ދުނިޔެ

އިންޖިނިއަރިންގ މަސައްކަތްތެރިންގެ އާބާދީގައި ޗައިނާއާ ވާދަކުރެވޭނެ ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ވޮޝިންޓަން، 30 ޖޫން 2026 (އައިއޭއެންއެސް): އެމެރިކާގެ ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރިންނާއި ހުނަރުވެރިންގެ އާބާދީއަށް ބަލާއިރު ދުނިޔޭގައި "ޗައިނާއާ ސީދާ ވާދަކުރެވޭނެ ހަމައެކަނި ގައުމަކީ އިންޑިއާ" އެވެ. އަދި ރައްކާތެރި ޓެކްނޮލޮޖީގެ ނިޒާމުތައް ބިނާކުރުމަށާއި، މުޅި ދުނިޔެ ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި އިންޑިއާއަކީ އެމެރިކާއަށް ވަރަށް މުހިންމު ބައިވެރިއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އިކޮނޮމިކް ގްރޯތު، އެނަރޖީ އެންޑް ދަ އެންވަޔަރަންމަންޓް ޖޭކަބް ހެލްބަރގް މިފަދައިން ވިދާޅުވީ، ވޮޝިންޓަންގައި ކުރިއަށްދިޔަ ނުވަވަނަ ޔޫއެސް-އިންޑިއާ ސްޓްރެޓީޖިކް ޕާޓްނަރޝިޕް ފޯރަމް ލީޑަރޝިޕް ސަމިޓުގައި، މާސްޓަރކާޑުގެ ޗީފް ގަވަރންމަންޓް އެފެއަރޒް އެންޑް ޕޮލިސީ އޮފިސަރ ޓަކަރ ފޫޓް އާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ހެލްބަރގް ވިދާޅުވި ގޮތުގައި އެމެރިކާއަށް އިންޑިއާއަކީ އާދަޔާޚިލާފަށް މުހިންމު ބައިވެރިއެކެވެ. އެގޮތުން، ޕެކްސް (PAX) ޑިކްލަރޭޝަންގައި އެންމެ ކުރިން ސޮއިކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭކަމަށާއި، އެމެރިކާގެ ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑިޕްލޮމަސީގައި އިންޑިއާއިން އިސް ދައުރެއް އަދާކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. ފެބްރުއަރީ މަހު އިންޑިއާގައި ބޭއްވި އޭއައި އިމްޕެކްޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެ ސަމިޓުގެ ތެރެއިން އޭއައިގެ ފުރުސަތުތަކާ ގުޅޭގޮތުން ދެ ގައުމު ގުޅިގެން ނެރުނު ބަޔާނަކީ ފަހުން 35 ގައުމަކުން ސޮއިކުރި ބޮޑު މުއާހަދާއެއް އެކުލަވާލުމަށް މަގުފަހިކޮށްދިން ކަމެއް ކަމަށެވެ.

ޑިމޮކްރެޓިކް ހަމަތަކާއި، އިންޖިނިއަރިންގ ހުނަރާއި، މައުދަން ސާފުކުރުމުގެ ގާބިލުކަމުގެ އިތުރުން ފުޅާވަމުން އަންނަ ޓެކްނޮލޮޖީގެ ނިޒާމެއް އޮތުމުން އިންޑިއާ ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށް ހެލްބަރގް ވިދާޅުވިއެވެ. "އިންޑިއާއަކީ ހަމައެކަނި އަޅުގަނޑުމެންނާ އެއްގޮތް އުސޫލުތަކެއް ގެންގުޅޭ ގައުމެއް ނޫން. އިންޖިނިއަރިންގ މަސައްކަތްތެރިންނާއި ހުނަރުވެރިންގެ އާބާދީއަށް ބަލާއިރު، މުޅި ދުނިޔޭގައިވެސް ޗައިނާއާ އަސާސީ ގޮތުން ވާދަކުރެވޭނެ ހަމައެކަނި ގައުމަކީ އިންޑިއާ،" އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާގެ މައުދަން ސާފުކުރުމުގެ ސިނާއަތާއި، އަލަށް ފެށިގެން އަންނަ ޓެކްނޮލޮޖީގެ ނިޒާމަށް ތައުރީފުކުރައްވައި، ޓެކްނޮލޮޖީގެ 'އެޕްލިކޭޝަން ލޭޔަރ' ގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އައު