ޕީސީބީގެ އައު ރައީސް ނިޒާރަށް ރުހުން ހޯދުމަށް އެސްއޯއީ ކޮމިޓީއަށް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އައު ރައީސް މުޙައްމަދު ނިޒާރަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްޓަކައި، އެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ މައި އިދާރާގެ އެންމެ އިސްވެރިޔާގެ މަޤާމަށް ނިޒާރު ޢައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން، ޕީސީބީގެ ރައީސްކަމަށް އައްޔަންކުރައްވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތީ އެކަމަށް އެދިވަޑައިގެން ރައީސް މުޢިއްޒު ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ދައުލަތުގެ އިދާރާތައް ހިންގުމާއި ކޯޕަރޭޓް މެނޭޖްމަންޓްގެ އިތުރުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ރޮނގުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ނިޒާރަކީ، މީގެ ކުރިން 2014އިން ފެށިގެން 2019އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އެ ދައުރުގައި ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒްކޮށް، ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.