ޚަބަރު

އަގުމަގު ޕޯޓަލްއިން އަތޮޅުތެރޭގެ މުދަލުގެ އަގުތައް ބަލައިލެވޭގޮތް ހަދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އެސްޓީއޯ

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުދާ ވިއްކަން ހުރި އަގުތައް އަންނަ މަހުގެ ތެރޭގައި އާންމުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ހާމަކުރެއްވި ގޮތުގައި، ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫޢުގެ ބޮޑުބައެއް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އަތޮޅުތެރޭގެ ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމްތައް ސީދާ މި ޕޯޓަލްއާ ގުޅާލުމުން، ވަގުތުން ވަގުތަށް ބާޒާރުގެ އަގުތައް ރައްޔިތުންނަށް ފެންނަމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އާންމު ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ފަރުމާކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަން ވެގެންދާނީ ވެބް ޕޯޓަލްގައި ނުހިމެނޭ ގިނަ އައު ފީޗަރތަކަކާ އެކު، ވަރަށް ފަސޭހައިން ބާޒާރުގެ އަގުތައް އަޅާކިޔައިލެވޭނެ ޒަމާނީ މަންސައަކަށެވެ.

މިހާތަނަށް މި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުންނާއި މާރުކޭޓުތަކުން އިޤުތިޞާދީ ވުޒާރާގެ އިންސްޕެކްޝަން ޓީމުތަކުން އަމިއްލައަށް އެއްކުރާ މަޢުލޫމާތެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ އަގުތައް އެންމެ ހެޔޮކޮށް ލިބެން ހުންނަ ތަންތަން ދެނެގަތުމަށް މި ޕޯޓަލް މުހިންމު ދައުރެއް އަދާކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!