ޚަބަރު

އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުގެ ތައުރީފް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދައުލަތުގެ ދަރަނި ކުޑަކުރުމާ އެކު ރިޒާވްގެ ހާލަތު އާރާސްތުކުރުމަށް ދިވެހި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން އާންމުކުރި ރިޕޯޓެއްގައި ތައުރީފުކޮށްފިއެވެ.

"މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް- 2026"ގެ ނަމުގައި އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 2024ވަނަ އަހަރު 10.8 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓް، 2025ވަނަ އަހަރު ވަނީ 5.1 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 9.9 އިންސައްތައިން 4.3 އިންސައްތައަށް އައިސްފައިވާ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، 2024ވަނަ އަހަރާ އަޅައިބަލާއިރު ދައުލަތުގެ އާމްދަނީ 12 އިންސައްތައިން އިތުރުކުރެވި (ގައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތަ)، ހަރަދުތައް ވަނީ 8.3 އިންސައްތައިން ދަށްކުރެވިފައެވެ.

ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރުވެރިކަން މިހާރު ފިލައިގޮސްފައިވާކަން ފާހަގަކުރަމުން ވޯލްޑް ބޭންކުން ވަނީ، ކަރަންސީ ސްވޮޕް ފައިސާއާއި، ސުކޫކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ގަވާއިދުން އަދާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް 2027 އަދި 2028ވަނަ އަހަރު ދަރަނި ސާވިސްކުރުމަށް އުފުލަންޖެހޭ ބުރަ ގާތްގަނޑަކަށް 450 މިލިއަން އެމެރިކާ ޑޮލަރަށް ކުޑަވެގެންދާނެކަމަށް ވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓަށް ބަލާއިރު، 2024ވަނަ އަހަރު 1.5 ބިލިއަން ޑޮލަރުގައި އޮތުމަށް ފަހު، 2025ގައި އެ އަދަދު 578 މިލިއަން ޑޮލަރަށް ދަށްކުރެވިފައިވާކަން މާލީ އިދާރާއިން ފާހަގަކުރެއެވެ. ހަމައެއާ އެކު، ރަސްމީ ރިޒާވްގެ މިންވަރު 2026ގެ މާޗު މަހުގެ ނިޔަލަށް 1.3 ބިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، އެޕްރީލް މަހުގެ ބޮޑެތި ދަރަނިތައް ހަލާސްކުރުމަށް ފަހު ވެސް މޭ މަހުގެ ނިޔަލަށް 717.9 މިލިއަން ޑޮލަރު ރިޒާވްގައި ހުރިކަމީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ބޭރު ފައިސާގެ ރިޒާވް މިހާ ބޮޑަށް ރަނގަޅުވުމުގެ އަސްލަކީ ސަރުކާރުން އަލަށް ތައާރަފުކުރި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއި، ޑޮލަރުން ޓެކްސް ނެގުމަށް ގެނައި ހެޔޮ ބަދަލުތަކުގެ އިތުރުން 2024ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ރިޒާވް ބޭންކާ އެކު ހެދި ކަރަންސީ ސްވޮޕް ފެސިލިޓީކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. ވޯލްޑް ބޭންކުގެ އިތުރުން، ދަރަނީގެ އަނދަވަޅުން ސަލާމަތްވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ނަތީޖާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް ދާދިފަހުން ވަނީ ބަލައިގަނެ ތައުރީފުކޮށްފައެވެ.