ޚަބަރު

ފެނަކައިގެ ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު އެދިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލީ އިނާޔަތްތަކަކާ އެކު އަމިއްލައަށް ވަޒީފާ ދޫކޮށްލުމަށް ފެނަކަ ކޯޕަރޭޝަނުން ހުޅުވާލި ފުރުސަތުގެ ދަށުން 97 މީހަކު އެކަމަށް ހުށަހަޅާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް މުހުލަތު ދީފައިވާ މި ހާއްސަ ސްކީމްގެ ދަށުން، ވަޒީފާއިން ވަކިވާ ފަރާތްތަކަށް ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މި ފުރުސަތަށް މުވައްޒަފުންގެ ފަރާތުން އެކަށީގެންވާ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެޕްލިކޭޝަންތައް ދިރާސާކޮށް އެ ފަރާތްތައް ވަޒީފާއިން ވީއްލުމުގެ އިދާރީ މަރުހަލާތައް މިހާރު ދަނީ ކުރިއަށެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޕްރޮގްރާމެއް ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. މަސައްކަތުގެ މާހައުލުގައި އިންސާފުވެރިކަން ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ބައެއް މުވައްޒަފުން ބުރަކޮށް މަސައްކަތްކުރާއިރު، އަނެއްބަޔަކު ހަމައެކަނި ހާޒިރީ ފުރިހަމަކުރުމަށް ފަހު އެނބުރި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައެއް ރަށްރަށުގައި ކުރާނެ އެކަށީގެންވާ މަސައްކަތެއް ނެތް ނަމަވެސް، ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ތިބިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މުވައްޒަފުން މަދުކުރުމަށް އެޅޭ މި ފިޔަވަޅަކީ ކުންފުނީގެ ދެމެހެއްޓެނިވި ތަރައްގީއަށާއި މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފެނަކައިން ދެކެއެވެ.

ފެނަކައިގެ އިތުރުން، ސަރުކާރުގެ އެހެން ބޮޑު ކުންފުންޏެއް ކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެސް ދާދިފަހުން ވަނީ މިފަދަ އުސޫލެއް ތައާރަފުކޮށްފައެވެ. އެޗްޑީސީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާއިރު، މި ޕްރޮގްރާމްގެ ޝަރުތުތަކާއި ސުންގަޑި ކުރިއަށް އޮތް ތާނގައި އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.