ޚަބަރު

ޓްރީ ޓޮޕުން ލާމު ގަމުގައި ބޭއްވި ޚާއްޞަ ހެލްތު ކޭމްޕް ނިންމާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ހައްދުންމަތީ ގަމުގައި ޖޫން މަހުގެ 19 އަދި 20ވަނަ ދުވަހު ކުރިއަށްގެންދިޔަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މެދުކެނޑުމެއްނެތި ދެ ދުވަހަށް ދެމިގެންދިޔަ މި ޞިއްޙީ ހަރަކާތުގައި އެ އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 492 މީހަކު ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކައި، ލަފަޔާއި ފަރުވާ ހޯދާފައެވެ. މި ކޭމްޕަށް ވަޑައިގެންނެވި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުގައި ހިތުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ފުއްޕާމޭގެ އިތުރުން ކަރުންމަތީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ މާހިރުން ހިމެނެއެވެ. މީގެ އިތުރުން ހަކުރުބައްޔާއި އެތެރެހަށީގެ ބަލިތަކާއި އާންމު އޮޕަރޭޝަންތަކަށް ވެސް މި ކޭމްޕުގެ ތެރެއިން ވަނީ ބަލިމީހުން ސްކްރީންކޮށް ފަރުވާދީފައެވެ.

ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ކޭމްޕްގައި މުހިންމު ހަރަކާތްތަކެއް ހިންގިއެވެ. އެގޮތުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމާ ގުޅޭގޮތުން ގަމުގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވިއެވެ. ހަމައެހެންމެ، ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ފަންނީ ހުނަރު ތަރައްޤީކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށްގެންދިޔައެވެ. މި ކޭމްޕް އިންތިޒާމުކުރުމުގައި ގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފައެވެ.

މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގި 18ވަނަ މަލްޓި-ސްޕެޝަލިޓީ ކޭމްޕެވެ. އަދި މިއީ 2026ވަނަ އަހަރަށް ކަނޑައަޅާފައިވާ ތާވަލުގެ ދަށުން ބޭއްވި ދެވަނަ ހަރަކާތްވެސްމެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ އަތޮޅުތަކެއްގައި މިފަދަ ކޭމްޕްތައް ބާއްވައި، ގިނަ ބަޔަކަށް ވަނީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. ޓްރީ ޓޮޕްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެހީތެރިވެދިނުންކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!