މިޔަންމާއާއި އިންޑިއާގެ ސްޓްރެޓީޖިކް ގުޅުން: ޚިޔާލީ އުސޫލުތަކަށްވުރެ އަމަލީ މަސްލަހަތަށް އިސްކަންދިނުން
24 ޖޫން 2026 – އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް މިޔަންމާގެ ރައީސް މިން އައުންގް ހްލައިންގް މިހާރު ގެންދަވަނީ އިންޑިއާއަށް 5 ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މިއީ މިޔަންމާގެ އައު ރައީސްގެ ގޮތުގައި އޭނާ އިންތިޚާބުވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް އޭނާ ވެރިކަމަށް ވަޑައިގެންނެވި އިންތިޚާބަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބޭއްވި އިންތިޚާބެއް ނޫނެވެ. އިންޑޮނޭޝިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު އަދި އާސިއާން ޕާލަމެންޓޭރިއަން އޮން ހިއުމަން ރައިޓްސް (އޭޕީއެޗްއާރު) ގެ ޗެއަރޕާސަން މަރސީ ކްރިސްޓީ ބަރެންޑްސް ވިދާޅުވި ގޮތުގައި "މިން އައުންގް ހްލައިންގް އަކީ މިޔަންމާގެ ސައްހަ ރައީސެއް ނޫނެވެ." ޑިމޮކްރެޓިކްކޮށް އިންތިޚާބުކޮށްފައިވާ ސަރުކާރެއް ލޭއޮހޮރުވުން ބޮޑު ބަޣާވާތަކުން ވައްޓާލުމަށްފަހު، އޭނާ ވަނީ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޖަރީމާތައް ހިންގަވާފައެވެ. މިކަމާ ގުޅިގެން، މިން އައުންގްގެ ސަރުކާރަކީ ޑިމޮކްރެސީއާ ޚިލާފު އަދި ޣައިރު ގާނޫނީ ސަރުކާރެއްކަމަށް ކަނޑައަޅައި، އެކަން ކުށްވެރިކުރުމަށް އޭޕީއެޗްއާރުން ވަނީ އިންޑިއާއަށް ގޮވާލާފައެވެ. އެހެންކަމުން، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް ދައުވާކުރާ އިންޑިއާއިން، އަމިއްލަ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ޑިމޮކްރެޓިކް ނޫން ސަރުކާރަކާއެކު ގުޅުން ބާއްވަނީ ކީއްވެތޯ މިވަނީ ސުވާލު އުފެދިފައެވެ.
މިޔަންމާގައި 1988 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތުގައި އިންޑިއާގެ މައިގަނޑު ސިޔާސަތަކަށް ވެފައި އޮތީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކަށް އިސްކަންދިނުމެވެ. އެގޮތުން އިންޑިއާ ސަރުކާރުން އޭރު އޮތް އަސްކަރީ ޖުންޓާއާ ގުޅުން ކަނޑާލިއެވެ. އިންޑިއާއިން ގެންގުޅުނު މި ޚިޔާލީ އުސޫލުތަކުގެ ސަބަބުން އިންޑިއާއާއި މިޔަންމާގެ ގުޅުމަށް ހީނަރުކަން އައިސް، އިންޑިއާގެ އަވަށްޓެރި ސަރަހައްދުގައި ޗައިނާއިން ސްޓްރެޓީޖިކް ނުފޫޒު ފޯރުވަން ފެށިއެވެ. ޗައިނާގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރި މިޔަންމާގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައިރު، 1989 ވަނަ އަހަރު ބެއިޖިންގ އިން 1 ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު މިޔަންމާގެ ޖުންޓާއިން ގަތެވެ. މިއީ މިޔަންމާގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު އެއް ހަތިޔާރުގެ މުއާމަލާތެވެ. އިންޑިއާ ކަނޑަށް ވަދެވެން އޮންނަ މިޔަންމާގެ ޖިއޯ-ސްޓްރެޓީޖިކް މަގާމަކީ ބެއިޖިންގ އަށް ވަރަށް މުހިންމު ތަނެކެވެ. މިޔަންމާގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ އިންޑިއާގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ވިއެވެ. ސަބަބަކީ އިންޑިއާގެ އިރުއުތުރުގެ ބޮޑެތި ހަތިޔާރުއެޅި ޖަމާއަތްތައް ކަމަށްވާ އެންއެސްސީއެން އާއި އުލްފާ ފަދަ ޖަމާއަތްތަކަށް ތަމްރީނު ދިނުމަށް ޗައިނާއިން މިޔަންމާ ބޭނުންކުރާތީއެވެ. އެހެންކަމުން، 1989 ގެ ފަހުން އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް އިންޑިއާއިން މިޔަންމާއާ ގުޅުން ކަނޑާލުމުގެ ނަތީޖާއަކަށްވީ އިންޑިއާގެ އަވަށްޓެރި ސަރަހައްދުން ޗައިނާއިން ބޮޑެތި ފައިދާތަކެއް ހޯދުމެވެ.
