ކްރިމިނަލް ކޯޓުގެ ކުރީގެ އިމާރާތުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
ކްރިމިނަލް ކޯޓުގެ ކުރީގެ އިމާރާތުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ރ. ދުވާފަރު/ ނޫރަންވިލާ، އަހުމަދު ނިޝާމް (34އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހު ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ނިޝާމް ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާގެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ނަމަވެސް އިމާރާތަށް ވަދެ ވައްކަންކުރި ކަމަށް ނިޝާމް ވަނީ އިންކާރުކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ ޖަސްޓިސް ބިލްޑިންގެ އެނެކްސްއަށް ކްރިމިނަލް ކޯޓު ބަދަލުކުރީ މިދިޔަ ޖުލައި މަހުއެވެ.