ޚަބަރު

ޢާއިލީ މައްސަލަތައް ޞުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް 25 މީޑިއޭޓަރުން ބިނާކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ކޯޓުން ބޭރުގައި އާއިލީ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، 25 މީޑިއޭޓަރުން ބިނާކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޔުނިސެފް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްކެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފަންނީ ތަމްރީނަކީ ދަރިންގެ މަޞްލަޙަތު އިސްކޮށް، ޢާއިލާތަކުގެ ތެރޭގައި އުފެދޭ ދެބަސްވުންތަކަށް ޤާނޫނީ އަދި އިޖުތިމާޢީ އޮނިގަނޑުގެ ތެރެއިން ލުއިފަސޭހަ ޙައްލުތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގި މުހިންމު ޙަރަކާތެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޤައުމީ ފެންވަރެއްގައި މަސައްކަތްކުރާނެ ފެންވަރު ރަނގަޅު މީޑިއޭޓަރުންގެ ވިއުގައެއް މުޅި ރާއްޖޭގައި ޤާއިމުކުރުމާއި، ކޯޓު މަރުޙަލާއަށް ނުގޮސް ވާހަކަދައްކައިގެން މައްސަލަތައް ނިންމުމުގެ ސަގާފަތެއް ދިވެހި މުޖުތަމަޢުގައި އާލާކުރުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ މައްސަލަތައް ޙައްލުކުރުމުގެ އުކުޅުތަކާއި، މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރުގެ އިތުރުން މީޑިއޭޝަންގެ ދާއިރާގައި ގެންގުޅެންޖެހޭ އަޚްލާޤީ މިންގަނޑުތައް ދަސްކޮށްދީފައެވެ. އަދި ޚާއްޞަ ގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކަންކަން ނިންމުމުގައި އެކުދިންގެ ޙައްޤުތަކަށް އިސްކަންދޭނެ ގޮތުގެ ޢިލްމީ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން އިޖުތިމާޢީ ކަންކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މުހިންމު މަސައްކަތަކީ އިޖުތިމާޢީ ކަންކަމާ ބެހޭ ވުޒާރާއާއި، ޝަރުޢީ ދާއިރާ އަދި ޔުނިސެފް ގުޅިގެން ހިންގަމުންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ތެރެއިން ރޭވިގެންދިޔަ ކަމެކެވެ. މި ތަމްރީނު ފަރުމާކޮށްފައި ވަނީ، ޢާއިލީ ގުޅުންތައް ހީނަރުވުމުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާޢީ ގެއްލުންތައް ކުޑަކުރުމަށްޓަކައި، މައްސަލަތައް ގޯސްވުމުގެ ކުރިން އެކަށީގެންވާ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޚާއްޞަ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!