ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފެރިދޫއިން މީހަކު ހައްޔަރަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުން

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ)އެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 11ވަނަ ދުވަހު ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށާއި މި އޮޕަރޭޝަން ހިންގީ މާލެއިން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އޮޕަރޭޝަނުގައި އޭނާ އެ ރަށު ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށާއި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ޢަރީބްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވެއެވެ. މި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.