަމަށް އެދި ހުށަހަޅަންޖެހޭއިރު، މިއީ ކިޔެވުމުގެ ހުރިހާ ޚަރަދެއް އެމްއެމްއޭއިން ހަމަޖައްސައިދޭގޮތަށް ދޫކުރާ ފުލީ ފަންޑަޑް ސްކޮލަރޝިޕްތަކެކެވެ.

މިފަހަރު ހުޅުވާލެވިފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ތިން ޔުނިވަރސިޓީއަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް އެކައުންޓިންގ ފުރިހަމަކުރުމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، އިންސީފް ޔުނިވަރސިޓީން ޕީއެޗްޑީއަށް ކިޔެވުމަށް ވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަރޓޭޝަން އަދި ރިސަރޗް ހެދުމާއި، އެޕްލައިޑް މުޢާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތަކުގެ އިތުރުން ގިނަ އިނާޔަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދާއި، ފޮތް ގަތުމަށް ދެވޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗަރ އެލަވަންސް ވެސް ހިމެނެއެވެ. އަދި ހަމައެހެންމެ، ވިސާ ހޯދުމަށް ހިނގާނެ ޚަރަދާއި ޞިއްޙީ އިންޝުއަރެންސްގެ ކަންކަން ވެސް އެމްއެމްއޭއިން ހަމަޖައްސައިދޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.