ޕޮލިޓެކްނިކްގެ ސަގާފީ މަރުކަޒު އަންނަ ނޮވެމްބަރު މަހު ހުޅުވަނީ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ތަރައްޤީކުރާ ކަލްޗަރަލް ސެންޓަރު (ސަގާފީ މަރުކަޒު) މި އަހަރުގެ ނޮވެމްބަރު މަހު ހުޅުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ބީސީސީގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހީމް ޒިޔާއުއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަރުކަޒު ހުޅުވުމާ އެކު ފޭލި ވިޔުމުގެ ފަންނު އުނގަންނައިދިނުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ. އަދި މިކަމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށް ދާއިރާގެ ތަޖުރިބާކާރުންނާ އެކު ޕޮލިޓެކްނިކުން ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.
މާލޭގެ އިތުރުން ރާއްޖެތެރޭގައި ވެސް ސަގާފީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ބ. ތުޅާދޫ އަދި ގދ. ގައްދޫގައި ޢިމާރާތްކުރާ ކަލްޗަރަލް ސެންޓަރުތައް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި ހުޅުވާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. މި ތަންތަނުގައި ވެސް ޒަމާނީ މެޝިނަރީ ބަހައްޓައިގެން ފޭލި ވިޔުމުގެ ހުނަރު ދަސްކޮށްދިނުމުގެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް ކުރިއެރުވުމުގައި 'މެކްސް' ފަދަ އަމިއްލަ ޖަމިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ލިބެމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޓީގައި އިތުރަށް މަޢުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައިޝް މުހައްމަދު ވިދާޅުވީ، ދިވެހިންގެ ކަސްބީ މަސައްކަތްތައް ނެތިގެންދާ މައިގަނޑު ސަބަބަކީ އެކަށީގެންވާ މާލީ ނަފާއެއް ނުލިބުމާއި، އުފެއްދުންތައް މާކެޓުކުރުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. ނަމަވެސް، ޑިސެންބަރު 30 ގައި ކެބިނެޓުން ފާސްކޮށްފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް ކުރިއަށްދާ މި ސެންޓަރުތަކުގެ ސަބަބުން، މި ދާއިރާއިން މީހުން ބިނާކުރުމަށް ހަރުދަނާ ނިޒާމެއް އުފެދި، އާމްދަނީ ލިބޭނެ މަގުތައް ފަހިވެގެންދާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
ނެތެމުންދާ ދިވެހި ސަގާފަތްތަކާއި މާނަވީ ތަރިކަ ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަލްޗަރަލް ސެންޓަރުތައް ބިނާކުރުމަކީ މި ސިޔާސަތުގެ ދަށުން، ތަރިކަ ރައްކާތެރިކުރާ ވުޒާރާއާ ގުޅިގެން ތަންފީޒުކުރެވެމުންދާ މުހިންމު މަޝްރޫޢެކެވެ.
