އިންޑިއާގައި ދޭން ފާސްކުރި ފުރަތަމަ ޑެންގޫ ވެކްސިން 'ކިއުޑެންގާ': ވެކްސިން ދެނީ ކޮން ބަޔަކަށް؟
އިންޑިއާގައި ޑެންގޫއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ ޤައުމުގައި ފުރަތަމަ ފަހަރަށް ޑެންގޫ ވެކްސިނެއް ދިނުމުގެ ހުއްދަ ދީފިއެވެ. މިގޮތުން، އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) އިން މާކެޓުކުރުމުގެ ހުއްދަ ދީފައިވަނީ 'ކިއުޑެންގާ' (ޑެންގޫ ޓެޓްރާވެލެންޓް ވެކްސިން) އަށެވެ.
ޖަރުމަނުވިލާތުގެ ޓަކޭޑާ ޖީއެމްބީއެޗް އިން އުފައްދާފައިވާ މި ވެކްސިން އިންޑިއާއަށް އެތެރެކުރާނީ ޓަކޭޑާ ބަޔޯފާމަސޫޓިކަލްސް އިންޑިއާ ޕްރައިވެޓް ލިމިޓެޑުންނެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ޑެންގޫ ބަލިން ރައްކާތެރިވުމަށްޓަކައި މުޅި ޤައުމުގައި ވެސް ފާސްކުރެވުނު ފުރަތަމަ ޑެންގޫ ވެކްސިން" ކަމަށެވެ. މި ވެކްސިނަށް ހުއްދަ ދީފައިވަނީ 1940 ވަނަ އަހަރުގެ ޑްރަގްސް އެންޑް ކޮސްމެޓިކްސް އެކްޓާއި، 1945 ވަނަ އަހަރުގެ ޑްރަގްސް ރޫލްސްގެ ދަށުން، ވެކްސިންގެ ފެންވަރާއި، ރައްކާތެރިކަމާއި، އަދި އޭގެ ނަތީޖާ ނުކުންނަ މިންވަރު ފުރިހަމައަށް އިލްމީގޮތުން ދިރާސާކުރުމަށްފަހުގައެވެ.
ރީކޮމްބިނެންޓް ޑީއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ 'ކިއުޑެންގާ' އަކީ ލައިވް، އެޓެނުއޭޓެޑް ޓެޓްރާވެލެންޓް ޑެންގޫ ވެކްސިނެކެވެ. ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމް (ޖީއެމްއޯ) އެކުލެވޭ މި ވެކްސިން އުފައްދާފައިވަނީ ވީރޯ ސެލްތަކެއްގައި، ޑެންގޫ ވައިރަސް ޓައިޕް-2 ގެ މައްޗަށް ބިނާކޮށެވެ. މިއީ ހިއްކާފައި ހުންނަ ކުނޑިއެއްގެ ގޮތުގައި ފޯރުކޮށްދެވޭ ވެކްސިނެކެވެ. މި ވެކްސިން ދެނީ ދިޔާކުރުމަށްފަހު ހަންގަނޑުގެ ދަށަށް ޖަހާ އިންޖެކްޝަނެއްގެ ގޮތުގައެވެ.
މި ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ އުމުރުން 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ލަފާދީފައިވާ ގޮތުގައި މި ވެކްސިން ދޭނީ 0.5 އެމްއެލްގެ ދެ ޑޯޒްގެ ގޮތުގައެވެ. އަދި ދެވަނަ ޑޯޒް ދޭންޖެހޭނީ ފުރަތަމަ ޑޯޒް ދޭތާ ތިން މަސްދުވަސް ފަހުންނެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި މި ވެކްސިނަށް ހުއްދަ ދީފައިވަނީ، ޑެންގޫ އާންމުކޮށް ފެތުރޭ އަދި ނުފެތުރޭ ސަރަޙައްދުތަކުގައި ވެކްސިންގެ ރައްކާތެރިކަމާއި، ދިފާޢީ ނިޒާމަށް ކުރާ އަސަރު ބެލުމަށް ދުނިޔޭގެ ފެންވަރުގައި ހިންގި ފުޅާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށެވެ. ބްރެޒިލް، ތައިލެންޑް އަދި ސްރީލަންކާ ހިމެނޭގޮތަށް 8 ޤައުމަކަށްވުރެ ގިނަ ތަންތަނުގައި މި ތަޙުލީލުތައް ކުރިއަށްގެންދިޔައިރު، އިންޑިއާގައި ވަނީ 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުން ބައިވެރިކޮށްގެން ފޭސް 3 ގެ މުހިންމު ދިރާސާއެއް ވެސް ކޮށްފައެވެ.
ވިލާތުގެ އިއްތިހާދު (އީޔޫ)، އިނގިރޭސިވިލާތް، ސްވިޓްޒަލެންޑް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑް ހިމެނޭހެން ދުނިޔޭގެ 42 ޤައުމެއްގައި 'ކިއުޑެންގާ' ބޭނުންކުރުމުގެ ހުއްދަ މިހާރުވެސް ވަނީ ދީފައެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޕްރީކޮލިފިކޭޝަން ވެސް މި ވެކްސިނަށް ލިބިފައިވެއެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް 24 މިލިއަނަށްވުރެ ގިނަ ޑޯޒް ފޯރުކޮށްދީފައިވާއިރު، ވެކްސިން ބޭނުންކުރާ ޤައުމުތަކުން ލިބިފައިވާ މަޢުލޫމާތުތަކުން މި ވެކްސިންގެ އެއްވެސް ނުރައްކާތެރި މައްސަލައެއް ފާހަގަކުރެވިފައެއް ނުވެއެވެ.
މިއީ މަދިރީގެ ޒަރީއާއިން ފެތުރޭ މި ބައްޔާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ނޭޝަނަލް ވެކްޓަރ ބޯން ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްގެ ދަށުން މިހާރު ކުރިއަށްގެންދާ ޑެންގޫ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ، އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް، ރައްކާތެރި އަދި ފެންވަރު ރަނގަޅު ވެކްސިނާއި ބޭސްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެ ވުޒާރާއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