މިކަންކަމާ ގުޅިގެން 2021 ވަނަ އަހަރުގެ ބަޣާވާތަށްފަހު އިންޑިއާއިން ވަނީ މިޔަންމާއާމެދު ގެންގުޅޭ ސްޓްރެޓެޖީ ބަދަލުކޮށް، އަމަލީ މަސްލަހަތަށް އިސްކަންދޭ ސިޔާސަތެއް ޚިޔާރުކޮށްފައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ސާފުކޮށް ބުނެފައިވަނީ މިޔަންމާއަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު އިންޑިއާއަށް ކުރާނެ ކަމަށާއި، އެހެންކަމުން އިންޑިއާގެ ސިޔާސަތު ވާންޖެހޭނީ އެ ގައުމުގެ ސްޓްރެޓީޖިކް މަސްލަހަތު ހިމާޔަތްކުރެވޭނެ ސިޔާސަތަކަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އަސްކަރީ ޖުންޓާއާއި ނަސްލީ ހަތިޔާރުއެޅި ޖަމާއަތްތަކާއެކުވެސް އިންޑިއާއިން ގުޅުން ބާއްވައި، ދެފަރާތުގެ ދެމެދުގައި ހަމަހަމަކަމެއް ގެންގުޅުމަށް މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ. ބަޣާވާތަށްފަހު އިންޑިއާއިން އަންނަނީ އަސްކަރީ ހާޑްވެއަރ އަދި ސްޕެއަރގެ ގޮތުގައި ޖުންޓާއަށް މެދުނުކެނޑި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހަމައެއާއެކު، ސަރަހައްދީ ރޮނގު ހުރަސްކޮށް އޮފިޝަލުން ފޮނުވައިގެންނާއި ބައެއް ޖަމާއަތްތަކަށް ނިއުދިއްލީގައި ބާއްވާ ކޮންފަރެންސްތަކަށް ދައުވަތު ދީގެން، ތަފާތު ނަސްލީ ހަތިޔާރުއެޅި ޖަމާއަތްތަކާއެކުވެސް އިންޑިއާއިން ދަނީ މަޝްވަރާކުރަމުންނެވެ. މީގެން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އިންޑިއާއިން މަސައްކަތްކުރަނީ ޑިމޮކްރެސީގެ އަޚްލާގީ މަތިވެރިކަން ދެމެހެއްޓުމަށްވުރެ ބޮޑަށް އެ ގައުމުގެ ސްޓްރެޓީޖިކް މަސްލަހަތުތައް ކުރިއެރުވުމަށެވެ. މީގެ ތެރޭގައި ސްޓްރެޓީޖިކް ގޮތުން މުހިންމު ރާޚައިން ސްޓޭޓްގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ އަރަކާން އާމީ (އޭއޭ) ފަދަ ޖަމާއަތްތަކާ ގުޅުން ބޭއްވުން ހިމެނެއެވެ. ސްޓޭޓްގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަތުލުމަށްފަހު، އަރަކާން އާމީން ވަނީ އަސްކަރީ ޖުންޓާއާއެކު މަޝްވަރާކުރުމަށް އިސްނަގާފައެވެ. އޭއޭ އިން އަބަދުވެސް ބޭނުންވަނީ ރާޚައިން ސްޓޭޓްގައި ސްޓްރެޓީޖިކް ގޮތުން ބޮޑު މިނިވަންކަމެއް ހޯދުމަށެވެ. އެހެންކަމުން، ސަރުކާރުގެ އޮފިޝަލުން މިޔަންމާއަށް ފޮނުވައިގެން އޭއޭ އާއެކު އިންޑިއާއިން ބާއްވާ ގުޅުމުން ދައްކުވައިދެނީ، އިންޑިއާގެ އިގުތިސާދީ އަދި ވިޔަފާރީގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި އެ ޖަމާއަތާއެކު ސްޓްރެޓީޖިކް ގުޅުމެއް ބާއްވަން އިންޑިއާއިން ބޭނުންވާކަމެވެ.
