ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާގައި އައްފާނު ރެފިއުޖީންގެ ގެތައް ތަޅާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޕާކިސްތާނުގެ އުތުރުހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚުވާގައި ދިރިއުޅޭ އައްފާނު ރެފިއުޖީންނާ ދެކޮޅަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ގަވާއިދާ ޚިލާފަށް އުޅޭ އައްފާނިސްތާނު މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، އެމީހުންގެ ގެތައް ތަޅާލުމަށާއި މަގުމަތިން ހުއްޓުވައި ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ޗެކްކުރުން ފަދަ ކަންކަން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށް ރައްޔިތުންނާއި އޮފިޝަލުން އަދި މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އޭޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައްފާނު ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ހިންގާ ބޮޑު ކެމްޕޭނުގެ ދަށުން، ޖުލައި މަހުގެ ތެރޭގައި މަޓާނީ ސަރަހައްދުގައި ހުރި އައްފާނުންގެ ގިނަ ގެތަކެއް ވަނީ ބިމާ ހަމަކޮށްފައެވެ.

ޕެޝާވަރުގެ ޕްރޮވިންޝަލް ވެރިރަށް ކައިރީގައި އޮންނަ މަޓާނީގެ އާންމުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، އައްފާނު ރެފިއުޖީން ދިރިއުޅޭ 200 އެއްހާ ގެއެއްގެ ތެރެއިން ގިނަ ގެތަކެއް ކަމާބެހޭ ފަރާތްތަކުން ވަނީ ޖުލައި މަހުގެ ތެރޭގައި ތަޅާލާފައެވެ. ސަރުކާރުގެ އޮފިޝަލުންނާއި އެ ސަރަހައްދުގެ މީހުން ބުނާގޮތުގައި މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމަށް ޕާކިސްތާނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ގެތައް ތަޅާލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ބުނާގޮތުގައި އެމީހުންގެ މުދާ ސަލާމަތްކުރުމަށް އެކަށީގެންވާ ވަގުތެއް ދީފައެއް ނުވެއެވެ. އުމުރުން 50 އަހަރުގެ ނަޖީބް ރަޙްމާން ބުނީ، އޭނާގެ ގެ ތަޅާލުމުގެ ކުރިން ބައްޕަގެ ބޭސްތަކާއި ކުދިންގެ ސްކޫލް ސެޓްފިކެޓްތައް ފަދަ ޒަރޫރީ ތަކެތި ނެގުމަށްވެސް އޮފިޝަލުން ހުއްދަ ނުދިން ކަމަށެވެ. ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ތެރޭގައި ހުރެ އޭނާ ބުނީ "އޮފިޝަލުން އަހަރެމެންގެ އަޑެއް ނޭހި، އެމީހުން ބުނީ ހަމައެކަނި ގެ ތަޅާލަން" ކަމަށެވެ.

މި ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، ޖުލައި 10 ވަނަ ދުވަހުން ފެށިގެން ސައްހަ ވިސާއެއް ނެތް އައްފާނިސްތާނުގެ ރައްޔިތުން ހައްޔަރުކުރުމަށް ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ޖޫން މަހު މުޅި ގައުމުގެ ފުލުހުންނަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

އދ. ގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 11 ގެ ނިޔަލަށް ހިނގި ހަތް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 6,200 އައްފާނު ރައްޔިތުން ޕާކިސްތާނުން އެނބުރި ގޮސްފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ތިންބައިކުޅަ އެއްބައި އިތުރު އަދަދެކެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޕެޝާވަރުގެ އިސް ފުލުހަކު އޭއެފްޕީއަށް ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ އައްފާނުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ފަށާފައިވަނީ އެ ތާރީޚުގައި ކަމަށާއި، މިހާރުވެސް އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. "ފެޑެރަލް ސަރުކާރުން ސާފު އިރުޝާދުތަކެއް ދިނުމުގެ ކުރިންވެސް، ޕްރޮވިންސްގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ އައްފާނު ރައްޔިތުންގެ މައުލޫމާތު ފުލުހުން އޮތީ އެއްކޮށް ނިންމާފައި،" އޭނާ ބުންޏެވެ.

