ޚަބަރު

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުން--

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފިއެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

އެމްޓީސީން ބުނީ އެ ހިދުމަތް ވިލިމާލޭގަިއ ފެށުމާއެކު ޖުމްލަ ހަތަރު ކާރު މިވަގުތަށް ވިލިމާލޭގައި ޚިދުމަތަށް ނެރޭނެ ކަމަށެވެ. އެއީ ޗަންގަންގެ ލުމިން މޮޑެލްގެ 2ކާރު އަދި އެސްޒީރޯ7 މޮޑެލްގެ 2ކާރުއެވެ.

އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިން އިން އަބަދުވެސް ދަތުރުކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އަގުތަކުގައި ކަމަށާއި އެ ހިދުމަތް 24ގަޑިއިރު ލިބޭނެ ކަމަށެވެ.

މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯއްދެވުމަށ،ް "މާލެ ޓެކްސީ އެޕް"މެދުވެރިކޮށް ލިބެއެވެ.

އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިންގެ އެންމެ މުހިންމު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އެގޮތުން މާލެ ޓެކްސީގައި ވަޒީފާ އަދާކުރާ ހުރިހާ ޓެކްސީ ޑްރައިވަރުންނަކީވެސް އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަށްފަހު އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާ ބައެއްކަމުގެ ޔަގީންކަން އެ ކުންފުނިންދެއެވެ.