އުއްމީދަކީ ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުން: ސީޕީ ޒަރީރު
ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ)ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ އެފަދައިން ވިދާޅުވީ ކަރެކްޝަންސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)އިން، އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެމްސީއެސްގެ އޮފިސަރުން ވަރަށް ބުރަ އަދި ހީވާގިކަމާއެކު މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރައްވާފައެވެ.
އަދި ސެޓްފިކެޓް ހާސިލުކުރި ގައިދީންނާ މުހާތަބްކުރައްވާ ކޮމިޝަނަރު ވިދާޅުވީ ގައިދީއަކު ޖަލަށްލުމުން މުޅި އުމުރު ދިޔައީކީ ނޫން ކަމަށެވެ.
އަދި އަޒުމާއި ހިތްވަރާއެކު ގައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާވުމަށް މަސައްކަތްކުރާތީ އުފާކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
އައިކޯސްޓްގެ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުދައްރިބުންނަށް ޝުކުރުއަދާކުރައްވަމުން ވިދާޅުވީ، މުސްތަގުބަލުގައި އޮފިސަރުންނާއި ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސީޕީގެ ވާހަކަ ނިންމަވާލެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ މަސައްކަތްތަކަށާއި އެމްސީއެސްއަށް ވެދެއްވާ އެހީތެރިކަމަށް ތަޢުރީފްކުރައްވަމުންނެވެ.