ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަނީ
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ޖޭއެސްސީ އިން އިއުލާނު ކޮށްފައިވާ ގޮތުގައި ސިވިލް ކޯޓަށް ހޯދަނީ 3 ފަނޑިޔާރުންނެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޖުލައި އެއް ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އެ އިއުލާނުގައިވާ ގޮތުގައި ސިވިލް ކޯޓުގެ ގާޒީގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ލިބޭނެއެވެ. އަދި އޭގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.