ޓެކްނޮލޮޖީތައް ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމަކީ ބައިވެރިންގެ މެދުގައި އޮތް 'ޒީރޯ-ސަމް' (އެކަކަށް ލިބޭ މޮޅަކީ އަނެކާއަށް ލިބޭ ދެރައެއް ކަމަށް ބެލެވޭ) މުބާރާތެއްގެ ގޮތުގައި އެމެރިކާއިން ނުދެކޭކަމަށް ހެލްބަރގް ވިދާޅުވިއެވެ. ޓެކްނޮލޮޖީ ސިނާއަތަކީ ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނަ ދާއިރާއަކަށް ވުމުން، އެހެން ކުންފުނިތަކަށް ލިބޭ ކާމިޔާބީއަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށް ވޮޝިންޓަނުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ އާބާދީގެ ބޮޑުކަމާއި، ހަލުވިކަމާއެކު އިގްތިސާދު ކުރިއަރަމުން އައުމުގެ ސަބަބުންނާއި، އަދި އެތައް ބައިވަރު އިންޖިނިއަރުންނެއް ތިބުމުގެ ސަބަބުން، ގުޅިފައިވާ ޑިވެލޮޕަރ ނިޒާމެއް ބިނާކުރުމަށް އިންޑިއާއަކީ އެންމެ އެކަށީގެންވާ މުހިންމު ބައިވެރިޔާކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިހާރު ދުނިޔޭގެ ސަޕްލައި ޗެއިން އޮތްގޮތް ދެމެހެއްޓެން ނެތްކަން ފާހަގަކުރައްވައި ހެލްބަރގް ވިދާޅުވީ، ވަކި ސަރަހައްދުތަކަކަށް އެކަން މާބޮޑަށް ބަރޯސާވެފައިވުމުން، މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ސަޕްލައި ޗެއިން އެކި ދިމާލަށް ފުޅާކޮށް ބަހާލަންޖެހޭ ކަމަށާއި، މައިގަނޑު މަގުސަދަކީ ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް އެހެން ސަރަހައްދުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މެމަރީ ކެޕޭސިޓީ، މައުދަން ސާފުކުރުން އަދި އޭއައި އެޕްލިކޭޝަންތައް ފަދަ ދާއިރާތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހާޑްވެއަރ ސަޕްލައި ޗެއިންގައި މުހިންމު ބައިތައް އުފެއްދުމުގައި އެމެރިކާއާއި އިންޑިއާއަށް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށާއި، ސޮފްޓްވެއަރގެ ދާއިރާއިން ހަރަކާތްތެރި އޭއައި ޑިވެލޮޕަރ ނިޒާމެއް އުފެއްދުމުގައި އިންޑިއާއަކީ ބޮޑު ބަދަލެއް ގެނެސްދޭނެ ބައިވެރިއަކަށް ވެވިދާނެކަމަށް ހެލްބަރގް ވިދާޅުވިއެވެ. އިންޑިއާގެ މާކެޓަށް އެޕްލިކޭޝަންތައް ހަދާ ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިންނަށް އެމެރިކާގެ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ އެންމެންނަށްވެސް އޭގެ ފައިދާކުރާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން "ޑިޖިޓަލް ސޮވެރިންޓީ" ނުވަތަ "އޭއައި ސޮވެރިންޓީ" ގެ ނަމުގައި އޮންނަ މަޅީގައި ނުޖެހުމަށް އޭނާ އިންޒާރުދެއްވިއެވެ. އަމިއްލަ އިސްތިގުލާލު ހިމާޔަތްކުރުމުގެ ނަމުގައި ޓެކްނޮލޮޖީގެ ހުރިހާ މަރުހަލާއެއް ގައުމުގެ އެތެރޭގައި އަލުން އުފެއްދުމަށް ބައެއް ފަރާތްތަކުން ވަކާލާތުކުރި ނަމަވެސް، އޭނާ ވިދާޅުވީ އެއީ އިގްތިސާދީގޮތުން ނުރައްކާތެރި