ޚަބަރު

ޕޭޕަލް ތަޢާރަފްވުމަކީ ދިވެހި ކުދި ވިޔަފާރިތަކަށް ލިބުނު އިންގިލާބީ ކުރިއެރުމެއް: ބީސީސީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އުރީދޫ އެމް-ފައިސާއާ ގުޅިގެން ދިވެހިރާއްޖޭގައި އަލަށް ތަޢާރަފްކުރެވުނު ޕޭޕަލްގެ ޚިދުމަތާ އެކު، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވަނުމުގެ ފުރުޞަތު ފަހިވެ، މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިގެންދިޔަ ތާރީޚީ އަދި އިންގިލާބީ ކުރިއެރުމެއްކަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ގެނެވުނު މި ބަދަލަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި އުފެއްދުންތެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރައްކާތެރިކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް ވިއްކުމުގެ މަގު މިހާރު ވަނީ ފުޅާވެފައެވެ.

ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށް، ބީސީސީން ވަނީ ދިވެހި ކުދި ވިޔަފާރިތަކުގެ ނަމުގައި އެމަނިކުފާނަށް ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް ހިންގޭ މި ފަސޭހަ އީ-ވޮލެޓްގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަމިއްލަ ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހުރިހާ ވިޔަފާރިވެރިންނަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އުރީދޫގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖެހުނު މި ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވީ ދާދިފަހުން ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި ރައީސް ޑރ. މުޢިއްޒުއެވެ. އީ-ވޮލެޓްގެ ޚިދުމަތްތައް ރާއްޖެއަށް ގެނައުމަކީ ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އުފެއްދުންތެރިންނަށް ފަސޭހަކަމާ އެކު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ތަންފީޒުކުރަމުންދާ މުހިންމު ސިޔާސަތެކެވެ.