ޚަބަރު

ޔޫކޭ ވިސާ ނެގޭނެ ކްލިނިކެއް ވަގުތީ ގޮތުން ގާއިމްކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ނެގޭނެ ކްލިނިކް އެއް ވަގުތީ ގޮތުން މާލޭގައި ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ 10އޮގަސްޓް 2026އިން ފެށިގެން 12އޮގަސްޓް 2026އަށެވެ. މި ކްލިނިކަކީ އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނާއި، އެކި ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ ޚިދުމަތެއް ކަމަށް ބުނެފައިވެއެވެ.

މި ކްލިނިކް ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށާއި މި ކްލިނިކް ގެ ސަބަބުން ރާއްޖެއިން ބޭރަށް ދާން ނުޖެހި، މާލޭގައި ތިބެގެން ބަޔޯމެޓްރިކްސް ދިނުމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ވިސާ އަށް އެދި ހުށަހަޅަން ބޭނުންވާ ދިވެހިން، އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރުމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!