އިންޑިއާއަށް މިޔަންމާގެ ޖިއޯގްރަފިކަލް މަގާމަކީ ސްޓްރެޓީޖިކް ގޮތުން ވަރަށް ބޮޑު މުހިންމުކަމެއް ލިބިގެންވާ ތަނެކެވެ. މިޔަންމާއާއެކު އިންޑިއާއިން 1،693 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާއިރު، އެއީ އިންޑިއާއިން އާސިއާންއަށް ވަނުމަށް އޮތް ދޮރާށި ކަމުގައި ވަނީ ބެލެވިފައެވެ. މީގެ ސަބަބުން އިންޑިއާއިން ވަނީ މިޔަންމާގެ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މިޔަންމާގެ ރާޚައިން އަދި ޗިން ސްޓޭޓްގައި ހިންގާ ކަލަޑަން މަލްޓިމޯޑަލް ޓްރާންސިޓް ކޮރިޑޯ އާއި ސިޓްވޭ ޕޯޓަކީ އިންޑިއާގެ އެންމެ ބޮޑު ދެ މަޝްރޫއެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ މަގު ބަންދުވެފައިވާ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކަށް މިޔަންމާގެ ސިޓްވޭ ބަނދަރަށް ވަދެވޭނެއެވެ. އަދި މިއީ ރާޚައިން ސްޓޭޓްގައި އޮންނަ ޗައިނާގެ ކިޔައުކްފިޔު ޕޯޓާ ވާދަކުރުމަށް ހިންގާ މަޝްރޫއެއްގެ ގޮތުގައިވެސް ބެލެވެއެވެ. މިކަމުގެ ސަބަބުން އަރަކާން އާމީއާއެކު ބާއްވާ ގުޅުމަކީ ޖިއޯ-ސްޓްރެޓީޖިކް ގޮތުން މުހިންމު ގުޅުމަކަށް ވަނީ ވެފައެވެ. އިންޑިއާއިން މަސައްކަތްކުރަމުން އަންނަ އަނެއް ބޮޑު މަޝްރޫއަކީ އިންޑިއާ-މިޔަންމާ-ތައިލެންޑް ޓްރައިލެޓަރަލް ހައިވޭ މެދުވެރިކޮށް އާސިއާންއާ ގުޅާލުމެވެ. މި މަޝްރޫއުގެ ސަބަބުން އާސިއާންގެ ދެ ގައުމަކަށް އެއްގަމު މަގުން ދަތުރުކުރުމުގެ ފުރުސަތު އިންޑިއާއަށް ލިބި، ވިއެޓްނާމް ފަދަ އެހެން ގައުމުތަކަށްވެސް މި މަގު ފުޅާކުރެވިދާނެއެވެ. ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާރު މި މަޝްރޫއުތައް މަޑުޖެހިފައި އޮތް ނަމަވެސް، މަޝްރޫއުތައް ރައްކާތެރިކޮށް އަވަސްކުރުމަށް އިންޑިއާއިން އަންނަނީ ހަތިޔާރުއެޅި ނަސްލީ ޖަމާއަތްތަކާއި ސަރުކާރާއެކުވެސް މަސައްކަތްކުރަމުންނެވެ.
އެހެންކަމުން، މިން އައުންގް ހްލައިންގް ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުން ދައްކުވައިދެނީ އިންޑިއާއިން ޚިޔާލީ އުސޫލުތަކަށްވުރެ އަމަލީ މަސްލަހަތު އިޚްތިޔާރުކޮށްފައިވާ ކަމެވެ. ނިއުދިއްލީން ވަނީ މިޔަންމާގެ ޑިމޮކްރެސީގެ ހާލަތާ ދުރުހެލިވެ، ސްޓްރެޓީޖިކް މަސްލަހަތުގެ މައްޗަށް ބިނާކޮށް ގުޅުން ބޭއްވުމަށް މަސައްކަތްކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއިން މިޔަންމާއާއެކު ބާއްވާ ގުޅުމަކީ މިޔަންމާގެ އެތެރޭގެ ސިޔާސީ އިންތިޒާމުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫނެވެ. ތާރީޚަށް ބަލާއިރު ޑިމޮކްރެސީއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް އެހެން ބާރުތަކުން މީގެ ފައިދާ ނަގާފާނެތީ، އެތެރޭގެ ސިޔާސީ ހާލަތަށް ބިނާކޮށް ގުޅުން ކަނޑާލަން އިންޑިއާއިން ބޭނުމެއް ނުވެއެވެ. މި ބަޔާނުގައި ޗައިނާގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، މިއީ ޗައިނާއަށް އަމާޒުކޮށް ދިން މެސެޖެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކާއި އެމްއޯޔޫތަކުގައި