ބަންގްލަދޭޝްގެ 'ކެއަރ އިކޮނޮމީ' ބިނާކުރުމުގައި ކުޑަކުދިންގެ މަސައްކަތަށް ބުރަވެގެން ނުވާނެ
ބަންގްލަދޭޝްގެ އިޤްތިޞާދީ ކުރިއެރުމާއި، ޖީޑީޕީ އަދި އެކްސްޕޯޓުން ލިބޭ އާމްދަނީއާ މެދު އަބަދުވެސް ވާހަކަދެކެވެއެވެ. ނަމަވެސް މީގެ އަޑީގައި ފޮރުވިފައިވާ ދެވަނަ އިޤްތިޞާދެއް އޮވެއެވެ. އެއީ ގޭތެރޭގެ މަސައްކަތްތަކާއި، ކުޑަކުދިންނާއި އިސްރަށްވެހިން ބެލެހެއްޓުމުގެ މައްޗަށް ބިނާވެފައިވާ 'ކެއަރ އިކޮނޮމީ' ނުވަތަ އަޅާލުމުގެ އިޤްތިޞާދެވެ.
ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ދާއިރާއަކީ ޤައުމުގެ ޖީޑީޕީގެ 18.9 އިންސައްތައެވެ. މިއީ އެތައް ޓްރިލިއަން ޓާކާއެއްގެ އަގުހުރި މަސައްކަތް ނަމަވެސް، މިއީ އަގުވަޒަންކުރެވި، ބަލައިގަނެވިފައިވާ ދާއިރާއެއް ނޫނެވެ. މި ދާއިރާ ރަސްމީ ސިފައެއްގައި ބައްޓަންކޮށްފިނަމަ، އެކަށީގެންވާ މުސާރައާއި ޤާނޫނީ ރައްކާތެރިކަމާއެކު މިލިއަނުން ވަޒީފާ އުފެއްދިދާނެއެވެ. ނަމަވެސް މިހާރު މި ދާއިރާގައި ގަވާއިދުތަކެއް ނެތުމުގެ ނަތީޖާއަކީ، ގޭތެރޭގެ މަސައްކަތްތަކަށް ކުޑަކުދިން ބޭނުންކުރުން އާންމުވުމެވެ.
މީގެ އަހަރުތަކެއް ކުރިން ގޭތެރޭގެ މަސައްކަތްތައް ކުރުމަށް އާއިލާގެ ނިކަމެތި ކުދިން ގެނެސްގެން ގެންގުޅެއެވެ. އެއީ ކާންބޯންދީ، ބޯހިޔާވަހިކަމާއި ތަޢުލީމު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް މިހާރުގެ އާބަން ދިރިއުޅުމުގައި އާއިލާތަކުން ބޭނުންވަނީ އަގުހެޔޮކޮށް، އަދި ފަސޭހައިން ކޮންޓްރޯލްކުރެވޭ މަސައްކަތްތެރިންނެވެ. އެހެންކަމުން އެމީހުން މިހާރު މިސްރާބު ޖަހަނީ ފަގީރު ރަށްފުށު އާއިލާތަކުގެ ކުޑަކުދިންނަށެވެ.
މިއީ އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ ނިޔަތުގައި ކުރާ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. "އަހަރެން މި ކުއްޖާ ލައްވައި މަސައްކަތް ނުކުރުވައިފިނަމަ އެ ކުއްޖާގެ އާއިލާ ކާނީ ކޯއްޗެއް؟ އަހަރެން އެރަށުގައި ތިބި ފަސް މީހަކަށް އެބަ ކާންދެން،" މިއީ ވަޒީފާދޭ ފަރާތްތަކުން އާންމުކޮށް ދައްކާ އުޒުރެކެވެ.
މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. ސަބަބަކީ މީގެ ސަބަބުން ކުޑަކުދިން ލައްވައި މަސައްކަތްކުރުވުން އާދަޔަކަށް ވެގެންދާތީއެވެ. ކުއްޖަކު ހޯދާ އާމްދަނީއަކީ އާއިލާއެއްގެ މައިގަނޑު އާމްދަނީ ކަމުގައި ވެގެން ނުވާނެއެވެ. ފަގީރު އާއިލާއަކަށް އެހީވާން ބޭނުންނަމަ، އެ އާއިލާގެ ބޮޑު މީހަކަށް އެކަށީގެންވާ މުސާރައެއް ދީފައި ވަޒީފާ ދޭންވީއެވެ. ބަންގްލަދޭޝް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 5 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 9.2 އިންސައްތަ ކުދިންނަކީ މަސައްކަތްކުރާ ކުދިންނެވެ. މިއީ އިތުރުވަމުންދާ އަދަދެކެވެ.
