ޚަބަރު

އެސްޖޭގެ ބިޑުތަކެއް ބާތިލުކުރި މައްސަލަ ދައުލަތާ ދެކޮޅަށް ހައިކޯޓުން ހުކުމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަރުކާރުން ވަނީ ހައިކޯޓަށް / ފޮޓޯ: ދެން

އެސްޖޭ ކޮންސްޓްރަކްޝަނުން ދައުލަތުގެ މަޝްރޫއުތަކަކަށް ހުށަހެޅި ބިޑުތަކެއް ގާނޫނާ ހިލާފަށް ބާތިލުކޮށްފައިވާކަމަށް ކަނޑައަޅައި، ދަށު ކޯޓުން އިއްވާފައިވާ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުގެ ފަރާތުންނެވެ. ނަމަވެސް މަތީ މަރުހަލާގެ ކޯޓުން ނިންމާފައި ވަނީ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި ހައުސިން ޔުނިޓްތައް އެޅުމާ ގުޅޭގޮތުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި އަންދާސީހިސާބުތައް ބާތިލުކުރުމުގައި އަމަލުކޮށްފައި ވަނީ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ޚިލާފަށް ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. މީގެ ކުރިން ސިވިލް ކޯޓުން ވެސް ވަނީ މި މައްސަލައިގައި އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ.

ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑުތައް ބާތިލުކުރުމުން އެ ކުންފުންޏަށް ވަނީ މާލީގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ހައިކޯޓުގެ މި ހުކުމާ އެކު، ބާތިލުކުރި ބިޑުތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު އެ ކުންފުންޏަށް މިހާރު ވަނީ ފަހިވެފައެވެ.