ސޮއިކުރެވުނެވެ. އިންޑިއާއާ ދެކޮޅު ހަރަކާތްތަކަށް މިޔަންމާގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން މިޔަންމާއިން އަނެއްކާވެސް ދިނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ދާދިފަހުން ހޯދަމުންދާ ކުރިއެރުންތަކާއެކު، އެމީހުން އަންނަނީ ބާރުގަދަކޮށް ސަރަހައްދުތައް ހިފަމުންނެވެ. އަލަށް ފާސްކުރި ސިފައިންނަށް ވެއްދުމުގެ ގާނޫނާއެކު، ކުރިއެރުންތައް ދެމެހެއްޓުމަށް އިތުރު ސިފައިން ހޯދުމުގެ ފުރުސަތު ލިބިފައިވެއެވެ. މީގެ އިތުރުން ރަޝިޔާ، ޗައިނާ އަދި އިންޑިއާގެ އެހީތެރިކަމާއެކު ޖުންޓާގެ ހަތިޔާރުގެ ބާރުވެރިކަން ވަނީ ބަޣާވާތްކުރާ ފަރާތްތަކަށްވުރެ މާބޮޑަށް ވަރުގަދަވެފައެވެ. މިކަމުގެ ސަބަބުން އިންޑިއާއިން ވަނީ ބާރުގަދަ ޖުންޓާއާއި ރާޚައިން ސްޓޭޓްގައި ހަރަކާތްތެރިވާ އޭއޭ ފަދަ ސްޓްރެޓީޖިކް ބަޣާވާތްތެރިންނާއެކު ގުޅުން ބާއްވައިގެން މިޔަންމާގެ ސިޔާސަތު އަލުން އެކުލަވާލާފައެވެ.
އެހެންކަމުން، އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވަމުންދިއުމުގެ ސަބަބުން، މިޔަންމާއާމެދު އިންޑިއާއިން ގެންގުޅޭ ސްޓްރެޓެޖީ ޚިޔާލީ އުސޫލުތަކުން އަމަލީ މަސްލަހަތަށް ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށް ބުނެވިދާނެއެވެ. 1988 ވަނަ އަހަރު އިންޑިއާއިން ގެންގުޅުނު ޚިޔާލީ އުސޫލުތަކުގެ ސަބަބުން މިޔަންމާގައި އޮތް ސްޓްރެޓީޖިކް ބާރު ޗައިނާއަށް ގެއްލިގެންދިޔަ ނަމަވެސް، ވާދަވެރިކަން ބޮޑުވަމުންދާ ވަރަކަށް މިހާރު މި ހާލަތު ވަނީ ބަދަލުވެފައެވެ. ނަމަވެސް ޑިމޮކްރެސީއެއްގެ ހައިސިއްޔަތުން އިންޑިއާއިން މި ނާޒުކު ރޮނގުމަތީގައި ވަރަށް ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅައި، މިޔަންމާގެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ މުހިންމު މައްސަލަތަކަށް އަޑުއުފުލަން ޖެހެއެވެ.
މި ލިޔުން ތައްޔާރުކުރެއްވި ޑޮކްޓަރ ސޯމިޔޯދީޕް ދޭބް އަކީ ހޮންގްކޮންގްގެ ލިންގްނާން ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެންޑް އިންޓަރނޭޝަނަލް އެފެއާޒްގެ ޕޯސްޓްޑޮކްޓޯރަލް ރިސަރޗް ފެލޯއެކެވެ. އޭނާގެ ދިރާސީ ޝައުގުވެރިކަން ހުރީ އިންޓަނޭޝަނަލް ސެކިއުރިޓީ، އިންޓަނޭޝަނަލް ރިލޭޝަންސް ތިއަރީ، ގްރޭންޑް ސްޓްރެޓެޖީ، ޗައިނާ އާއި އިންޑިއާގެ ޚާރިޖީ ސިޔާސަތު އަދި އިންޑޯ-ޕެސިފިކްގައި ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ މައްޗަށެވެ. އަނެއް ލިޔުންތެރިޔާ އައުންގް ކިޔޯ އަކީ ލިންގްނާން ޔުނިވަރސިޓީން ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސަސްޓެއިނަބިލިޓީ އިން މޭޖަރކޮށް އަދި ސޯޝިއޮލޮޖީ އިން މައިނަރކޮށް ދާދިފަހުން ގްރެޖުއޭޓްވެފައިވާ ފަރާތެކެވެ. އޭނާގެ ދިރާސީ ޝައުގުވެރިކަން ހުރީ އިރުދެކުނު އޭޝިއާގެ ސިޔާސަތު، ސުލްހައާއި ހަމަނުޖެހުންތަކުގެ ދިރާސާތައް، އިޖުތިމާއީ ތަރައްގީ އަދި އިރުދެކުނު އޭޝިއާގެ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށެވެ. (އީމެއިލް: [email protected])