ފަރުވާ އަށް ފަހު ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ދާން ބޭނުންވީ ސުޕަމޭން ޓީޝާޓެއްގައި
ކޮވިޑް-19 އަށް ފަރުވާ ހޯދުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެނބުރި ވައިޓް ހައުސް އަށް ދާން ބޭނުންވީ ސުޕަމޭން ޓީޝާޓެއް ލައިގެން ކަމުގައި ރިޕޯޓުތައް ބުނެފިއެވެ.
ދަ ނިއު ޔޯކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލާ ދުވަހަަކީ ހާއްސަ އަދި އެންމެންގެ ސަމާލުކަން ލިބޭ ފަދަ ދުވަހަކަށް ހަދަން ޓްރަމްޕް ބޭނުންވި ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޓްރަމްޕަށް މި ހިޔާލު އައިސްފައި ވަނީ ހޮސްޕިޓަލުގައި ހޭދަކުރި ތިން ދުވަހު ވެސް ސޫޓުގައި އިނދެ މަސައްކަތް ކުރުމުންނެވެ. އަދި ޓްރަމްޕަކީ ސުޕަމޭން ގޮތުގައި އޭނާއަށް އިހުސާސްވި ކަމަށާއި އެ ހިޔާލު އައީ އެގޮތަށް ކަމުގައި ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެގޮތުން ގަމީހުގެ އެތެރެއިން ސުޕާމޭން ޓީޝާޓެއްލައި، ގޮށް ތައް ނައްޓައިގެން ހުރި ޓީޝާޓު ދައްކަން ޓްރަމްޕް ބޭނުންވި ނަމަވެސް ޓްރަމްޕް ވަނީ ފަހުން އެ ހިޔާލު ދޫކޮށްލާފައެވެ.
ކޮވިޑް-19 އަށް ޓްރަމްޕް ފައްސިވުމަށްފަހު އޭނާ 3 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބޭއްވިއެވެ. ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.