އަދި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. "މީގެ މާނައަކީ ކުރިންވެސް އުފައްދާފައިވާ އެއްޗެއް އަލުން އީޖާދުކުރުމަށް ބިލިއަނުން ޑޮލަރު ޚަރަދުކުރުން،" ހެލްބަރގް ވިދާޅުވިއެވެ. މިފަދަ ގޮތަކަށް އަމަލުކުރުމުން އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެކަމަށާއި، އައު އީޖާދުތަކަށް ބޭނުންކުރެވޭނެ ހުނަރާއި ފައިސާ ބޭކާރުވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އޭނާ ބާރުއެޅުއްވީ އިތުބާރުކުރެވޭ ބައިވެރިންނާއެކު ގުޅިގެން މަސައްކަތްކުރުމަށެވެ. މިސާލެއްގެ ގޮތުން އެމެރިކާގެ ކުންފުނިތަކުން އެސްކޭ ހައިނިކްސްގެ މެމަރީ ޗިޕް ބޭނުންކުރާކަން ފާހަގަކުރައްވައި، އެކި ސަރަހައްދުތަކުގެ ސަޕްލަޔަރުން ބޭނުންކުރުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވިއެވެ. ހަގީގީ އިސްތިގުލާލު ލިބެނީ ދުނިޔޭގެ އީޖާދީ ނިޒާމަށް އެދެވޭ ހިއްސާއެއް ކުރާ ބަޔަކަށް ވެގެންކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޚާރިޖީ ސިޔާސަތަކީ މިހާރު ހަމައެކަނި ޕްރޮސެސްއަށް ބެލުމުގެ ބަދަލުގައި، އޭގެ ނަތީޖާއަށް ނުވަތަ 'ޕްރޮޑަކްޓަށް' އިސްކަންދޭ ސިޔާސަތެއްކަމަށް ހެލްބަރގް ވިދާޅުވިއެވެ. މިގޮތުން ޕެނަމާ ކެނޭލްގެ އޭއައި ޕްލެޓްފޯމާއި، ފިލިޕީންސްގެ އިކޮނޮމިކް ސެކިއުރިޓީ ޒޯނާއި، ސްޓޭންފޯޑާއެކު ހަދާފައިވާ އެޑްވާންސް މެނުފެކްޗަރިންގ ކަރިކިއުލަމްގެ ޕާޓްނަރޝިޕް އޭނާ މިސާލެއްގެ ގޮތުން ނެންގެވިއެވެ. އަދި އައު އީޖާދުތަކާއި ކުރިއެރުމަށް ބާރުއަޅާ ސިޔާސަތެއްގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާސްޓަރކާޑުގެ ޓަކަރ ފޫޓް ވިދާޅުވީ، އެ ކުންފުނިން އިންޑިއާ ދެކެނީ މުހިންމު ޓެކްނޮލޮޖީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އެމެރިކާ ފިޔަވައި އެ ކުންފުނީގެ އެންމެ ބޮޑު މުވައްޒަފުންގެ އާބާދީއެއް އޮންނަނީ އިންޑިއާގައި ކަމަށާއި، އަދި އެ ކުންފުނީގެ ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ހަބް ގާއިމުކޮށްފައިވަނީ އިންޑިއާގެ ޕޫނޭގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ދެ ގައުމުން ގުޅިގެން ރައްކާތެރި ގޮތެއްގައި ޓެކްނޮލޮޖީ ބިނާކުރެވޭނެ ގޮތްތަކާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

މިއަށް ޖަވާބުދެއްވަމުން ހެލްބަރގް ވިދާޅުވީ، އަމާޒަކީ އެމެރިކާއާއި އިންޑިއާ އަދި އެހެނިހެން ބައިވެރިވާ ގައުމުތަކުގެ ކުންފުނިތަކަށް އިތުބާރުކުރެވޭ އަދި ޔަގީންކަން އޮންނަ ސަޕްލައި ޗެއިންތަކެއް ގާއިމުކުރުން ކަމަށެވެ. އެމެރިކާގައި ނުވަތަ އިންޑިއާގައި އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހެން ބައެއްގެ ހުއްދައަށް އެދެންނުޖެހޭ ފަދަ އިގްތިސާދީ މިނިވަންކަމާއި ރައްކާތެރިކަން ކުންފުނިތަކަށް ހޯދައިދިނުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!