ސައިބަރ ސެކިއުރިޓީ ބިލަށް ޚިޔާލު ފާޅުކުރުމުގެ މުހުލަތު ޖުލައި 1 އަށް
ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާންކުރާ ގޮތުގައި، މި ބިލަށް ކޮމެންޓު ކުރުމުގެ ދޮރު ބަންދު ވާނީ ޖުލައި 1ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙު ސަރުކާރު ތަމްސީލުކުރައްވައި ހުށަހެޅުއްވި މި މުހިންމު ޤާނޫނުގެ އެންމެ ބޮޑު އަމާޒަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް މާޙައުލަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ތަނަކަށް ހެދުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ވުޖޫދަށް ގެނައުމެވެ.
މި ބިލު ޤާނޫނަކަށް ވެގެން އަންނައިރު، ދައުލަތުގެ ފެންވަރުގައި ސައިބަރ ސަލާމަތާބެހޭ ކަންކަން ބެލެހެއްޓުމަށް "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި މުޅިން އައު މުއައްސަސާއެއް އުފެދިގެންދާނެއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ވަކި ބާވަތްތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ކަމާބެހޭ ލައިސަންސް ނެގުން ލާޒިމުކޮށްފައިވާއިރު، ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތައް 50 ހާސް ރުފިޔާއިން ފެށިގެން 5 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މި ބިލުން ލިބިދެއެވެ.
ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ މައިގަނޑު ސިޔާސަތުތައް އެކަށައަޅާނީ އަލަށް އުފައްދާ އެޖެންސީގެ މަޝްވަރާގެ މަތިން، ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުންނެވެ. ހަމައެހެންމެ، ޤައުމީ ފެންވަރުގައި އަމަލުކުރާނެ މިންގަނޑުތައް ހެދުމާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ މުހިންމު އިންފޮމޭޝަން ނެޓްވޯކްތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ބިލުގެ ސަބަބުން ކަނޑައެޅިގެންދާނެއެވެ. އޭގެ ތެރޭގައި އެތެރޭގެ އަދި ބައިނަލްއަޤްވާމީ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހަމަލާތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.