ޚަބަރު

ސޮނެވާ ޖާނީ ރިސޯޓަށް ސަރުކާރުން ހާއްސަ ޝަރަފެއް އަރުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ރިސޯޓަށް ސަރުކާރުގެ ފަރާތުން ހާއްސަ ޝަރަފެއް އަރުވައިފިއެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންސަވޭޝަން މެޝާސް" (އޯ.އީ.ސީ.އެމް)ގެ ރަސްމީ ލަގަބު ސޮނޭވާ ޖާނީއަށް މިއަދު ވަނީ އަރުވާފައެވެ.

ސޮނެވާ ޖާނީއަށް އެ ޝަރަފު އެރުވީ އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްއެވެ.

އެ ރިސޯޓަށް އެ ޝަރަފް އެރުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދިރުންތައް އާލާކޮށް ރައްކާތެރިކުރުމަށް އެ ރިސޯޓުން ކުރަމުންދާ ނަމޫނާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ސޮނޭވާ ޖާނީގެ އެ ނަމޫނާ މަސައްކަތްތަކާ އެކު ރާއްޖޭގެ އެހެން ރަށްތަކާއި ރިސޯޓުތަކަށް ވެސް މިދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ އާ މަގަކަށް ވެގެންދާނެކަމަށެވެ.

އޯ.އީ.ސީ.އެމްއަކީ 2030ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބިމާއި ކަނޑުގެ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ބައިނަލްއަގުވާމީ އަމާޒަށް ކަނޑައަޅާފައިވާ ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖޭގައި އެފަދަ ނިޒާމެއް ތައާރަފްވުމަކީ އެންމެން ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!