ޚަބަރު

ސަންޕާ ސަރަޙައްދަށް ވަންނަ އުޅަނދުތައް ރަޖިސްޓްރީކުރުން ލާޒިމުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

"ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ)ގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ސަރަޙައްދަށް ވަންނަ ހުރިހާ އުޅަނދުތަކެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޖުބޫރުކޮށްފިއެވެ.

މިއީ 2025ވަނަ އަހަރަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ޚާއްޞަ މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރަން ފެށި އައު އުސޫލުތަކެކެވެ. މިގޮތުން، މި ހިނގާ މަހުގެ 30ވަނަ ދުވަހުން ފެށިގެން ސަންޕާ ސަރަޙައްދަށް ވަންނަ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ވެސް "ޕްރޮޕެލާ ގާޑް" ހަރުކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި އުޅަނދުތަކަށް އެ ސަރަޙައްދުގައި ދުއްވޭނީ ގިނަވެގެން 10 ނޮޓްސްގެ ބާރުމިނުގައި ކަމަށް ކަނޑައަޅާފައިވާއިރު، 10 ފޫޓަށްވުރެ ކުދި އުޅަނދުފަހަރަށް އެ ސަރަޙައްދަށް ވަނުން މިހާރު ވަނީ މުޅިން މަނާކޮށްފައެވެ.

އުޅަނދުތަކުގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދޭ ގައިޑުންނަށް ވެސް ވަނީ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވިގޮތުގައި، އެ ސަރަޙައްދުގައި ޙަރަކާތްތެރިވެވޭނީ މެނޭޖްމަންޓް ޕްލޭނާ ގުޅޭ ޚާއްޞަ އިމްތިޙާނަކުން 75 އިންސައްތައަށްވުރެ މަތިން ފާސްވާ ގައިޑުންނަށް އެކަންޏެވެ. މީގެ އިތުރުން، އެފަރާތްތަކަކީ ރެސްކިއު ޑައިވަރުންނަށާއި "އިމަޖެންސީ ފަސްޓް ރެސްޕޮންސް" ސެޓިފިކެޓް އޮންނަ މީހުންނަށް ވުން ލާޒިމުކޮށްފައިވާއިރު، އެއް ގައިޑަކަށް އެއްފަހަރާ ފެހުރިހި ދައްކާލަން ގެންދެވޭނީ ގިނަވެގެން ހަ ފަތުރުވެރިންނެވެ.

ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި މި އެކުލަވާލެވުނު މެނޭޖްމަންޓް ޕްލޭނަކީ އާންމުން ބޯލަނބާ މިންވަރަށާއި ދިމާވާ ދަތިތަކަށް ބަލައި ކުރިއަށް އޮތް ތަނުގައި ވެސް ބަދަލުގެނެވޭނެ އެއްޗެކެވެ. ސަންޕާ ސަރަޙައްދަކީ މުޅި އަހަރު ދުވަހު ވެސް ފެހުރިހި ފެންނަ ތަނަކަށްވާއިރު، ފާއިތުވި އަހަރުތަކުގެ ދިރާސާތަކުން 8،000 އަށްވުރެ ގިނަ ފަހަރު އެ ސަރަޙައްދުން ފެހުރިހި ފެނިފައިވެއެވެ. އަދި ތަފާތު 723 ފެހުރިހި ވަނީ ދެނެގަނެވިފައެވެ. އެހެންކަމުން މިއަދު އެޅުނު ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ މި ނާޒުކު ދިރުންތައް އަންނަން އޮތް ޖީލުތަކަށް ސަލާމަތްކޮށްދިނުމެވެ.