ބަންގްލަދޭޝްގައި 2015 ވަނަ އަހަރުން ފެށިގެން 'ޑޮމެސްޓިކް ވޯކާސް ޕްރޮޓެކްޝަން އެންޑް ވެލްފެއާ ޕޮލިސީ' އެއް އޮތް ނަމަވެސް، އެ ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ. މީގެ ނަތީޖާއަކަށް ވަނީ، އެތައް ހާސް ކުޑަކުދިންނެއް ތަޢުލީމާއި ކުޑަކުދިންގެ ޙައްޤުތަކުން މަޙްރޫމްވެ، އަނިޔާވެރި މާޙައުލެއްގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމެވެ.
ބޮޑުމީހެއްގެ ބަދަލުގައި ކުޑަކުއްޖަކަށް ވަޒީފާ ދިނުމަކީ ހެޔޮކަމެއް ކުރުމެއް ނޫނެވެ. އެއީ ކުއްޖާގެ މުސްތަޤުބަލަށްވުރެ އަމިއްލަ ފަސޭހައަށް އިސްކަންދިނުމެވެ. މިކަން ބަދަލުކުރުމަށް މައިގަނޑު ތިން ކަމެއް ކުރަން ޖެހެއެވެ.
ފުރަތަމަ ކަމަކީ، މި ދާއިރާ ރަސްމީކޮށް، ބޮޑެތި މީހުންނަށް ވަޒީފާ ދިނުމެވެ. އަދި އެކަށީގެންވާ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމެވެ. ދެވަނަ ކަމަކީ، 2015 ގެ ސިޔާސަތު ތަންފީޒީ ޤާނޫނަކަށް ބަދަލުކޮށް، ކުޑަކުދިން ލައްވައި މަސައްކަތްކުރުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމެވެ. ތިންވަނަ ކަމަކީ، ފަގީރުކަމަކީ އުޒުރެއް ކަމުގައި ނުހެދުމެވެ. ދަތި ހާލުގައި އުޅޭ އާއިލާތަކަށް އެހީވުމަކީ 10 އަހަރުގެ ކުއްޖާގެ ބޮލުގައި ދިރިއުޅުމުގެ މަސްއޫލިއްޔަތު އެޅުވުމުގެ ބަދަލުގައި، އެ ކުދިން ސްކޫލުގައި ބައިތިއްބައިގެން މައިންބަފައިންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.
ގޭތެރޭގެ މަސައްކަތްތައް ރަސްމީ ސިފައެއްގައި ބައްޓަންކޮށްފައިވާ ޤައުމުތަކުގައި، ޚާއްޞަކޮށް އަންހެނުންނަށް މިއީ އާމްދަނީ ހޯދޭނެ ވަރަށް ބޮޑު ދާއިރާއެކެވެ. ބަންގްލަދޭޝްގެ ކެއަރ އިކޮނޮމީއަކީވެސް އިޤްތިޞާދީ ގޮތުން ބޮޑު ފައިދާއެއް ހޯދިދާނެ ދާއިރާއެކެވެ. ނަމަވެސް އެކަން ކުޑަކުދިންގެ ބުރަ މަސައްކަތުގެ މައްޗަށް ބިނާކޮށްގެން ނުވާނެއެވެ. މިއީ ކަރާމާތާއި، އެކަށީގެންވާ މަސައްކަތުގެ މާޙައުލަކާއި، ޙައްޤުތައް ކަށަވަރުކުރެވިފައިވާ ދާއިރާއަކަށް ހަދަންޖެހެއެވެ.
(ނޯޓް: މިއީ ނުސްރަތު ޖަހާން ޕުތީ ލިޔެފައިވާ އާޓިކަލެކެވެ. މި ލިޔުމުގައިވާ ޚިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލެވެ. މިއީ 'ދަ ބިޒްނަސް ސްޓޭންޑަރޑް' ގެ ރަސްމީ ބަހެއް ނޫނެވެ.)