ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި "ރޯޑްޝޯ" އެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި "ރޯޑްޝޯ"އެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލެ ޓްރެފިކް ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވައި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށާއި ބަދަހި އަދި އަމާން މުޖުތަމައެއް ބިނާކުރުން ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް 1އަދި 2ގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ބައިވެރިވެލެއްވިއެވެ.

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން، އުޅަނދު ދުއްވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށާއި މަގުހުރަސްކުރާ މީހުންނަށް އިސްކަންދީ އަދި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ކިޔައިދީފައިވެއެވެ.

ހަމައެހެންމެ، ހިނގާބިނގާވެ އުޅޭ މީހުން ވެސް ދުއްވާއެއްޗިއްސަށް ސަމާލުކަންދިނުމަށާއި މަގުހުރަސްކުރާނަމަ މަގުގެ ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކިޔައިދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!