ޣައްޒާގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ފަލަސްޠީނުގެ ސަފީރު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފި
އިސްރާއީލާއި ޙަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް 1،000 ދުވަސް ގާތްވަމުން އަންނައިރު، ޣައްޒާގެ ޞިއްޙީ ނިޒާމަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް އިންޑިއާއާއި އެ ޤައުމުގެ މަދަނީ އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުގެ ކިބައިން އިންޑިއާގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު ޢަބްދުﷲ އެމް. އަބޫ ޝަވޭޝް އެދިވަޑައިގެންފިއެވެ.
ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ސަފީރު ޝަވޭޝް ވަނީ ޣައްޒާގައި ގޯސްވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފަލަސްޠީނުގެ އެމްބަސީން ނެރުނު ތަފްޞީލީ ބަޔާނެއްގައި، އެ ސަރަޙައްދުގެ ޞިއްޙީ ދާއިރާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އަވަސް އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ފުރާނަ ސަލާމަތްކުރަނިވި ބޭހާއި، މުހިންމު ޞިއްޙީ ސާމާނު ހިމެނޭހެން 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ވަގުތުން ބޭނުންވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި، ޚާއްޞަކޮށް އިންޑިއާ ސަރުކާރަށާއި، އެ ޤައުމުގެ އިންސާނީ އެހީދޭ ޖަމިއްޔާތަކާއި، ޞިއްޙީ މުއައްސަސާތަކުގެ އިތުރުން މަދަނީ ޖަމާޢަތްތަކަށް، ފަލަސްޠީނުގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، މެދުކެނޑުމެއްނެތި އިންސާނީ އަދި ޞިއްޙީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެމްބަސީން ވަނީ ގޮވާލާފައެވެ. އަދި އިންޑިއާއިން އިސްރާއީލާއި ފަލަސްޠީނާ ދެމެދުވެސް ގާތް ގުޅުމެއް ބާއްވާކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ސަފީރު ޝަވޭޝް ވަނީ އިންޑިއާއާއި ފަލަސްޠީނާ ދެމެދު އޮންނަ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. "އިންޑިއާއަކީ އަޅުގަނޑުމެންގެ ބޭބެއެއް ފަދަ ޤައުމެއް. ގްލޯބަލް ސައުތުގެ ޤައުމުތަކުގެ ގޮތުގައި އަޅުގަނޑުމެންގެ މެދުގައި އެއްގޮތް ގިނަ އުސޫލުތަކަކާއި، ތާރީޚަކާއި، މުސްތަޤުބަލެއް ޙިއްޞާކުރެވޭ،" އޭނާ ވިދާޅުވިއެވެ. އަދި އދ. ގައި 10 ވަރަކަށް އަހަރު މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި، އިންޑިއާ މީހަކަށް ނުވަތަ އިންޑިއާގެ ޑިޕްލޮމެޓަކަށް ވުމުގެ ޙަޤީޤީ މާނަ އެނގިވަޑައިގަންނަވާކަމަށް ވިދާޅުވަމުން، "އިންޑިއާ އަކީ އިންޑިއާ،" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސިޔާސީ ގުޅުން ޤާއިމުކުރި ޢަރަބި ނޫން ފުރަތަމަ ޤައުމަކީ އިންޑިއާއެވެ. ޔާސިރު ޢަރަފާތުގެ އިސްކަމުގެ ދަށުން ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަނުން ނޮވެމްބަރު 1988 ގައި މިނިވަން ދައުލަތެއް އިޢުލާންކުރުމާއެކު އިންޑިއާއިން ވަނީ އެކަން ބަލައިގަނެފައެވެ. ސަފީރު ވަނީ 1947 ވަނަ އަހަރު މަހާތަމާ ގާނދީގެ ޒަޢާމަތުގައި، ފަލަސްޠީނު ބައިކުރުމުގެ ޕްލޭނާ ދެކޮޅަށް އިންޑިއާއިން ވޯޓުދިންކަން ހަނދާން އާކުރައްވައި، މިހާރުގެ ސަރުކާރުންވެސް މި ޒަމާންވީ ގުޅުން ދަމަހައްޓާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ފަލަސްޠީނުގެ އެމްބަސީން ބުނި ގޮތުގައި، ހިނގަމުންދާ ހަމަނުޖެހުންތަކާއި، ޞިއްޙީ އުމްރާނީ ވަސީލަތްތައް ހަލާކުވުމާއި، އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކުގެ ސަބަބުން ފަލަސްޠީނުގެ ޞިއްޙީ ނިޒާމު ވަނީ ފުނޑުފުނޑުވުމުގެ ތުންފަތްމަތީގައެވެ. ޣައްޒާގައި ބޮޑެތި ހަލާކުތަކެއް ވެފައިވާއިރު، އެ ސަރަޙައްދުގެ 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު ކޮންމެވެސް ވަރަކަށް ޚިދުމަތްދެމުން އަންނަނީ އެންމެ 19 ހޮސްޕިޓަލުންނެވެ. އައްސޭދިކުރާ ބޭހާއި، އެންޓިބައޮޓިކްސް، ޑައަލިސިސް ސާމާނު، ލޭ، އޮޕަރޭޝަންކުރާ އާލާތްތައް، އިންސިއުލިން އަދި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މީގެ އިތުރުން، 12،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު، ޤަބުރުސްތާނުތަކަށް ދީފައިވާ ޙަމަލާތަކުގެ ސަބަބުން އިންސާނުންގެ ކަށިތަކާއި ހަށިތައް ވަނީ ބޭރުވެފައިކަމަށް އެމްބަސީން މަޢުލޫމާތުދެއެވެ.
މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކުޑަކުދިންނަށެވެ. އެތައް ހާސް ކުދިންނެއް ނިއުޓްރިޝަންގެ މައްސަލަތައް ތަޙައްމަލުކުރަމުންދާއިރު، ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށް ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ދައްކައެވެ. ހުޅަނގު އައްސޭރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ފަލަސްޠީނު ސަރުކާރުގެ ހޮސްޕިޓަލުތަކުގައި 65،000 އޮޕަރޭޝަން ކޮށްފައިވީނަމަވެސް، މިއަހަރު މިހާތަނަށް ކުރެވިފައިވަނީ ގާތްގަނޑަކަށް 19،500 އޮޕަރޭޝަނެވެ. އަދި ބޭހާއި ވަސީލަތްތައް ނެތުމުގެ ސަބަބުން 2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ތާވަލުކުރެވިފައިވާ 11،000 އަށްވުރެ ގިނަ އޮޕަރޭޝަން ވަނީ ފަސްކުރެވިފައެވެ.
މީގެ އިތުރުން، އަސާސީ 520 ބޭހުގެ ތެރެއިން 180 ބޭސް މިހާރު ލިބެން ނެތްއިރު، ކެންސަރު ފަރުވާއަށް ބޭނުންކުރާ 97 ބޭހުގެ ތެރެއިން 50 ބޭސް ވަނީ އެއްކޮށް ހުސްވެފައެވެ. މީގެ ސަބަބުން 4،000 އެއްހާ ކެންސަރު ބަލީގެ މީހުންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
އަވަސް އެހީތެރިކަމަށް ގޮވާލައްވަމުން ސަފީރު ޝަވޭޝް ވަނީ، ޤުދުރަތީ ކާރިސާތަކާއި އިންސާނީ ކާރިސާތަކާ ކުރިމަތިލާންޖެހިފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަށްޓަވާފައިވާ "އާރޯގްޔާ މައިތްރީ" އިސްނެންގެވުމަށް އިޝާރާތްކުރައްވާފައެވެ.
ބަޔާން ނިންމާލަމުން ފަލަސްޠީނުގެ އެމްބަސީން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމަށް އެހީތެރިވުމުގައި އިންޑިއާއިން އިންސާނީގޮތުން އިސް ދައުރެއް އަދާކުރުމަށް އެދިފައެވެ. "އިންޑިއާއާއި އިންޑިއާގެ ރައްޔިތުން ނޫންނަމަ ދެން ކާކުތޯ؟ މިހާރު ނޫންނަމަ ދެން ކޮން އިރަކުތޯ؟" އެ ބަޔާނުގައި ސުވާލުކޮށްފައިވެއެވެ.