މަޓާނީގައި ހުރި ގެ ތަޅާލެވުނު އުމުރުން 70 އަހަރުގެ އަޙްމަދު މުލާ ބުނީ ފުލުހުން މީހުންގެ ހާލަތަށް އެއްވެސް ވަރަކަށް ނުބަލާ ކަމަށެވެ. "އަހަރެންގެ ޖީބުގައި ލާރި ހުރިތޯއެއް ނެތްތޯއެއް އެމީހުން އަޅައެއް ނުލާ. އަދި އަހަރެންގެ ސިއްހީ ހާލަތަށްވެސް އެމީހުން ފަރުވާލެއް ނުބަހައްޓާ،" އޭނާ ކިޔައިދިނެވެ.

އޭއެފްޕީގެ ނޫސްވެރިޔަކު ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެޝާވަރުގެ އެކި ސަރަހައްދުތަކުގައި ވަގުތީ ޗެކްޕޮއިންޓްތައް ގާއިމުކޮށް، މަގުމަތިންދާ މީހުންގެ އައިޑެންޓިޓީ ޑޮކިއުމެންޓްތައް ފުލުހުން ދަނީ ޗެކްކުރަމުންނެވެ. ގަވާއިދާ ޚިލާފަށް އުޅޭ އައްފާނުން ހައްޔަރުކުރުމަށް ސާފު އިރުޝާދުތަކެއް ލިބިފައިވާކަމަށް ފުލުހަކު ބުންޏެވެ.

މި އޮޕަރޭޝަންގެ އަސަރު ޕެޝާވަރުގައި އައްފާނު ވިޔަފާރިވެރިން ހިންގާ އެތައް ހާސް ފިހާރައެއް ހިމެނޭ "މިނީ ކާބުލް" މާކެޓަށްވެސް ވަނީ ކޮށްފައެވެ. ފިހާރަތަކުގެ ވެރިން ބުނާގޮތުގައި ކަސްޓަމަރުން ވަރަށް ބޮޑަށް މަދުވެފައިވާއިރު، ބިރުވެރިކަމާ ހެދި ގިނަ އައްފާނުން ގޭގައި ތިބުމުގެ ސަބަބުން ވިޔަފާރިތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.

ސަލާމަތީ ކަންބޮޑުވުންތަކާއި އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމުގެ ބޭނުމުގައި ޕާކިސްތާނުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވަނީ އޮކްޓޯބަރު 2023 ގައެވެ. މި ސިޔާސަތުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ، އައްފާނިސްތާނުގައި ހިނގި އެކި ހަނގުރާމަތަކާ ގުޅިގެން އެތައް ދިހަ އަހަރެއް ވަންދެން ޕާކިސްތާނުގައި ދިރިއުޅެމުން އައި އައްފާނު ރައްޔިތުންނަށެވެ.

މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެފައި މިވަނީ، އިސްލާމްއާބާދާއި އައްފާނިސްތާނުގެ ތާލިބާން ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވެ، ފަހަކަށް އައިސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެފައިވާ ޚައިބަރު ޕަޚްތުންޚުވާގައި ސަލާމަތީ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ކެމްޕޭން ފެށިފަހުން ގާތްގަނޑަކަށް 2.4 މިލިއަން އައްފާނުން ވަނީ އަމިއްލައަށް އެނބުރި ގޮސްފައި ނުވަތަ ޑީޕޯޓްކޮށްލާފައެވެ. އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ ތަފާސްހިސާބުތައް ދައްކާގޮތުން ހަމައެކަނި 2025 ވަނަ އަހަރުވެސް 1.15 މިލިއަނަށްވުރެ ގިނަ އައްފާނުން ޕާކިސްތާނުން އެނބުރި ގޮސްފައިވެއެވެ.

މީހުން ޑީޕޯޓުކުރުމުގެ މި ކެމްޕޭނާ ގުޅިގެން އދ. ގެ އެޖެންސީތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން އިންޒާރު ދީފައިވާ ގޮތުގައި އެނބުރި ގައުމަށްދާ ގިނަ އައްފާނުންނަށް އިގްތިސާދީ ދަތިތަކާއި، އަސާސީ ޚިދުމަތްތައް ލިބުމުގައި ހުރަސްތަކާއި އަދި ރައްކާތެރިކަމުގެ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޚާއްސަކޮށް ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް، ރައްކާތެރިކަމާއެކު އަމިއްލަ އިޚްތިޔާރުގައި މީހުން އަނބުރާ ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕާކިސްތާނަށް ގޮވާލާފައެވެ. އަދި ގެދޮރު ގެއްލިފައިވާ އައްފާނުންނަށް އެހެން ގައުމުތަކުގައި ވަޒަންވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!