ޚަބަރު

ކަމަދޫ ސްކޫލުގެ އައު އިމާރާތް އަންނަ ޓާމުގައި ނިންމައި ބޭނުންކުރަން ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު / ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ބ. ކަމަދޫގައި ބިނާކުރާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައި، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ތެރޭގައި އެތަން އެއްކޮށް ނިންމާލެވޭނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ ކުރެހުންތަކާއި ޕްލޭންކުރުމުގެ މަރުހަލާ މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އަންނަ ޓާމުގެ ފެށުމާ އެކު އަމަލީ މަސައްކަތް މައިދާނުގައި ފެށިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެހެންކަމުން، މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށް ނުދާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރައްވައި، ޑރ. ޝަފީޢު ވިދާޅުވީ އިދާރީ ގޮތުންނާއި ފަންނީ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނިމިފައިވާ ކަމަށެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން މި މަޝްރޫޢު ފަށަން ނިންމި ނަމަވެސް، 2023ވަނަ އަހަރު ވެރިކަން ބަދަލުވެގެން އައިއިރު އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުކޮށްފައި ނެތްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިން ފަރުމާކޮށްފައި އޮތީ އެންމެ ދެ ކިލާސްރޫމާއި އޮފީހެއް އެޅުމަށް ކަމަށްވިޔަސް، ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން، މިހާރު އެ ޕްރޮޖެކްޓު ވަނީ ހަ ކިލާސްރޫމާއި އޮފީސް އިމާރާތެއް ހިމެނޭހެން ބޮޑުކުރެވިފައެވެ. ފައިސާ ހަމަޖެހިފައި ނެތް މިފަދަ އެހެން މަޝްރޫޢުތައް ވެސް ކުރިއަށް ގެންދިއުމަށްޓަކައި 2024ވަނަ އަހަރަށް ހާއްސަ ސްޓްރަކްޗަރ ޕްލޭނެއް އެކުލަވާލާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

ކަމަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކުޑަ ބިމެއްގައި އެންމެ ފުރިހަމައަށް އިމާރާތްކުރެވޭނެ ގޮތުގެ ފަންނީ ލަފާ ހޯދައިގެން ޑިޒައިންތައް ނިންމާފައިވާއިރު، މި ކަންކަމުގެ އެންމެހާ ތަފުސީލުތައް ސްކޫލުގެ މެނޭޖްމަންޓާ ގަވާއިދުން ހިއްސާކުރަމުންދާކަމަށް ވެސް ތައުލީމީ ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދަރިވަރުންނާއި އާންމުން އެންމެ އެދޭ ފަދަ ގޮތަކަށް ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީ ގެނެސްދިނުންކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!